އެޗްޑީސީ

ހިޔާ ފްލެޓްތަކުގެ އޭސީ ޑްރެއިން ހޮޅިން ފެން ލީކުވާ މައްސަލަ ހައްލުކުރަނީ

ހުޅުމާލޭ ހިޔާ ފްލެޓްތަކުގެ އޭސީ ޑްރެއިން ހޮޅިން ފެން ލީކުވާ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ފަށައިފި އެވެ.

އެޗްޑީސީ އިން ބުނީ ހިޔާ 7،000 މަޝްރޫއުގެ ފްލެޓްތަކުގެ އޭސީ އިން ފެން ބޭރުވާ ހޮޅިތައް ގުޅުމަށް ކަނޑައެޅިފައިވާ މައި ހޮޅިޔަށް ބައެއް ފްލެޓްތަކުން ހޮޅި ގުޅާފައި ނުވުމުގެ ސަބަބުން އިމާރާތުގެ ވައި ގޮޅިތަކުން ފެން ފައިބާ އިމާރާތަށާއި ބައެއް ފްލެޓްތަކަށް ގެއްލުން ލިބެމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އެހެންކަމުން މި މައްސަލަ ރަނގަޅުކުރާނެ ގޮތުގެ މައުލޫމާތު ހިޔާ ފްލެޓްގައި ދިރިއުޅޭ މީހުންނަށް ހިއްސާކުރުމަށް ހަމަޖެހިފައިވާ ކަމަށް އެޗްޑީސީ އިން ބުނެ އެވެ.

މި ގޮތުން އަންނަ އާދިއްތަ ދުވަހުން ފެށިގެން ހިޔާ ފްލެޓްތަކަށް ޒިޔާރަތް ކުރުމަށް ހަމަޖެހިފައިވާ ކަމަށާއި ޓަވަރުތަކަށް ޒިޔާރަތްކުރުމަށް ތާވަލު ކުރެވޭ ގޮތުގެ މައުލޫމާތު ހިޔާ 7،000 ވައިބާ ކޮމިއުނިޓީގައި ހިއްސާކުރަމުން ގެންދާނެ ކަމަށް އެޗްޑީސީން ބުނެ އެވެ.

މި މައްސަލަ ހައްލުކުރުމަށް އެޗްޑީސީން ކުރަމުންދާ މަސައްކަތަށް ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ މީހުން އެއްބާރުލުން ދިނުމަށް އެ ކޯޕަރޭޝަނުން ވަނީ އެދިފަ އެވެ.