އެޗްޑީސީ

އެމްޕީއެލްއަށް ދިން ބިމާއެކު އޮޕަރޭޝަން ވަރުގަދަ ކުރަނީ

Mar 24, 2022

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހުޅުމާލެ އިންޓަނޭޝަނަލް ޓާމިނަލްގެ ކޮންޓެއިނާ ސްޓޯރޭޖް ބޮޑުކުރުމަށް ބޭނުންވާ ބިން ކުއްޔަށް ނެގުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

އެޗްޑީސީގެ ހެޑް އޮފީހުގައި އިއްޔެ އޮތް ރަސްމިއްޔާތެއްގައި އެމްޕީއެލްގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއީއޯ ޝާހިދު އަލީ އެވެ. އެޗްޑީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަހްމަދު އާތިފް އެވެ.

މި އެއްބަސްވުމާ ގުޅިގެން އެމްޕީއެލްގެ ހުޅުމާލެ އިންޓަނޭޝަނަލް ޕޯޓާއި އިންވެގެން އޮންނަ ބިން އެމްޕީއެލް އަށް ލިބޭނެ އެވެ.

އެޗްޑީސީ އިން އެމްޕީއެލް އަށް ކުއްޔަށް ދޫކޮށްފައިވާ 120،000 އަކަފޫޓަށް ވުރެ ބޮޑު ބިމުގައި 2000 އަށް ވުރެ ގިނަ ކޮންޓެއިނާ ބެހެއްޓޭނެ އެވެ.

އެމްޕީއެލް އިން ބުނީ ބިން ލިބުމާ ގުޅިގެން ހުޅުމާލޭގެ ކޮންޓެއިނާ ސްޓޯރޭޖް ބޮޑުކުރުމާއި ޖާގައިގެ ދަތިކަމަށް ހައްލު ގެނައުމަށް ކުރާ މަސައްކަތްތަކުގެ ދަށުން އަލަށް ލިބުނު ބިމުގައި ހުސް ކޮންޓެެއިނަރުތައް ޖެހުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.

ބިމުގެ ޖާގަ ބޮޑުވުމާ އެކު ހިންގުމުގެ ގާބިލްކަން -- އޮޕަރޭޝަން ކެޕޭސިޓީ ވެސް ރަނގަޅު ވާނެ ކަމަށް އެމްޕީއެލް އިން ދެކެ އެވެ.

ކޮންމެ އަހަރެއްގެ ރޯދަ މަހާ ދިމާކޮށް ރާއްޖެއަށް އެތެރެކުރާ މުދަލުގެ އަދަދު ވަރަށް ބޮޑަށް އިތުރުވެގެންދާތީ ރޯދަ މަހަކީ އެމްޕީއެލްގެ މަސައްކަތްތަކަށް ވެސް ބާރު ބޮޑު ދުވަސްވަރެކެވެ.

އެމްޕީއެލް އިން ބުނީ އެ ކުންފުނިން މާލޭގައި ހިންގާ ރާއްޖޭގެ އެންމެ ބޮޑު ވިޔަފާރި ބަނދަރުގައި ކޮންޓެއިނަރު ޖާގަ މަދުވެ މުދާ ނުބޭލިގެން ދިމާވާ މައްސަލަތަކަށް ކުރިއަށް އޮތް ދުވަސްތަކުގައި ހައްލު ލިބޭނެ ކަމަށެވެ.

އެމްޕީއެލް އިން އިތުރަށް ބުނީ އެ ކުންފުނީގެ އަމާޒަކީ ރާއްޖެއަށް މުދާ ހިފައިގެން އަންނަ ބޯޓުތަކުން މުދާ އަވަހަށް ބާލައި ކަސްޓަމަރުންނަށް
ވީހާވެސް އަވަހަށް މުދާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުން ކަމަށެވެ.