ދުނިޔެ

އިނގިރޭސި މިސައިލްތަކުން ރަޝިއާއަށް ހަމަލާދެނީ

ކްރައިމިއާގައި ތިބި ރަޝިއާގެ ފައުޖުތަކަށާއި ސަލާމަތީ މަރުކަޒުތަކަށް ހަމަލާދިނުމަށް ޔުކްރޭނުން މިހާރު ބޭނުންކުރަނީ އިނގިރޭސިވިލާތުން ސަޕްލައިކުރާ ސްޓޯމް ޝެޑޯ ކްރޫޒް މިސައިލްތައް ކަމަށް ސްކައި ނިއުސް އިން ބުނެފި އެވެ.

ސްޓޯމް ޝެޑޯ މިސައިލްތަކަކީ އިނގިރޭސިންނާއި ފަރަންސޭސިން ގުޅިގެން އުފައްދާ މިސައިލްތަކެއް ކަމަށާއި 250 ކިލޯމީޓަރުގެ ރާސްތާއަކަށް ދަތުރުކުރުމުގެ ގާބިލުކަން މި މިސައިލްތަކުގައި ހުންނަ ކަމަށްވެސް ސްކައި ނިއުސްއިން ބުނެ އެވެ.

ރަޝިއާގެ ދިފާއީ ވުޒާރާއިން ވެސް ވަނީ މި ހަބަރު ތެދުކޮށްފަ އެވެ. ޔުކްރޭނުން ބާރުގަދަ މިސައިލްތައް ބޭނުންކުރާ ކަމަށާއި ސެވާސްޓޮޕޯލްގައި ހުންނަ ބްލެކް ސީ ފްލީޓްގެ މައި މަރުކަޒަށް ޔުކްރޭނުން ހަމަލާދީފައިވާ ކަމަށްވެސް ރަޝިއާ އިން ބުނެ އެވެ.

ރަޝިއާގެ ފައުޖުތަކަށް ޔުކްރޭނުން މިހާރު ދެމުން ގެންދާ ހަމަލާތަކުގައި ހުޅަނގުން ސަޕްލައިކުރާ ހަތިޔާރު ވަރަށް ގިނައިން ބޭނުންކުރާ ކަމަށް ހަބަރުތައް ބުނެ އެވެ. މިކަމުގެ ސަބަބުން ރަޝިއާއަށް ބޮޑެތި ގެއްލުންތައްވެސް ވަނީ ލިބިފަ އެވެ.

ބާރުގަދަ އަދި ދުރު ރާސްތާ ހަތިޔާރު ލިބިގެން ނޫން ގޮތަކަށް ރަޝިއާ ބަލިނުކުރެވޭނެ ކަމަށް ޔުކްރޭނުން ވަނީ ތަކުރާރުކޮށް ބުނެފަ އެވެ. އެކަށީގެންވާ ހަތިޔާރު އެކަށީގެންވާ ވަގުތުގައި ޔުކްރޭނަށް ސަޕްލައިކޮށްފިނަމަ ހަނގުރާމަ ކާމިޔާބުކުރުމުގެ ފުރުސަތު ބޮޑު ކަމަށްވެސް އެ ގައުމުން ބުނެ އެވެ.

ޔުކްރޭނަށް ބާރުގަދަ ހަތިޔާރު ފޯރުކޮށް ދިނުމަށް ވުރެ ހަނގުރާމަ ހުއްޓާލުމަށް މަޝްވަރާކުރުން މުހިއްމު ކަމަށް ބުނެ ގިނަ ބަޔަކު ނަސޭހަތް ދިން ނަމަވެސް، މިކަން ގަބޫލުކުރުމުގެ ބާރުވެރިން ޔުކްރޭންގައި ނެތެވެ. އަދި ހަތިޔާރު ސަޕްލައިކޮށްދޭ އެމެރިކާ އާއި ޔޫރަޕުގެ ވިސްނުމަކީވެސް ހަނގުރާމަކޮށްގެން ރަޝިއާ ބަލިކުރުމެވެ.

ހަނގުރާމައިގެ މައިދާނުގައި ރަޝިއާ ބަލިކުރަން އެދޭނަމަ ހުރަހެއް ނެތް ކަމަށް -- އދގެ އާންމު މަޖިލީހުގައި ތަގުރީރުކުރައްވަމުން ހާރިޖީ ވަޒީރު ސަރުގޭ ލަވްރޯވް ވިދާޅުވި އެވެ. ހަނގުރާމަ ކުރާނެ ވަރަކަށް ހަނގުރާމަ ކުރަންވީ ކަމަށާއި، ގަދަވާ ބަޔަކު އޭރުން އެނގިދާނެ ކަމަށްވެސް ވަޒީރު ވިދާޅުިވ އެވެ. ނަމަވެސް ހަނގުރާމަ އަކީ ސުލްހައަށް މަގުފަހިކޮށްދޭނެ ކަމެއް ނޫން ކަމަށް ގައުމުތަކުގެ ލީޑަރުން ދަނީ ވިދާޅުވަމުންނެވެ.

ޔުކްރޭން ހަނގުރާމައަށް އަސްކަރީ ހައްލެއް އޮތް ކަމަށް ދެކޭނަމަ އެއީ ވަރަށް ބޮޑު ގޯހެއް ކަމަށް ބްރެޒިލްގެ ރައީސް ލޫލާ ވެސް ވިދާޅުވި އެވެ.