އީވާ އަބްދުﷲ

މައިނޯރިޓީ ހިމާޔަތް ނުކުރާނަމަ 2023 އުނދަގޫވާނެ: އީވާ

ސީރިއަސް މައްސަލަތަކާ ގުޅިގެން އިދިކޮޅުން މަޖިލީހަށް ހުށަހަޅާ މައްސަލަަތަކަށް ވެރިކަން ކުރާ އެމްޑީޕީގެ ބައެއް މެމްބަރުން ބޭރުކޮށްލަން މަސައްކަތް ކުރާތީ މަޖިލީހުގެ ނާއިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވަރަށް ބޮޑަށް ނުރުހުން ފާޅު ކުރައްވައި "މައްސަލައެކޭ" ބުނުމުން އެއީ ސަރުކާރާ ޖައްސާލަނީ ކަމަށް ދެކޭނަމަ 2023 ވަރަށް އުނދަގޫވާނެ ކަމަށް ވިދާޅުވެއްޖެ އެވެ.

އީވާ އެފަދައިން ނުރުހުން ފާޅުކުރެއްވީ ލ. ގަން ހޮސްޕިޓަލްގެ ހިދުމަތްތަކުގެ ފެންވަރު ދަށްކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި މައްސަލައަށް ބަލައިގަންނަން އެމްޑީޕީގެ ބައެއް މެމްބަރުން ދެކޮޅު ހެއްދެވުމުން ނެވެ.

އެ މައްސަލަ ބަލައި ނުގަތުމަށް 11 މެމްބަރަކު މިއަދު ވޯޓު ދެއްވި އެވެ. ނަމަވެސް 23 މެމްބަރުންގެ ތާއީދާއެކު އެ މައްސަލައަށް ބަހުސް ކުރަން ފާސްވި އެވެ.

އެ ބަހުސްގައި އީވާ ވިދާޅުވީ ކަންބޮޑުވުން ހުރި ބޮޑެތި މައްސަލަތަކެއް އިދިކޮޅުގެ މެމްބަރަކު މަޖިލީހަށް ހުށަހެޅުމުން އެމްޑީޕީގެ ސުޕަ މެޖޯރިޓީގެ އަޣުލަބިއްޔަތު ބޭނުން ކޮށްގެން އެކަމާ ގުޅޭ ގޮތުން ބަހުސް ކުރުމަށް ހުރަސް އަޅަން ޖެހޭ ސަބަބެއް ނުވިސްނޭ ކަމަށެވެ.

އީވާ ވިދާޅުވީ ސައީދު ހުށަހެޅުއްވި މައްސަލައިގެ އިބާރާތުގައި ވެސް މައްސަލައެއް ނެތް ކަަމަށާއި އަދި ސަރުކާރުން ގަސްދުގައި އެ ހޮސްޕިޓަލަށް އިހުމާލުވަމުންދާ ކަމަށް ދޭހަވާ ފަދަ އިބާރާތެއް ވެސް ނެތް ކަމަށެވެ.

"ސްކޭން ޑޮކްޓަރެއް ނެތްތާ ތިން މަސްދުވަހޭ، އީއެންޓީއެއް ނެތޭ، ސްކޭންކޮށްލަން މާބަނޑު މީހާވެސް މި ޖެހެނީ މާލެއަށް ދާށޭ! މިއީ ތިން އަތޮޅަކަށް ހިދުމަތް ކުރާ ގާތްގަނޑަކަށް 35،000 އެއްހާ އާބާދީއަކަަށް ހިދުމަތް ކުރާ ހޮސްޕިޓަލެއްގެ ވާހަކަ ދާއިރާއަށް ނިސްބަތްވާ މެމްބަރު މަޖިލީހަށް ހުށަހެޅީމަ އަޅުގަނޑު ގަބޫލުކުރަނީ ސަރުކާރު ހިންގާ ޕާޓީގެ ގޮތުން ވެސް އަދި މެޖޯރިޓީ އޮތް މީހުންގެ ގޮތުން ވެސް އަދި މަޖިލީހުގެ މެމްބަރުންގެ ގޮތުން ވެސް އަޅުގަނޑުމެންގެ އަހުލާގީ ޒިންމާއަކީ އެ މައްސަލަ ކޮމިޓީއަށް ގެންގޮސްގެން ބަލައިދިނުމޭ،" އީވާ ވިދާޅުވި އެވެ.

އީވާ ވިދާޅުވީ މިހާރު މަޖިލީހުގައި ކަންކަން ދަނީ ނިމިގެން ދިޔަ ސަރުކާރުގައި މަޖިލިސް ހިނގި ގޮތަށް ކަމަށެވެ. އެގޮތުން އެމްޑީޕީގެ އަޣުލަބިއްޔަތު އޭރު މަޖިލީހުގައި ނެތުމުން އެމްޑީޕީ މެމްބަރުން ހުށަހެޅި މައްސަލަތައް ބަލައިނުގަތް ކަމަށާއި އެހެންވެ އޭރު ޖެހުނީ މެގަ ފޯނުތައް މަޖިލީހުގެ މޭޒުމައްޗަށް އަރައިގެން އަޑު އުފުލަން ކަމަށެވެ.

އެހެންވެ އެމްޑީޕީން ވެރިކަމަށް އައި އިރު ވެސް މައިނޯރިޓީ ހިމާޔަތްކޮށްދޭނެ ކަަަމަށް ވައުދުވި ކަަމަށާއި އަޣުލަބިއްޔަތު ބޭނުންކުރާނީ ނާޖާއިޒް ގޮތުގައި ނޫން ކަމަށް ބުނަމުން ދިޔަކަން އީވާ މިއަދު ހަނދާންކޮށްދެއްވި އެވެ. އެެހެން ނަމަވެސް އެމްޑީޕީން ކަންކަން ކުރަނީ އޭގެ އިދިކޮޅަށް ކަމަށާއި އެހެންކަމުން އެމްޑީޕީން މިއަށްވުރެ ތަސައްރަފު ފުދެން ޖެހޭ ކަމަށެވެ.

"ރައްޔިތުންނަށް ހިދުމަތްކުރަން އަޅުގަނޑުމެން ބޭނުމިއްޔާ މައްސަލަތައް ރަނގަޅަށް ބަލާ ދިނުން ނޫން ގޮތެއް އަޅުގަނޑުމެންނަކަށް ނޯންނާނެ. ކިރިޔާ މައްސަލައޭ ބުނާއިރަށް އެއީ ސަރުކާރާ ޖައްސާލަނީއޭ ބުނާ ކަމަށް ވިއްޔާ 2023 ވަރަށް އުނދަގޫވާނެ" އީވާ ވިދާޅުވި އެވެ.