ކަޅުކަނޑުގައި އޮޔާދާ މައިންތަކަށް ސަމާލުވާން، ކަޅުކަނޑު ހުރަސްކޮށް އުޅަނދު އޮޕަރޭޓްކުރާ ކުންފުނިތަކަށް ރަޝިއާ އަންގައިފި އެވެ.
ރަޝިއާގެ ނޮވޮރާސީސްކް ޕޯޓް އޮތޯރިޓީން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން ރަޝިއާގެ މަނަވަރުތަކަށް ހުރަސްއެޅުމަށް ބަނދަރު ބޭރުގައި ފައްތިޔާގައި ޔުކްރޭން ސިފައިން ހަރުކޮށްފައި ހުރި މައިންތައް ގަދައޮޔާހެދި ކަނޑައިގެން ގޮސް ކަޅުކަނޑަށް ފެތުރިމުންދާ ކަމަށެވެ.
މިއީ ޔުކްރޭން މައިންތަކާ ގުޅޭ ގޮތުން އާންމުންގެ ސަމާލުކަމަށް ރަޝިއާ ގޮވާލި ދެވަނަ ފަހަރެވެ.
ޔުކްރޭން ބުނާ ގޮތުން ރަޝިއާ ހަދަނީ ދޮގެވެ. އިތުރު ބަޔަކަށް ގެއްލުންވާ ގޮތަށް ޔުކްރޭނުން މައިން ނާޅާ ކަމަށް ވެސް ޔުކްރޭނުން ބުނެ އެވެ.
އެހެން ނަމަވެސް، ބޮސްޕޮރަސް ކަނޑުއޮޅިން އޮޔާ ދަނިކޮށް ދެ މައިން ނަގައި ނުގޮވާ ގޮތް ހަދާފައިވާ ކަމަށް ތުރުކީ ސިފައިން ބުނެ އެވެ.
ކަޅުކަނޑު ހުރަސްކޮށް ގޮދަނާއި ތެލުގެ ބާވައްތައް ބަރާކޮށްގެން އާންމުކޮށް ދަތުރުކުރާ އާގުބޯޓުތަކުން މައިންތަކަށް ސަމާލުވާން އަންގާފައި ވާއިރު މިކަމާ ގުޅިގެން ކާބޯތަކެއްޗަށް ބަނދަރުތަކަށް އުފުލުމަށް އިތުރު ވަގުތު ނަގާނެ ކަމަށް އޮޕަރޭޓަރުން ބުނެ އެވެ.
ރަޝިއާގެ ފެޑެރަލް ސެކިޔުރިޓީ ސާވިސްއިން ބުނީ މޫސުމީ ބަދަލުތަކުގެ ސަބަބުން މައިންތައް މިސްރާބަށް ބަދަލު އަންނާނެ ކަމަށާއި ރޮމޭނިއާ އާއި ޕޮލޭންޑަށް ވެސް މައިންތައް ފޯރާނެ ކަމަށެވެ.
ޔުކްރޭންގެ ބަދަރު ސިޓީތަކަށް ރަޝިއާ ސިފައި އެރިއަ ނުދިނުމަށް ޔުކްރޭން ސިފައިން ކަނޑުގައި ބަނދެފައި ހުރި މައިންތައް އެކަށީގެންވާ ގޮތަށް ހައްޔަރު ނުކޮށް ދޫކޮށްލުމުން މިހާރު ވަނީ އާންމު ބިރަކަށް ވެފައި ކަމަށް ނޮވޮރާސީސްކް ޕޯޓް އޮތޯރިޓީން ރޮއިޓާސް ބުނެފައިވެ އެވެ.
މިއަހަރު ފެބްރުއަރީ 24 ގައި ރަޝިއާ ސިފައިން ޔުކްރޭނަށް އަރައިގަނެ ދެމުން ގެންދާ ހަމަލާތަކުގައި އަސްކަރީ އަދި މަދަނީ އެތައް އުޅަނދެއް ވަނީ މަރާމާތު ނުކުރެވޭ ވަރަށް ހަލާކުވެފަ އެވެ.
ބޮމާއި މިސައިލުން ދެމުން ގެންދާ ހަމަލާތަކުގައި މަނަވަރުތަކާއި ބޮޑެތި އުޅަނދު ފަހަރު އަޑިއަށް ދާ މަންޒަރު ޚަބަރުތަކުން ފެނެ އެވެ.