އަހުމަދު ސަލީމް (ރެޑްވޭވް)

ފްލެޓް ކުލި ކުޑަ ކޮށްދޭން ގޮވާލައިފި

ހުޅުމަލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓްތަކުގެ ކުލި ސަރުކާރުން ފައިސާ ލައިގެން ވިޔަސް ކުޑަކޮއްދޭން ހޯރަފުށީ ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު ސަލީމް ގޮވާލައްވައިފި އެވެ.

ސަލީމް މިކަމަށް ގޮވަލެއްވީ މަޖިލީހުގެ ޕެޓިޝަން ކޮމިޓީގައި ހިޔާ ފްލެޓް ޕެޓިޝަނައި ގުޅޭގޮތުން ކަމާގުޅުން ހުރި އިދާރާތައް ހާޒިކޮށް މިއަދު ކުރިއަށް ގެންދިޔަ ބައްދަލުވުމުގަ އެވެ. އޭނާ ވިދާޅުވީ ހިޔާ ފްލެޓުތަކުގެ ކުލި ބޮޑުވީ މަޝްރޫއުގައި ހިޔާނާތް އޮތީމަ ކަމަށެވެ.

ހުސް ފާރުތަކެއް ހުރި ތަނެއް ބޮޑު ކުލީގައި ނިކަމެތި ރައްޔިތުންނަށް ދިނުމަކީ ވަރަށް ބޮޑ އަނިޔާއެއް ކަމަށް ސަލީމް ވިދާޅުވި އެވެ. އަދި ސަރުކާރުން އަމިއްލައަށް އިތުރު ފައިސާ ލައިގެން ވިޔަސް ފްލެޓްތަކުގެ ކުލި 5000 ރިފިޔާއަށް ވުރެ ކުޑަކޮށްދިނުމަށް ގޮވާލެއްވި އެވެ.

މީގެ އިތުރުން ސަލީމް ވިދާޅުވީ ގްރޭސް ޕީރިއަޑްގެ ގޮތުގައި އެއް އަހަރު ސަރުކާރުން ދޭންޖެހޭނެ ކަމަށެވެ. އަދި ފިނިޝިން އަށް ހޭދަވާ ހަރަދުން އެއް މިލިއަން އަނބުރާ ވެސް ސަރުރާކުން ދޭން ޖެހޭނެ ކަމަށެވެ. ސަރުކާރުން ވަރަށް ގިނަ ކަންކަމުގައި ބިލިއަނަކާ ގާތަށް ސަބްސިޓީ ދޭކަން ފާހަގަކުރައްވަމުން ސަލީމް ވިދާޅުވީ ހިޔާ ފްލެޓް ވެރިންނަށް ވެސް ސަރުކާރުން ލުއި ގޮތްތަކެއް ހޯދައިދޭންޖެހޭނެ ކަމަށެވެ.

ހިޔާ މަޝްރޫއުގެ ދަށުން އަޅާފައިވާ ފްލެޓްތަކުގެ ތަޅުދަނޑިތައް ހަވާލު ކުރަން ފަށައިފައި ވަނީ މިދިޔަ ޖުލައި މަހުގެ 14 ވަނަ ދުވަހުން ފެށިގެނެވެ. 6720 ޔުނިޓްގެ ތެރެއިން މިހާތަނަށް ސޮއި ކޮށްފައި ވަނީ 5519 މީހުނެވެ.

ހިޔާ ޔޫނިއަންގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައިވާ ހިޔާ ފްލެޓް ޕެޓިޝަންގައި އެދިފައިވަނީ ފްލެޓްތަކުގެ މަހު ކުލި 5،600ރ. އަށް ކުޑަކޮށްދިނުމަށާއި އިންޓީރިއަ އާއި ފިނިޝިން އަށް ހޭދަވާ ގްރޭސް ޕީރިއަޑް 12 މަހަށް އިތުރުކޮށް، ޖުމުލަ އަގުން އިންޓީރިއާ އަށް ހޭދަވާ އެއް ލައްކަ ރުފިޔާ މާފުކޮށްދިނުމަށެވެ.

ހިޔާ ފްލެޓްގެ ކުއްޔަށް މަހަކު 7،500ރ. އަދި މެއިންޓަނަންސް ފީގެ ގޮތުގައި 1،000 ރުފިޔާ ނަގަން ސަރުކާރުން ވަނީ ކަނޑައަޅައިފަ އެވެ. ފްލެޓް އެޅުމަށް ނެގި ލޯނު އަނބުރާ ދައްކަން ޖެހޭތީ ކުލި ކުޑަކުރެވެން ނެތް ކަމަށް ސަރުކާރުން ގެންދަނީ ތަކުރާރުކޮށް ބުނަމުންނެވެ. އެކަމަކު ފްލެޓްގެ އެތެރޭގެ މަސައްކަތް ފްލެޓް ލިބޭ މީހުން އަމިއްލަ ހަރަދުގައި ކުރަން ޖެހޭއިރު އެކަމަށް ލައްކައެއްހާ ރުފިޔާ ހަރަދުވާނެ ކަމަށް ފްލެޓް ލިބުނު މީހުން ބުނެ އެވެ.