ޔުކްރޭން ހަނގުރާމައިގައި އެމެރިކާ ބުނާ ގޮތެއް އިންޑިއާ ނުހަދަ އެވެ. އެމެރިކާ ކޮޅަށް ޖެހި ރަޝިއާއަށް ފާޑު ކިޔައި ނުހަދަ އެވެ.
އިންޑިއާގެ ވިސްނުމަކީ ވަކިކޮޅަކަށް ނުޖެހި ސުލްހައަށް ލޯބި ކުރުމެވެ. އިންޑިއާ އަބަދު ވެސް ބުނަނީ އެކުގައި މަސައްކަތް ނުކުރެވޭ ގައުމެއް ނޯންނާނެ ކަމަށާއި އަސާސަކީ ސުލްހަ ކަމަށެވެ.
އެހެން ނަމަވެސް، އިންޑިޔާގެ ހިމޭނުން އޮތުމަކީ އެމެރިކާއަށް ކަމުދާ ގޮތަކަށް ނުވި އެވެ. ދުރުދުރުން އިންޑިއާއާ ދިމާއަށް ބަސް ބުނަމުން، ފާޑުކިޔަމުން ގޮސް މިހާރު ދެކެވެނީ ދިފާއީ ވަޒީރުން ފެންވަރުގައި އެމެރިކާ އާއި އިންޑިއާ ބައްދަލު ކުރަން އުޅޭ ވާހަކަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން އޭޕްރީލް ކުރީކޮޅު އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ލޮއިޑް އޮސްޓިން އާއި ސެކްރެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކެން އަދި އިންޑިއާގެ ޑިފެންސް މިނިސްޓަރު، ރަޖްނަތު ސިންގާއި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ، ސުބްރަމީނިޔަމް ޖައިޝަންކަރު ބައްދަލު ކުރައްވާނެ ކަމަށެވެ.
މި ބައްދަލުވުން އޮންނަ ވަކި ތަނެއް އަދި ނުބުނެ އެވެ. އެމެރިކާއަށް ހާޖަތު ޖެހިފައި އޮތް މިންވަރަށް ބަލާއިރު ބައްދަލުވުން އިންޑިއާގައި ބޭއްވުމަކީ ވެސް އެކަށީގެންވާ ގޮތެކެވެ.
އެމެރިކާ އާއިން އިންޑިއާގެ ބައްދަލުވުމުގެ ސުރުހީއަކީ ރަޝިއާގެ ތެލާއި ދިފާއީ ނިޒާމްތައް އިންޑިއާއިން ގަތުމެވެ. އަދި އިންޑިއާއާ މެދު އެމެރިކާ އެހާ ގާތްކޮށް ހިތާއިރު އިންޑިއާގެ ކިބައިން އެކުވެރިކަން ނުފެނުމެވެ.
އެމެރިކާ އާއި އިންގިރޭސިވިލާތް އަދި ޔޫރަޕިއަން ޔޫނިއަންގެ ގައުމުތަކުން ކޮންޑާއި ކޮނޑު ޖައްސައި ރަޝިއާ ޗަސްކޮށްލަން މަސައްކަތް ކުރަމުން ގެންދާއިރު އިންޑިއާ ކަހަލަ އާބާދީ ބޮޑު ގައުމެއްގެ އެހީތެރިކަން އެބައިގަނޑަށް ވަރަށް މުހިންމު ވާނެ އެވެ.
ރަޝިއާގައި އުފައްދައި އިންޑިއާއަށް މިހާރު ސަޕްލައި ކުރަމުން ގެންދާ މިސައިލް ޑިފެންސް ސިސްޓަމް އެސް400 އަކީ އެމެރިކާ ވަރަށް ރުޅިއަންނަ އެއްޗެކެވެ.
އިންޑިއާގައި އެސް400 ނުބަހައްޓާނެ ގޮތެއް އޮތިއްޔާ އެގޮތެއް ހަދައިދޭން ވެސް އިންޑިއާގެ ކިބައިން އެމެރިކާ އެދޭނެ އެވެ. އަދި ބަދަލުގައި ކޮންދެވެން ހުރި ކަންތައްތަކާ ބެހޭ ގޮތުން ގޮތެއް ނިންމޭތޯ ސައްލާ ކުރާނެ އެވެ.