ސްޓެލްކޯ

މައްސަލަ ހައްލުކޮށް ފްލެޓްތަކަށް ކަރަންޓު ދީފި

ހިޔާ ފްލެޓްތަކުގެ ކަރަންޓު ކޭބަލަށް ދިމާވި މައްސަލަ ހައްލުކޮށް ފްލެޓްތަކަށް ކަރަންޓުދޭން ފަށައިފި އެވެ.

ހިޔާ ފްލެޓްތަކުން މިއަދު ކަރަންޓު ކެނޑުނީ މަގު ކޮނުމުގެ މަސައްކަތެއްގެ ތެރޭގައި ކޭބަލެއް ފަޅައިގެން ގޮސްގެންނެވެ. އެޔާއެކު ފެނުގެ ހިދުމަތް ވެސް ކެނޑުނެވެ.

ނަމަވެސް މިހާރު އެ ކޭބަލް ހަދާފައިވާ ކަމަށް ސްޓެލްކޯއިން ބުންޏެވެ. އަދި ކަރަންޓު ކެނޑުނު ހުރިހާ ފްލެޓަކަށް މިހާރު ވަނީ އަލުން ކަރަންޓު ދީފައި ކަމަށެވެ.

ހިޔާއަށް ސްޓެލްކޯގެ ކަރަންޓު ދޭން ފަށާފައިވަނީ މިދިޔަ އަހަރުގެ އޯގަސްޓު މަހުގެ ތެރޭގަ އެވެ. އޭރުގައި ކަރަންޓު ދެމުން ގެންދިޔައީ އެކި ޓަވަރުތަކަށް އެކި ވަގުތުތަކުގަ އެވެ. ފްލެޓްތަކުގައި މީހުން ދިރިއުޅެން ފެށުމުން ސްޓެލްކޯއިން ވަނީ 16 ޓަވަރަށް 24 ގަޑިއިރު ކަރަންޓުގެ ހިދުމަތް ދޭން ފަށާފަ އެވެ.

ހިޔާ ފްލެޓްތަކުގައި އޯގަސްޓް މަހުން ފެށިގެން މީހުން ދިރިއުޅެމުންދާއިރު 1،000 ފްލެޓަށް ވުރެ ގިނަ ފްލެޓްގައި މިހާރު މީހުން ދިރިއުޅެ އެވެ.