އެޗްޑީސީ

"ހުޅުމާލެ ފޭސް ތިނަކުން ދޫކުރި ގޯތިތައް ފުށިދިއްގަރުފަޅަށް ބަދަލެއް ނުކުރަން"

ހުޅުމާލޭގެ ތިންވަނަ ފިޔަވަހިން ބިން ލިބުނު މީހުންނަށް އެ ތަނުން ބިން ދިނުމުގެ ބަދަލުގައި ފުށިދިއްގަރުފަޅުން ބިން ދޭން ސަރުކާރުން ނިންމާފައިވާ ކަމަށް ބުނާ ވާހަކަތައް ދޮގުކޮށްފި އެވެ.

ބައެއް ނޫސްތަކުގައި މިއަދު ރިޕޯޓްކޮށްފައިވާ ގޮތުގައި ހުޅުމާލޭގެ ތިންވަނަ ފިޔަވަހިން ދިރިއުޅުމަށް ބިން ދޫކުރުމަށް ރައީސް މުއިއްޒުގެ ސަރުކާރުން ބޭނުމެއް ނުވެ އެވެ. އެހެންވެ ނިމިދިޔަ ސަރުކާރުގައި ހުޅުމާލޭގެ ތިންވަނަ ފިޔަވަހިން ދޭން ނިންމާފައިވާ ގޯތިތައް މިސަރުކާރުން ހިއްކަން ނިންމާފައިވާ ފުށިދިއްގަރުފަޅަށް ބަދަލުކުރަން ނިންމާފައިވާ ކަމަށްވެސް ބައެއް ނޫސްތަކުގައި ރިޕޯޓްކޮށްފައިވެ އެވެ.

ނަމަވެސް ހުޅުމާލެ ހިންގާ ކުންފުނި -- އާބަންކޯގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު ވަނީ މިވާހަކަތައް ދޮގުކޮށްފަ އެވެ.

"އެޗްޑީސީ އިން ހުޅުމާލެ ތިނަކުން ބިން ލިބުނު ފަރާތްތަކުގެ ބިން ފުށިދިއްގަރުފަޅަށް ބަދަލުކުރުމަށް ނިންމި ވާހަކައަކީ ހަގީގަތާ ހިލާފު ވާހަކައެއް،" ފަޒުލް ވިދާޅުވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވަނީ ކ. ގުޅީގެ އިހްތިސާސްގެ ތެރެއަށް ފުށިދިއްގަރުފަޅު ވަންނާތީވެ ގުޅީގެ އިހްތިސާސް އިން ފުށިދިއްގަރުފަޅު ވަކިކޮށް ގުޅީގެ އިހްތިސާސް އަލުން ކަނޑައަޅުއްވާފަ އެވެ.

ރައީސް ޑރ. މުއިއްޒުގެ ސަރުކާރުގައި ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް އެންމެ ބޮޑު އިސްކަމެއް ދެއްވާފައިވަނީ ފުށިދިއްގަރުފަޅު ހިއްކައިގެން އެތަން އާބާދުކުރުމަށެވެ. ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފުށިދިއްގަރުފަޅު ހިއްކުމަށް ރައީސްގެ ވައުދުތަކުގެ ތެރޭގައި ހިމަނާފައިވެ އެވެ. އަދި ފުށިދިއްގަރުފަޅު ހިއްކުމަށް ބޭނުންވާ 400 މިލިއަން ރުފިޔާ އަންނަ އަހަރުގެ ބަޖެޓުގައި ކުރިން ހިމަނާފައިވެސް އޮތެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުން ވަނީ ފުށިދިއްގަރުފަޅު ހިއްކުމަށް ބަޖެޓްގައި ޖެހި 400 މިލިއަން ރުފިޔާ އެހެން ކަންކަމަށް ހަރަދުކުރުމަށް ހިމެނުމަށްފަހު ބަޖެޓް މިއަދު ފާސްކޮށްފަ އެވެ.