ހިޔާ މަޝްރޫއުގެ ދަށުން ދޫކޮށްފައިވާ ފްލެޓްތަކަށް ދައްކަން ޖެހޭ ފަައިސާ ނުދެއްކުމަށް ބާރުއަޅާ އެކި ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކާއި ގުޅިގެން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވަރުގަދަ އިންޒާރެއްދީ ބަޔާނެއް ނެރެފި އެވެ.
އެޗްޑީސީ އިން މިރޭ ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ހިޔާ މަޝްރޫއުގެ ދަށުން ދޫކޮށްފައިވާ ފްލެޓްތަކަށް ދައްކަން ޖެހޭ ފަައިސާ ނުދެއްކުމަށް ބާރުއަޅާ މެއިންޓެނެންސް ފީ ނެގޭނީ އެގްރީމަންޓްގެ 13 ވަނަ މާއްދާފައި ބުނެފައިވާ ފަދައިން ކޮންމެ ދެ ޓަވަރެއްގެ މެދުގައި އުފައްދާ ކޯޕަރޭޓިވް ސޮސައިޓީގެ ބޯޑަކުން ކަން ބުނަމުންދާ ކަމަށެވެ. އެޗްޑީސީ އިން ބުނީ އެގްރީމަންޓްގެ ބަޔާން ކުރެވިފައިވާ ފަދައިން އެއްބަސްވުމުގައި މެނޭޖްމަންޓް ކޯޕަރޭޝަން އުފެދި އިމާރާތް ބެލެހެއްޓޔމާއި މެނޭޖްކުރުމުގެ ޒިންމާ ގާނޫނަކުން ނުވަތަ ގަވާއިދަކުން ނުވަތަ ކަމާބެހޭ އިދާރާއަކުން ކަނޑައަޅާ އުސޫލެއްގެ ދަށުން އެހެން ފަރާތަކަށް ނަގުލުވުމާއި ހަމައަށް އިމާރާތް އިންޝުއުރަންސް ކުރުމާއި މަރާމާތު ކުރުމާއި ބެލެހެއްޓުމުގެ މަސްއޫލިއްުޔަތު އުފުލުމަށް ފްލެޓް ވިއްކާ ފަރާތާއި ފްލެޓް ގަންނަ ފަރާތް އެއްބަސްވެފައިވާ ކަމަށެވެ.
އަދި ޖަނަވަރީ 31 ވަނަ ދުވަހު އެޗްޑީސީ އިން ކޮށްފައިވާ އިއުލާނުގައިވާ ބަޔާންކޮށްފައިވާ ފަދައިން ޑިސެންބަރު 20، 2021 ގައި އެއްމެދު އިމާރާތުގެ ގާނޫނު ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރައްވާ އެއްމެދު އިމާރާތް ބެލެހެއްޓުމާއި ބެހޭ ގޮތުން އަމަލުކުރަން ޖެހޭ ގޮތްތަކެެއް ކަނޑައަޅާފައިވާކަންވެސް ވަނީ ހަނދާންކޮށްދީފައެވެ.
އެޗްޑީސީ އިން ބުނީ ހިޔާ މަޝްރޫއުގެ ދަށުން ތަރައްގީކޮށްފައިވާ 16 ޓަވަރު ބެލެހެއްޓޔމާއި މެނޭޖްކުރުމަށް މެނޭޖްމަންޓް ކޯޕަރޭޝަން ހަމަޖެއްސުމަށްޓަކައި ކުރިއަށް ގެންދަންވީ ގޮތެއް ކަމާބެހޭ މުއައްސަސާތަކާއެކު ދަނީ މަޝްވަރާ ކުރަމުން ކަމަށެވެ. އެހެން ކަމުން މި ހާލަތުގައި އިންސްޓޯލްމަންޓަށްވާ ފައިސާ އަދި މެއިންޓޭނަންސް ފީ ނެގުމުގައި އެއްވެސް ހުރަހެއް ނެތް ކަމަށެވެ.
"މީގެ އިތުރުންވެސް ގާނޫނީ ގޮތުން ހެދިފައިޗާ އެއްބަސްވުމެއްގައި ބަޔާންކޮށްފައިވާ ކަންކަމަށް ހިލާފުވުމަށް ގޮވާލާ މިކަމަށް ހިތްވަރުދީބާރު އެޅުމަކީ ކުށެއް ކަމުގައި ފާހަގަކޮށް މިކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ހާލު މި މައްސަލަ ބައްލަވައިދެއްވުމަށާއި މިކަމުން ލިބޭ ގެއްލުމުގެ ބަދަލު ހޯދުމަށް އެދި ކަމާބެހޭ މުއައްސަސާތަކަށް ހުށައަޅާނެ ވާހަކަ ދަންނަވަމެވެ،"
ހިޔާ ފްލެޓްތަކުން ކުލި ނަގަން ފަށައިފައި ވަނީ ގަވާއިދާ ހިލާފަށް ކަމަށް ހިޔާ ޔޫނިއަން ވަނީ ބުނެފައެވެ.
ހިޔާ ޔޫނިއަން އިން ބުނީ މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހިޔާ ފްލެޓްތަކުން ކުލި ނަގަން ފަށައިފައި ވަނީ ފްލެޓް ވެރިންނާއެކު ހަދާފައިވާ އެއްބަސްވުމާ ހިލާފަށް ކަމަށެވެ.
އެގޮތުން މެއިންޓެނެންސް ފީ ނެގޭނީ އެގްރިމެންޓްގެ 13 ވަނަ މާއްދާގެ (ހ) ގައި ބުނާފަދައިން ކޮންމެ ދެ ޓަވަރެއްގެ މެދުގައި އުފައްދާ ކޯޕަރޭޓިވް ސޮސައިޓީގެ ބޯޑު މެދުވެރިކޮށް ކަމަށް އެ ޔޫނިއަން އިން ބުންޏެވެ. އެ އެއްބަސްވުމުގައި، އެކަން ހަ މަސް ދުވަހުގެ ތެރޭގައި އެޗްޑީސީ އިން ނިންމަން ޖެހޭނެ ކަމަށް އެއްބަސްވުމުގައިވާ ކަމަށް ވެސް ޔޫނިއަން އިން ބުނެ އެވެ.
ހިޔާ ޔޫނިއަން އިން ބުނީ މި ސަބަބުގެ އިތުރުން ހިޔާ ފްލެޓްތައް ހުރި ސަރަހައްދުގައި ހުރި ގިނަ މައްސަލަތަކާއި، ވަކިވަކި ފަރާތްތަކުގެ ހާލަތާއި އަދި ރޯދަމަސް ކުރިމަތިވި މި ދަނޑިވަޅަށް ރިއާޔަތްކޮށް ފްލެޓްތަކުން ކުލި ނެގުން އަދި ވެސް އަވަސް ކަމަށް ގަބޫލުކުރާ ކަމަށެވެ.
މީގެ އިތުރުން ފެލްޓްތަލުގެ ކުލި ނުދައްކާ މަޑު ޖައްސައިލުމަށް ޔޫނިއަން އިން ވަނީ ފްލެޓް ވެރިންނަށް ވެސް އަންގައިފަ އެވެ.
އެ ޔޫނިއަން އިން ބުނީ ފްލެޓްތަކުގެ އަގު ކުޑަކުރުމަށް އަދިވެސް މަސައްކަތް ކުރަމުން އަންނަ ކަމަށް ވަނީ ބުނެފަ އެވެ. ހިޔާ ޔޫނިއަން އިން ވަނީ މިހާރު ނަގަމުން އަންނަ ކުލި 5600 ރުފިޔާއަށް ކުޑަކޮށްދިނުމަށް ސަރުކާރުގައި އެދިފަ އެވެ. އެގޮތުން ފްލެޓް ލިބުނު 2177 މީހުންގެ ސޮޔާއެކީ ސަރުކާރަށް ޕެޓިޝަނެއް ހުށަހެޅި އެވެ. އެކަމަކު ސަރުކާރުން ބުނެފައި ވަނީ ކުލި ކުޑަނުކޮށްދެވެން ކަމަށެވެ.
މީގެ އިތުރުން ކުލި ކުޑަކޮށްދިނުމަށް އެދި 1900 މީހުންގެ ވަކިވަކި ސިޓީތަކެއް އެޗްޑީސީއަށް ހުށަހެޅި އެވެ. އެކަމަކު އެ ސިޓީތަކަށް އެޗްޑީސީ އިން ވަރަށް ޒިންމާދާރުކަން ކުޑަ ގޮތަކަށް ޖަވާބު ދެމުން އަންނަ ކަމަށް ހިޔާ ޔޫނިއަން އިން ބުނެ އެވެ.