އެޗްޑީސީ

ހިޔާ ސަރަހައްދުން މޭޒުތައް ނަގަން އަންގައިފި

ހިޔާ ފްލެޓްތައް ހުންނަ ސަރަހައްދުގައި ކާބޯތަކެތީގެ ހިދުމަތްދޭ ފަރާތްތަކުން ބަހައްޓާފައި ހުރި ތަކެތި އެ ސަރަަހައްދުން ނަގަން އެޗްޑީސީ އިން އަންގައިފި އެވެ.

އެޗްޑީސީ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ހިޔާ ފްލެޓްތައް ހުންނަ ސަރަހައްދަކީ ވަރަށް ގިނަ ކޮންސްޓްރަކްޝަން މަސައްކަތް ކުރާ ސަރަހައްދެއް ކަމަށެވެ. އެހެންކަމުން ކާބޯތަކެތި ވިއްކުމުގެ ހިދުމަތްދޭއިރު ހުންނަންޖެހޭ ސާފުތާހިރު ކަމުގެ މިންގަނޑުތައް ދަށް ކަމަށް އެ ކޯޕަރޭޝަނުން ވަނީ ބުނެފަ އެވެ. އޭގެ ސަބަބުން ބަލިމަޑުކަމެއް ކުރިމަތިވެދާނެ ކަމަށް ވެސް އެޗްޑީސީ އިން ވަނީ ފާހަގަކޮށްފަ އެވެ.

އެޗްޑީސީ އިން ބުނީ އެތަނުގައި މީހުން ކާއެޗެހި ވިއްކަނީ ކަމާބެހޭ ފަރާތްތަކުގެ ހުއްދަ ވެސް ނުނަނަގާ ގަވާއިދާ ހިލާފަށް ކަމަށެވެ. އެހެންކަމުން މާދަމާއިން ފެށެގެން މިމަހުގެ 10 ވަނަ ދުވަހަށް އެ ސަރަހައްދުގައި ކާބޯތަކެތި ވިއްކާ މީހުން އެކަން ހުއްޓައިލައި މޭޒުތަކާއި ގާޑިޔާތައް ނެގުމަށް އެޗްޑީސީ އިން ވަނީ އަންގައިފަ އެވެ.

މި މުއްދަތުގެ ތެރޭގައި އެކަން ހުއްޓައިނުލައިފި ނަމަ އެ ކޯޕަރޭޝަނުން އެތަކެތި ނަގައި އަދި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް ވަނީ ދީފަ އެވެ.

ހިޔާ ފްލެޓް ސަރަހައްދުގައި، ދެ ޓަވަރު ދޭތެރޭ އަދި އެ ސަރަހައްދުގެ ބީޗުގައި ވެސް އަންނަނީ ކާބޯތަކެތި ވިއްކަމުންނެވެ. މި މަސައްކަތުގައި ގިނައިން އުޅެނީ ބިދޭސީން ކަމަށް ވަނީ ފާހަގަކުރެވިފަ އެވެ.