ޔުކްރޭންގެ ރައީސް ވޮލޮދިމީރު ޒެލެންސްކީ އދ. ގެ ސަލާމަތީ މަޖިލީހުގައި ވީޑިއޯ މެދުވެރިކޮށް މިއަދު ވާހަކަ ދައްކަވާނެ އެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ޒެލެންސްކީ ވާހަކަތައް އަމާޒު ކުރައްވާނީ ރަޝިއާއިން ޔުކްރޭނަށް ދެމުން ގެންދާ އުދުވާނީ ހަމަލާތަކަަށެވެ.
ޒެލެންސްކީއަށް ފުރުސަތު ހޯއްދަވައި ދެއްވުމުގައި އެންމެ ބުރަކޮށް އުޅުއްވަނީ އދ. ގައި ތިއްބަވާ އިނގިރޭސި އޮފިޝަލުންނެވެ. އޭގެ އިތުރުން އދ. ގެ ސަލާމަތީ މަޖިލީހުން ވެސް ވަނީ ޔުކްރޭނަށް ފުރުސަތު ދެއްްވާނެ ކަމަށް ވިދާޅުވެފަ އެވެ.
ޚަބަރުތައް ބުނާ ގޮތުން ރަޝިއާ ސިފައިންގެ ބާރުގެ ދަށުގައި އޮތް ޔުކްރޭން އަވަށްތަކުން ސިފައިން ފޭބުމާ ގުޅިގެން ޒެލެންސްކީ ވަނީ ބައެއް އަވަށްތަކަށް ޒިޔާރަތް ކުރައްވާފަ އެވެ. އޭގެ ތެރޭގައި ޔުކްރޭންގެ ބުޗާ ސިޓީ ހިމެނެ އެވެ.
ޔުކްރޭންގެ ޕްރޮސެކިޔުޓާ ޖެނެރަލް އިރީނާ ވެނެޑިކްޓޮވާ ވިދާޅުވި ގޮތުގައި ވެރިރަށް ކިއެވްގެ އެކި ސަރަހައްދު ތަކުން މަރުވެފައިވާ 410 މީހެއްގެ ހަށިގަނޑު ވަނީ ފެނިފަ އެވެ. އޭގެ އިތުރުން ބުޗާގައި މަރުވެފައިވާ މީހުންގެ ހަށިތައް އެތަން މިތަނަށް އުކާފައި ހުރި ކަމަށް ވިދާޅުވި އެވެ.
ބުޗާ ސިޓީއަށް ވަޑައިގަތުމަށް ފަހު ޒެލެންސްކި ވިދާޅުވި ގޮތުގައި ރަޝިއާ ސިފައިން ހިންގާފައި ވަނީ ގަތުލުއާންމެކެވެ. އދ. އަދި އިންސާނީ ހައްގުތަކަށް ވަކާލަތުކުރަ ޖަމާއަތްތަކުން މައްސަލަ ބަލައި ރަޝިއާއަށް ފިޔަވަޅުއަޅަން ވެސް އޭނާ ގޮވާލެއްވި އެވެ.
ރަޝިއާ ބުނާ ގޮތުން ގަތުލު އާންމެއް ކަމަށް ބުނެ ޔުކްރޭނުން ދައްކަނީ އުފައްދާފައި ހުރި ވީޑިއާ އާއި ފޮޓޯތަކެކެވެ. ރަޝިއާ ސިފައިން އާންމުންނަށް އެފަދަ އަނިޔާ ނުދޭ ކަމަށް ވެސް ރަޝިއާގެ ޑިފެންސް މިނިސްޓްރީން ބުނެ އެވެ.
އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް ވިދާޅުވި ގޮތުގައި ޔުކްރޭނަށް މިހާރު ބޭނުންވަނީ މިނިވަން ވަކިކޮޅަކަށް ބޯނުލަނބާ ތަހުގީގު ޓީމެކެވެ. އެނޫން ގޮތެއްގައި ސާފު މަންޒަރު ދުނިޔެއަށް ނުފެންނާނެެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.