އެޗްޑީސީ

އާބަންކޯގެ ނަން ދޫކޮށްލުމަށްފަހު އަލުން އެޗްޑީސީ ކިޔަން ފަށައިފި

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އަށް ބްރޭންޑް ނަމެއްގެ ގޮތުގައި "އާބަންކޯ" ކިޔުން ހުއްޓާލައި އެ ކުންފުނީގެ ނަމުގައި ގޮތުގައި އަނެއްކާވެސް އެޗްޑީސީ ބޭނުންކުރަން ފަށައިފި އެވެ.

މިބަދަލު ގެނައިކަން އެ ކުންފުނިން އިއުލާންކުރީ މިއަދު މިކަމަށްޓަކައި އެޗްޑީސީގައި ބޭއްވި ރަސްމިއްޔާތެެއްގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު އެވެ.

އެޗްޑީސީގެ ނަމުގެ ބަދަލުގައި އެ ކުންފުނީގެ ބްރެންޑް ނަމުގެ ގޮތުގައި "އާބަންކޯ" އާންމުކޮށް ބޭނުންކުރުމަށް އެޗްޑީސީ އިން ނިންމީ އެ ކުންފުންޏަށް 22 އަހަރު ފުރުމާ ދިމާކޮށް ނިމިދިޔަ ވެރިކަމުގައި ކުންފުނި ރީބްރޭންޑް ކުރުމަށްފަހު މިދިޔަ އަަހަރުގެ އޭޕްރީލް އެއްވަނަ ދުވަހު އެވެ.

މާލޭގެ މޭޔަރު ހޮވުމަށް ބޭއްވި ބައި-އިލެކްޝަންގެ ތެރޭގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ހުޅުމާލެއަށް ވަޑައިގެން އެޗްޑީސީއަށް އާބަންކޯ ކިޔާފައިވަނީ ނަމެއްގައި ކަމަށް ވިދާޅުވި އެވެ.

"ބޮޑަށް ހީވަނީ ކޮންމެވެސް ބޮޑު ފައިސާގަނޑެއް ދިނުމަށް ބްރޭންޑިން މަސައްކަތެއް ކޮށްލާފައި އޮތީ ހެން. ގާނޫނީ އެއްވެސް ކަމެއް ކޮށްފައެއް ނެތް،" ރައީސް ވިދާޅުވި އެވެ.

މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް އަމާޒުކޮށްގެން އެޗްޑީސީ އެންމެ ފުރަތަމަ އުފެއްދީ 2001 ވަނަ އަހަރު ރައީސް އޮފީހުން ހިންގާ ވަކި ޔުނިޓެއްގެ ގޮތުގައެވެ. އޭގެފަހުން އެޗްޑީސީގެ ނަން ހުޅުމާލޭ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުގެ ނަމަށްވެސް ބަދަލުކުރި އެވެ. އަދި އޭގެފަހުން ކުންފުނީގެ މެންޑޭޓް ފުޅާކޮށް އަދި ހުޅުމާލޭގެ އިތުރުން ތިލަފުށި، ގުޅިފަޅު، ކުޑަގިރި ވެސް އެޗްޑީސީއަށް ބަދަލުކޮށް އެކުންފުނީގެ ނަން ހައުސިން ޑިވެޕްލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް ބަދަލުކުރި އެވެ.