އެޗްޑީސީ

އެޗްޑީސީގެ ސީސީއޯ ނާފިޒު ސަސްޕެންޑް ކޮށްފި

އެޗްޑީސީގެ ޗީފް ކޮމާޝަލް އޮފިސަރު (ސީސީއޯ)ގެ މަގާމުގައި ހުންނެވި އަހްމަދު ނާފިޒު ސަސްޕެންޑްކޮށްފި އެވެ.

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމާ ފަޒުލް ރަޝީދު ހަވާލުވުމަށްފަހު ނާފިޒު ސަސްޕެންޑްކޮށްފައިވާ ކަމަށް އެ ކުންފުނީގެ އޮފިޝަލަކު އަވަސްއަށް ޔަގީންކޮށްދެއްވި އެވެ. ނަމަވެސް ސަސްޕެންޑް ކުރި ވަކި ދުވަހެއް އެނގިފައެއް ނުވެ އެވެ.

ނާފިޒަކީ އެޗްޑީސީގެ ނަމުގައި ކުންފުނި ހިންގަމުން ދަނިކޮށް އެ ކުންފުނި ރީބްރޭންޑްކޮށް ކުންފުނީގެ އާންމު ނަމެއްގެ ގޮތުގައި "އާބަންކޯ" ބޭނުންކުރަން އެންމެ އިސްކޮށް މަސައްކަތް ކުރެއްވި އެއް ބޭފުޅެވެ.

ނާފިޒް ސަސްޕެންޑް ކުރުމުގެ ކުރިން އެޗްޑީސީ އިންވެސް އަދި އާބަންކޯއާ އެކި ހައިސިއްޔަތުން މުއާމަލާތް ކުރަންޖެހޭ ބައެއް މީހުންވެސް ނާފިޒަށް ބައެއް ތުހުމަތުތައް ކުރެ އެވެ.

ކޮރަޕްޝަންގެ ތުހުމަތުތަކެއް ނާފިޒަށް ކުރަނީ ހުޅުމާލެ އިން ބައެއް ބިންތައް އެކިއެކި ފަރާތްތަކަށް ކުއްޔަށް ދިނުމުގައި މަގާމުގެ ނުފޫޒު ބޭނުންކޮށްފައިވާ ކަމަށް ބުނެ އެވެ. ނަމަވެސް ތުހުމަތުތަކާ ގުޅިގެން ނާފިޒުގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ.

ނާފިޒަކީ ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފްގެ ބޭބެ އެވެ.