ޖޭއެސްސީ

15 ފަނޑިޔާރެއްގެ ސުލޫކީ މައްސަލަ ސާބިތެއް ނުވި

Mar 29, 2022

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހެޅުނު ފަނޑިޔާރުންތަކެއްގެ މައްސަލަތަކެއް ތަހުގީގުކޮށް 15 ފަނޑިޔާރެއްގެ ސުލޫކީ މައްސަލަ ސާބިތު ނުވާ ކަމަށް ނިންމައިފި އެވެ.

ޖޭއެސްސީ އިން ފަނޑިޔާރުންތަކެއްގެ މައްސަލަ ބެލީ ކޮވިޑް 19އާއި ގުޅިގެން ސަރުކާރު ބަންދުކުރައްވަން ރައީސުލްޖުމްހޫރިއްޔާ ނިންމަވާ، އެ މުއްދަތުގެ ތެރޭގައި ދައުލަތުގެ ހިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމަށް ދެންނެވި ދެންނެވުމާއި، ސުޕްރީމްކޯޓުގެ ސާކިއުލާ އަދި ޖޭއެސްސީގެ ސާކިއުލާއާ ހިލާފަށް 17 ފަނޑިޔާރަކު އަމަލުކުރެއްވި ކަމަށް ބެލެވިގެންނެވެ.

ޖޭއެސްސީން މިއަދު ބުނީ 17 ފަނޑިޔާރުންގެ މައްސަލަ ބެލުމުން 15 ފަނޑިޔާރެއްގެ މައްޗަށް ސުލޫކީ މައްސަލަ ސާބިތު ނުވާތީ އެ މައްސަލަ އިތުރަށް ކުރިއަށް ގެންދާނެ ތަނެއް ނެތް ކަމަށް ތަހުގީގު ކޮމިޓީން ނިންމާފައިވާ ކަމަށެވެ. އަދި ކޮމިޝަންގެ ބައްދަލުވުމުގައި ވެސް ކޮމިޓީގެ ނިންމުމާ އެއްގޮތަށް އަމަލުކުރަން ފާސްކޮށްފައިވާ ކަމަށެވެ.

ސުލޫކީ މައްސަލަ ސާބިތު ނުވި ފަނޑިޔާރުން

  • ސިވިލް ކޯޓުގެ ގާޒީ އާދަމް އިބްރާޙީމް އިސްމާއީލް
  • ޑްރަގް ކޯޓުގެ ގާޒީ ހުސައިން ޝަހާމަތު މާހިރު
  • ޅ. ކުރެންދޫ މެޖިސްޓްރޭޓް ކޯޓްގެ އިސް މެޖިސްޓްރޭޓް ހުސައިން އިބްރާހީމް
  • ދ. ބަނޑިދޫ މެޖިސްޓްރޭޓް ކޯޓްގެ އިސް މެޖިސްޓްރޭޓް އަހްމަދު އާމިރު
  • މ. މުލީ މެޖިސްޓްރޭޓް ކޯޓްގެ މެޖިސްޓްރޭޓް އަހްމަދު ޝަރީފް
  • ކ. ދިއްފުށި މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް މުހައްމަދު އަހްމަދު
  • ކ. ގުޅި މެޖިސްޓްރޭޓްކޯޓުގެ އިސް މެޖިސްޓްރޭޓް ހައްމާދު ނަސީމް އަލީ
  • ލ. ކުނަހަންދޫ މެޖިސްޓްރޭޓް ކޯޓްގެ އިސް މެޖިސްޓްރޭޓް އަބްދުލް މަޖީދު
  • ހއ. ހޯރަފުށީ މެޖިސްޓްރޭޓް ކޯޓްގެ އިސް މެޖިސްޓްރޭޓް މުޙައްމަދު ޝަރީފް
  • ނ. ޅޮހީ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަހްމަދު ހަސަންމަނިކު
  • ނ. ވެލިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަހްމަދު ސައީދު އަލީ
  • ރ. ވާދޫ މެޖިސްޓްރޭޓް ކޯޓްގެ އިސް މެޖިސްޓްރޭޓް ނަޒީރު މުހައްމަދު
  • ރ. އުނގޫފާރު ދާއިރާގެ އިސް މެޖިސްޓްރޭޓް މުހައްމަދު ސޯދިގު
  • ބ. ތުޅާދޫ މެޖިސްޓްރޭޓް ކޯޓްގެ އިސް މެޖިސްޓްރޭޓް އަބްދުﷲ ހަމީދު
  • ރ. ކިނޮޅަސް މެޖިސްޓްރޭޓް ކޯޓްގެ އިސް މެޖިސްޓްރޭޓް އިބްރާހީމް ޒާހިރު

ޖޭއެސްސީން 17 ފަނޑިޔާރެއްގެ މައްސަލަ ބެލި ނަމަވެސް ބާކީ ތިބި ދެ ފަނޑިޔާރުންނާ މެދު އަމަލުކުރި ގޮތެއް އެ ކޮމިޝަނުން ބުނެފައެއް ނުވެ އެވެ.

ޖޭއެސްސީ އަށް ހުށަހެޅޭ މައްސަލަ ތަކުގައި ފަނޑިޔާރުންނާ މެދު މީގެކުރިން ވެސް އެކޮމިޝަނުން ތަފާތު ފިޔަވަޅުތައް އަޅާފައިވެ އެވެ. އެގޮތުން ސުލޫކީ މައްސަލަތައް ސާބިތުވާ ފަނޑިޔާރުން މަގާމުން ވަކިކުރުމަށް މަޖިލީހަށް ހުށަހެޅުމާއި، ފަނޑިޔާރުން މަސައްކަތް ކުރާ ކޯޓުން އެހެން ކޯޓަކަށް ބަދަލުކުރުމާއި، ތަމްރީން ޕްރޮގްރާމެއް ފުރިހަމަ ކުރަން އެންގުން ކަހަލަ ފިޔަވަޅުތައް އަޅާފައިވެ އެވެ.