އައްޑޫ ސިޓީ

އައްޑޫ ހައްޔަރުކުރި އެންމެން ދޫކޮށްލައިފި

Apr 4, 2022

އައްޑޫ ސިޓީގައި ޓެރަރިޒަމްގެ ހަމަލާއެއް ދޭން އުޅުނު ކަމުގެ ތުހުމަތުގައި އައްޑޫން ހައްޔަރުކުރި އެންމެން ދޫކޮށްލައިފި އެވެ.

ޓެރަރިޒަމްގެ ތުހުމަތުގައި އައްޑޫން ނުވަ މީހުން ހައްޔަރުކުރީ މިދިޔަ މަހުގެ 27 ވަނަ ދުވަހު ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި އެ ދުވަހު އެވެ.

ފުލުހުން އެ މީހުން ހައްޔަރުކުރިއިރު ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރާއި ބައެއް ވަޒީރުންނާއި ސަލާމަތީ ބާރުތަކުގެ އެންމެ އިސްވެރިން ތިއްބެވީ އައްޑޫ ސިޓީގަ އެވެ.

މި ބޭފުޅުން އައްޑޫއަށް ވަޑައިގެންނެވީ އިންޑިއާގެ އެހީތެރިކަމުގައި އައްޑޫގައި ހެދި ޕޮލިސް އެކަޑަމީ ހުޅުވުމަށެވެ.

ފުލުހުން ހައްޔަރުކުރި ނުވަ މީހުންގެ ތެރެއިން ތިން މީހުން ދޫކޮށްލީ ކޯޓަށް ހާޒިރު ނުކޮށް މިދިޔަ މަހުގެ 28 ވަނަ ދުވަހު އެވެ.

ބާކީ ތިބި ހަ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން މިދިޔަ މަހުގެ 27 ވަނަ ދުވަހު ވަނީ އެ މީހުންގެ ބަންދަށް ހަތް ދުވަސް ދީފަ އެވެ.

އެ މުއްދަތު އިއްޔެ އަށް ހަމަވިއިރު ބަންދުގައި ތިބި އެންމެން ދޫކޮށްލީ އިތުރަށް ބަންދުގައި ބައިތިއްބަން ނުފެންނާތީ ކޯޓަށް ހާޒިރުނުކޮށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މިދިޔަ އަހަރުގެ މެއި މަހުގެ ހަަވަނަ ދުވަހުގެ ރޭ ދިން ބޮމުގެ ހަމަލާ އަށް ފަހު ވެސް ފުލުހުން އައްޑޫގައި ހާއްސަ އޮޕަރޭޝަނެއް ހިންގުމަށްފަހު ޓެރަރިޒަމްގެ ކުށުގައި ބަޔަކު ހައްޔަރުކުރި އެވެ.