އާބަންކޯ

އެޗްޑީސީގެ ނަން "އާބަންކޯ"އަށް ބަދަލުކޮށްފި

Apr 1, 2023

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ނަން ރީބްރޭންޑްކޮށް އެ ކުންފުނީގެ ނަން "އާބަންކޯ" ބަދަލުކޮށްފި އެވެ.

އެޗްޑީސީ ރީބްރޭންޑް ކުރިކަން އިއުލާންކުރީ އެ ކުންފުންޏަށް 22 އަހަރު ފުރުމާ ގުޅިގެން މިރޭ ހުޅުމާލޭގެ ސެންޓްރަލް ޕާކްގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

މިބަދަލާ އެކު ހުޅުމާލޭގައި ހުންނަ އެ ކުންފުނީގެ ހެޑް އޮފީހުގެ ލޯގޯ އާއި ނަން މިހާރު ވަނީ އާބަންކޯ އަށް ބަދަލުކޮށްފަ އެވެ.

އެ ކުންފުނިން ބުނީ މި ބަދަލު ގެނައުމުގެ މަގުސަދަކީ ރައްޔިތުންނަށް އިތުރު ފުރިހަމަ ހިދުމަތް ދިނުމާއެކު ރާއްޖޭގެ އެންމެ ބޮޑު އާބަން ޑިވެލޮޕްމަންޓް ކުންފުނީގެ ފުރިހަމަ ލަގަބު ހޯދުމަށް މަސައްކަތް ކުރުން ކަމަށެވެ. ކުންފުނި ރީބްރޭންޑް ކުރީ ރައްޔިތުން ދެކޭ ހުވަފެންތައް ހަގީގަތަކަށް ހަދައިދިނުމަށް ބައިވެރިއެއްގެ ގޮތުގައި މަސައްކަތް ކުރުމަށްވެސް އެ ކުންފުނިން ބުނެ އެވެ.

މިރޭ ގެނައި ބަދަލާ އެކު ކުންފުނީގެ އާ މޯބައިލް އެޕްލިކޭޝަން، އާބަންކޯ އެޕްވެސް މިއަދު ވަނީ ލޯންޗްކޮށްފަ އެވެ. ކުންފުނީގެ ހުރިހާ ހިދުމަތެއް މި އެޕްލިކޭޝަން މެދުވެރިކޮށް ފަސޭހައިން ލިބޭނެ ކަމަށްވެސް އެކުންފުނިން ބުނެ އެވެ.

މާލެ ރައްޔިތުންނަށް ދިމާވެފައި އޮތް ބޯހިޔާވެހިކަމުގެ މައްސަލައަށް ހައްލެއް ގެނައުމަށް އެޗްޑީސީގެ ނަމުގައި ވަކި ޔުނިޓެއް 2001 ވަނަ އަހަރު އެންމެ ފުރަތަމަ އުފެއްދީ ރައީސް އޮފީހުގަ އެވެ. އެތަނުގެ ނަން ފަހުން ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ނަމަށް ބަދަލުކޮށް ހުޅުމާލެ ތަރައްގީކުރުމުގެ މަސައްކަތް އެކުންފުންޏާ ހަވާލުކުރި އެވެ. އެޗްޑީސީގެ ނަން ފަހުން ބަދަލުކުރީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ނަމަށެވެ. އެޗްޑީސީގެ ބެލުމުގެ ދަށުގައި ތިލަފުށި، ގުޅީފަޅު އަދި ކުޑަގިރި ވެސް އެބައޮތެވެ.