ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ރައްޔިތުންގެ ފަރާތުން އަންނަ ޝަކުވާތައް ބަލައި އެއަށް ހައްލު ހޯދުމަށްޓަކައި މަޝްވަރާ ކުރަމުން ގެންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ އެއްގަމު ދަތުރުފަތުރުގެ ދާއިމީ ހައްލު ހުޅުމާލެ ދެ ވަނަ ފިޔަވަހީގެ ރަށްވެހިންނަށް ރާއްޖެ ޓްރާންސްޕޯޓް ލިންކުގެ ބަސްތައް ތައާރަފް ކުރުމަށް ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ ހުޅުމާލެ ފޭސް ދޭއް ގައި ދިރިއުޅޭ ރައްޔިތުންގެ ފަރާތުން އަދިވެސް ކަންބޮޑުވުންތައް ހިއްސާ ކުރަމުންދާ ކަމަށާ ރައީސް އޮފީހަށް އޭގެ ޝަކުވާތައް އަންނަ ކަމަށެވެ. އެންމެ ފުރަތަމަ ކަމަކަށް ހުށަހަޅާފައިވަނީ ހިޔާ ފްލެޓްގެ ކުލީގެ އަގުބޮޑު ވާހަކަ ކަމަށާ އެ ނޫންވެސް އެތައް ކަމެއްގެ ޝަކުވާ ލިބެމުންދާ ކަމަށެވެ.
"ހުޅުމާލޭ ފޭސް ދޭއް ގައި ދިރިއުޅެމުންދާ ރައްޔިތުންނަށް ދިމާވެފައިވާ ބޮޑެތި ގޮންޖެހުންތަކާއި ދޭން ބޭނުންވެފައިވާ ހިދުމަތްތަކާ ގުޅިގެން މި އަންނަ ޝަކުވާތައް ވަރަށް ކައިރިން އަޅުގަނޑުމެން މި ގެންދަނީ ބަލަމުން. އަދި އެކަމަށް މިހާރުން މިހާރަށް ގެނެވެން އޮތް ހައްލެއް ގެނެސް އަދި ކުރެވެން އޮތް ހުރިހާ ކަންތައްތަކެއް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ކުރަމުން ގެންދާނަން،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރައީސް އޮފީހަށް އަންނަ އެކިއެކި ޝަކުވާތައް ވީހާވެސް ކައިރިން ބަލައި އެއަށް ހައްލު ހޯދުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އިސްވެ ހުންނަވައި އަދި މިނިސްޓަރު އަހުމަދު ސަމީރު އެކުލެވޭ ގޮތަށް ދުވަހުން ދުވަހަށް އެމަނިކުފާނާ މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށެވެ. އެ ޝަކުވާތަކަށް ހައްލު ހޯއްދަވައިދެއްވާނެ ކަމުގެ ޔަގީންކަން ތަކުރާރުކޮށް ވަނީ ދެއްވާފައެވެ.
ފޭސް ދޭއްގައި 70،000 ގެ އާބާދީއެއް
ރައީސް ސޯލިހް ވިދާޅުވީ ހުޅުމާލޭ ފޭސް ދޭއްގައި މިހާރުވެސް ފަނަރަހާހެއްހާ ރައްޔިތުން ދިރިއުޅެމުންދާ ކަމަށާ އަދި ހިޔާ ފްލެޓްތަކުގައި އެކީގައި މީހުން އާބާދުވެ ދިރިއުޅެން ފަށާއިރުގައި ގާތްގަނޑަކަށް ސާޅީހަކަށްހާސް މީހުން ދިރިއުޅެމުންދާނެ ކަމަށެވެ.
"އަދި އޭގެ އިތުރުން މި ސަރުކާރުން ހުޅުމާލޭ ފޭސް ދޭއް ގައި އަޅަން ނިންމާފައި އޮތް ފްލެޓްތަކުގެ ތެރެއިން މިހާރު ކުރިއަށްގެންދާ ހަތަރުހާސް ފްލެޓާއި، އޭގެ އިތުރުން ދެހާސް ފްލެޓާއެކު، ހަހާސް ފްލެޓާއި، އެއްހާސް ގޯތި މިތަނުން ދޭއިރުގައި، ހުޅުމާލޭ ފޭސް ދޭއް ގައި ހަތްދިހަހާހަށް ވުރެ ގިނަ ރައްޔިތުން ދިރިއުޅޭނެ. ދޭންވާ ހިދުމަތްތައް ވަރަށް ބޮޑުތަނުން ފުޅާވެގެންދާނެ،" ރައީސް ވިދާޅުވިއެވެ.
އެހާތަނަށް ދަތުރުފަތުރުގެ ނިޒާމު މިއަށްވުރެވެސް ހަރުދަނާ ކުރަން ޖެހޭނެ ކަމަށާ ސިއްހީ ހިދުމަތް މިހާރަށްވުރެ ފަސޭހައިން ލިބޭނެ ގޮތް ވާން ޖެހޭނެ ކަމަށެވެ. ސްކޫލްތައް ގިނަކުރަން ޖެހޭ ކަމަށެވެ.
"މި ފްލެޓްތައް ހެދިގެންދިޔައިރުގައި ކުރިމަތިވެފައި އޮތް އެންމެ އުނދަގޫ އެއް މައްސަލައަކީ މިތާ ދިރިއުޅޭ ރައްޔިތުންގެ ދުއްވާ ތަކެތި ކާރާއި ސައިކަލާއި އަދި އެނޫންވެސް ތަކެތި ޕާކްކުރާނެ ތަނެއް ޕްލޭން ކުރެވިފައި ނެތްކަން. އަޅުގަނޑު ހިތުން އެޗްޑީސީ އިން މިކަމަށް ހައްލެއް އެބަ ހޯދައިދޭން ޖެހޭ. ޕްލޭންގައި ނެތް ކަމަށް ވަންޏާ ޕްލޭންގެ ތެރޭގައި އެބަ އިތުރުކޮށް އެ ފަސޭހަވެސް މިތާ ދިރިއުޅޭ ރައްޔިތުންނަށް ހޯދައިދޭން އެބަޖެހޭ،" ރައީސް ވިދާޅުވިއެވެ.
10 ސުކޫލާއި ހޮސްޕިޓަލަކާ ތިން ކްލިނިކް
ރައީސްގެ ވާހަކަފުޅުގައި ފޭސް ދޭއް ގައި ދިރިއުޅޭ ރައްޔިތުންނަށް ހިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި ބުރަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވިއެވެ.
އެގޮތުން އެ އަވަށުގައި ދިރިއުޅޭ ދަރިވަރުންނަށް ތައުލީމު ދިނުމަށްޓަކައި ބޭނުންވާ ސްކޫލްތައް އެޅުމުގެ މަސައްކަތް ވަރަށް ބާރު ސްޕީޑްގައި ކުރިއަށް ގެންދަވާ ކަަމަށް ވިދާޅުވިއެވެ. އެގޮތުން ފޭސް ދޭއް ގައި 8 ސްކޫލަކާއި އިތުރު ދެ ޕްރީސްކޫލް ހިމެނޭހެން ޖުމްލަ 10 ސުކޫލު އެޅުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ.
".. އޭގެތެރެއިން މިހާރު އެއް ސްކޫލާއި ދެ ޕްރީސްކޫލްގެ މަސައްކަތް ނިމި މިހާރު ވަނީ ހުޅުވިފައި. އަދި މިހާރު ކުރިއަށްދާ ސަލާހުއްދީން ސްކޫލްގެ މަސައްކަތް އިރާދަކުރެއްވިއްޔާ 2023 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި ހުޅުވި ކުދިންނަށް ސްކޫލަށް ދެވޭވަރު އިރާދަކުރެއްވިއްޔާ ކުރެވޭނެ. އަދި އިތުރަށް ކުރިއަށްދާ ޕްރީސްކޫލްގެ ދެ ސްކޫލް 2023 ވަނަ އަހަރުގެ އޮގަސްޓު މަހުގެ ތެރެއަށް ނިންމައި ޚިދުމަތް ދެވޭވަރުވާނެ،"
އަދި ވިދާޅުވީ ސަރަހައްދުގައި ސަރުކާރުން އަޅާފައިވާ ވަގުތީ ދެ މިސްކިތާއި އަމިއްލަ ބަޔަކު އަޅާފައިވާ ދެ މިސްކިތް ބޭނުން ކުރަމުންދާއިރު ސަރުކާރުން މިހާރުވެސް 3000 މީހުންގެ މިސްކިތެއް އެޅުމުގެ މަސައްކަތް ކުރިއަށް ގެންދަވާ ކަމަށެވެ. އަދި އަމިއްލަ ފަރާތަކުން އިތުރު މިސްކިތެއް އެޅުމުގެ މަސައްކަތް ކުރިއަށް ގެންދަވާ ކަމަށް ވިދާޅުވިއެވެ.
ސިއްހީ ހިދުމަތް ހިޔާ ފްލެޓްތަކުން ލިބޭނެ ގޮތް ހެދުމަށް ތިން ކްލިނިކަކާއި ތިން ފާމަސީގެ ހިދުމަތް ދިނުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ. އޭގެ އިތުރުން ފޭސް ދޭއް ގައި އިތުރު ހޮސްޕިޓަލާއި އިތުރު ސިއްހީ ހިދުމަތްތައް ލިބޭނެ ވަސީލަތްތައް ގާއިމުކުރުމަށް މިހާރުވެސް އެޗްޑީސީ އިން އެ މަަސައްކަތް ބީލަމަށް ލައި އެކަމުގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވަމުންސާ ކަމަށެވެ.
"މިހާރު އަޅުގަނޑަށް އެނގިފައި އޮތް ގޮތުން މަގުތައް ހެދުމުގެ ގާތްގަނޑަކަށް 85 ޕަސެންޓް ވަނީ ނިމިފައި،" ރައީސް ވިދާޅުވިއެވެ.