އެޗްޑީސީ

އެޗްޑީސީއަށް "އާބަންކޯ" ނުކިޔަން ނިންމައިފި

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އަށް ބްރޭންޑް ނަމެއްގެ ގޮތުގައި "އާބަންކޯ" ކިޔުން ހުއްޓާލުމަށް އެޗްޑީސީ އިން ނިންމައިފި އެވެ.

އެޗްޑީސީގެ ނަމުގެ ބަދަލުގައި އެ ކުންފުނީގެ ބްރެންޑް ނަމުގެ ގޮތުގައި "އާބަންކޯ" އާންމުކޮށް ބޭނުންކުރުމަށް އެ ކުންފުނިން ނިންމީ ނިމިދިޔަ ވެރިކަމުގައި ކުންފުނި ރީބްރޭންޑް ކުރުމަށްފަހު އެެވެ.

އެޗްޑީސީގެ އޮފިޝަލަކު މިއަދު އަވަސްއަށް ވިދާޅުވީ އެޗްޑީސީގެ ބަދަލުގައި އާބަންކޯ ކިޔުމުން ބައެއް މީހުންނަށް އޮޅުންތަކެއް އަރަމުންދާތީ ކުރިންވެސް ކީގޮތަށް އެޗްޑީސީ ކިޔުމަށް ނިންމާފައިވާ ކަމަށެވެ.

"ހަގީގަތުގައި އެއްވެސް އިރަކު އެޗްޑީސީގެ ނަމެއް ގާނޫނީ ގޮތުން ބަދަލެއް ނުވޭ. އޭރުވެސް މިހާރުވެސް މިއީ އެޗްޑީސީ. މިހެން އޮއްވާ ބްރޭންޑް ނަމެއް ކިޔައި އެ ނަން ބޭނުންކުރަން ފެށީމާ މީހުންނަށް ހީވަނީ އެޗްޑީސީ އުވުނީ ކަމަށް،" އޮފިޝަލް ވިދާޅުވި އެވެ.

މާލޭގެ މޭޔަރު ހޮވުމަށް ބޭއްވި ކެމްޕޭންގެ ތެރޭގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ހުޅުމާލެއަށް ވަޑައިގެން އެޗްޑީސީއަށް އާބަންކޯ ކިޔާފައިވަނީ ނަމެއްގައި ކަމަށް ވިދާޅުވި އެވެ.

"ބޮޑަށް ހީވަނީ ކޮންމެވެސް ބޮޑު ފައިސާގަނޑެއް ދިނުމަށް ބްރޭންޑިން މަސައްކަތެއް ކޮށްލާފައި އޮތީ ހެން. ގާނޫނީ އެއްވެސް ކަމެއް ކޮށްފައެއް ނެތް،" ރައީސް ވިދާޅުވި އެވެ.

އެޗްޑީސީ ރީބްރޭންޑްކޮށް އެ ކުންފުނީގެ ބްރޭންޑް ނަމުގެ ގޮތުގައި އާބަންކޯ ބޭނުންކުރަން ފެށީ އެޗްޑީސީއަށް 22 އަހަރުން ފުރުމާ ދިމާކޮށް މިދިޔަ އަހަރުގެ އޭޕްރީލް 1 ވަނަ ދުވަހުން ފެށިގެންނެވެ.

މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް އަމާޒުކޮށްގެން އެޗްޑީސީ އެންމެ ފުރަތަމަ އުފެއްދީ 2001 ވަނަ އަހަރު ރައީސް އޮފީހުން ހިންގާ ވަކި ޔުނިޓެއްގެ ގޮތުގައެވެ. އޭގެފަހުން އެޗްޑީސީގެ ނަން ހުޅުމާލޭ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުގެ ނަމަށްވެސް ބަދަލުކުރި އެވެ. އަދި އޭގެފަހުން ކުންފުނީގެ މެންޑޭޓް ފުޅާކޮށް އަދި ހުޅުމާލޭގެ އިތުރުން ތިލަފުށި، ގުޅިފަޅު، ކުޑަގިރި ވެސް އެޗްޑީސީއަށް ބަދަލުކޮށް އެކުންފުނީގެ ނަން ހައުސިން ޑިވެޕްލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް ބަދަލުކުރި އެވެ.