ލަންކާއަށް އިންޑިއާ ސިފައިން ފޮނުވަން އުޅޭ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފެތުރިގެންފައިވާ ރާޅުބާނިތަކަށް އިންޑިއާ ޖަވާބު ދީފި އެވެ. ކޮލޮމްބޯގައި ހުންނަ އިންޑިއާ ހައި ކޮމިޝަންގެ އާންމު ބަޔާނެއްގައި ބުނެފައިވާ ގޮތުން ލަންކާއަށް އިންޑިއާ ސިފައިން ނުފޮނުވާނެ އެވެ.
ލަންކާގައި އަމަން ބެލެހެއްޓުމަށް ކަމަށް ބުނެ، ލަންކާއަށް ސިފައިން ފޮނުވަން އިންޑިއާ އުޅެނީ މަކަރުވެރި ރޭވުމަކުން ކަމަށް ބައެއް ނޫސްތަކުގައި ވެސް ވަނީ ޖަހާފަ އެވެ.
މި ޚަބަރު ބޮޑުކޮށް އާންމުން އެއްވެ އުޅޭ މަޝްހޫރު ސޯޝަލް މީޑިއާތަކުގައި ލަންކާ އާއި އިންޑިއާގެ ވެރިން ވީދައި ނޮޅަމުން އެބަ ގެންދެ އެވެ.
އިންޑިއާ ހައި ކޮމިޝަނުން ބުނީ ޒިންމާ އުފުލުމެއް ނެތި ބޭކާރު ވާހަކަ ދެއްކުމުން ދަތި ހާލަތްތަކުގައި ވެސް އަޅާލާނެ ބަޔަކު ނުވާނެ ކަމަށެވެ.
ލަންކާ އާއި އިންޑިއާ އަކީ އަވަށްޓެރިންނަށް ވުރެ ތިމާގެ ދެ ގައުގެ ގޮތުގައި ހައި ކޮމިޝަނުން ސިފަކުރެ އެވެ. ލަންކާއަށް ޖެހިފައި އޮތް އިގުތިސޯދީ ނިކަމެތި ހާލަތުގައި ވެސް، ލަންކާއަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެނީ އިންޑިއާއިންނެވެ.
ލަންކާގެ އިގުތިސޯދީ ހާލަތު ހަމަޖެއްސުމަށް ލޯނު ދިނުމާއި ހިލޭ އެހީގެ ތޮރުގައި ފައިސާ އާއި މުދަލާއި ކާބޯތަކެތި ފޯރުކޮށް ދިނުމުގައި އިންޑިއާ ފެންނަނީ ވަރަށް އަވަދިނެތި އުޅޭ ތަނެވެ.
އިންޑިއާއިން ކާބޯތަކެތި ލަންކާއަށް ފޮނުވުމަށް މިހާރު ވެސް ބޮޑު ޝިޕްމަންޓެއް ހުރީ ތައްޔާރަށެވެ.
ލަންކާ ވެއްޓިފައި އޮތް އިގުތިސޯދީ އަނދިރި ވަޅުގަނޑުން އަރައިގެނެވޭހާ ވެސް ސަރުކާރުގެ މާލިއްޔަތުގައި ނެތެވެ.