ލައިފްސްޓައިލް

ކޮއްކޮ ގޮވައިގެން ސްކޫލަށްދާ ކުއްޖަކަށް ސަމާލުކަން

މައިންބަފައިންނަކީ ބުރަކޮށް މަސައްކަތްކުރަން ޖެހޭ ބަޔަކަށް ވާނަމަ އެ މީހުންގެ ދަރިންނަށް ކުރަން ޖެހޭ ތަޖުރިބާ ވަރަށް ތަފާތު ވާނެ އެވެ. އެފަދަ މީހުންގެ ދަރިންނަށް ޒިންމާ ނަގައިގެން އެކަނި ކަންކަން ކުރަން މާ ފަސޭހައިން ދަސްވާނެ އެވެ.

މިފަދަ އެއް މިސާލެއް ދާދިފަހުން ފެނިފައި ވަނީ އިންޑިޔާގެ އިމްޕާލްގެ މަނިޕޫރު އަވަށެވެ. މިއީ ވަރަށް ރަށް ފުށު ހިސާބެކެވެ. މި އަވަށުގައި ދިރިއުޅޭ ކުޑަ އަންހެންކުއްޖަކު ކޮންމެ ދުވަހަކު ވެސް ސްކޫލަށް ދަނީ އޭނާގެ ކުޑަ ކުޑަ ފިރިހެން ކޮއްކޮއެއް ގޮވައިގެންނެވެ.

ޓައިމްސް އޮފް އިންޑިއާގައިވާ ރިޕޯޓެއް ޖަހާފައިވާ ފޮޓޮއެއްގައި މަނިންގްސިލިއު ޕަމޭއީ ކިޔާ މި ކުޑަ އަންހެންކުއްޖާ އޭނާގެ ފިރިހެން ކޮއްކޮ އުނގަށް ލައިގެން ކްލާސް ތެރޭގައި އިންދާ ފެނެ އެވެ. މި ކުއްޖާއަށް ކޮއްކޮ ގޮވައިގެން ސްކޫލަށް އަންނަން ޖެހެނީ އޭނާގެ މައިންބަފައިންނަކީ ދަނޑުވެރިން ކަމަށް ވާތީ މަންމަ އާއި ބައްޕަ މަސައްކަތަށް ދިއުމުން ކުޑަ ކޮއްކޮ ބަލަނީ މަނިންގްސިލިއު އެވެ. އޭނައަކީ ވަރަށް ސްކޫލަށް ދާހިތްވާ ކުއްޖަކަށް ވާތީ ކޮއްކޮ ގޮވައިގެން ކޮންމެ ދުވަހަކުވެސް ސްކޫލަށް ދަނީ އެވެ. އުމުރުން 11 އަހަރުގެ މި އަންހެންކުއްޖާއަކީ އޭނާގެ މައިންބަފައިންނަށް ލިބިފައިވާ ހަތަރު ކުދިންގެ ތެރެއިން އެންމެ ދޮށީ ކުއްޖާ އެވެ.

މި ކުޑަ ކުއްޖާ އޭނާގެ ކޮއްކޮ އުނގަށް ލައިގެން ކުލާހުގައި ކިޔަވަން އިންދާ ނަގާފައިވާ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ވައިރަލްވުމުން މަނިޕޫރު ސަރުކާރުންނާއި ސްޓޫޑެންޓް ބޮޑީއިން މި ފަގީރު އާއިލާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ މަސައްކަތް ފަށާފަ އެވެ.

މަނިންގްސިލިއު ކިޔެވުމަށް ކުރާ ހިތްވަރަށް ގިނަ ބައެއްގެ ތައުރީފު މި ކުޑަ ކުއްޖާއަށް ލިބެމުންދާއިރު އެ ސަރަހައްދުގެ ޗީފް މިނިސްޓަރު މިދިޔަ އާދިއްތަ ދުވަހު ވަނީ ކުއްޖާގެ ގެޔަށް ކާޑުގެ ބާވަތްތައް ފޮނުވައިދީފަ އެވެ. އަދި ޗައިލްޑް ޕްރޮޓެކްޝަން ސްކީމްގެ ދަށުން ކުއްޖާއަށް އިތުރު އެހީތައް ވުމަށް ގިނަ ބަޔަކު ވަނީ އިސްނަގާފަ އެވެ. އެގޮތުން ކުއްޖާ ގްރެޖުއޭޓް ވަންދެން އޭނާގެ ކިޔެވުމުގެ ހުރިހާ ޚަރަދެއްގައި ހިފާނެކަމަށް ޗީފް މިނިސްޓަރުގެ ކެބިނެޓުގައި ހިމެނޭ މިނިސްޓަރެއް ކަމަށްވާ ބިސްވަޖީތު ސިންގް ވަނީ ވައުދުވެ ވަޑައިގެންފަ އެވެ.

އަދި އެ ހިސާބުގެ ސްޓޫޑަންޓް އެސޯސިއޭޝަނުން މި ކުޑަ ކުއްޖާގެ ގެޔަށް ގޮސް އޭނާގެ އާއިލާއަށް 10،000 ރުޕީސް ހަދިޔާކޮށްފައި ވެއެވެ. މިއީ އެ އާއިލާއަށް އޮތް ލޯތްބާއި ކުރާ ގަދަރުގެ ރަމްޒެއްގެ ގޮތުން ދިން ފައިސާގެ ހަދިޔާއެއް ކަމަށް އެ ފަރާތުން ބުނެފައި ވެއެވެ.

"އާއްމުކޮށް މިހާ ކުޑަ ކުދިން އާއިލާގެ ބުރައެއް ނޫފުލާނެ. ނަމަވެސް ކުޑަ ކުޑަ މަނިންގްސިލިއު ތަފާތު. އޭނާގެ މައިންބަފައިން ކުރާ މަސައްކަތާއި އެހާ ބުރަކޮށް އުޅެގެން ވެސް ބަނޑުފުރާނަ މުއްތި ކުރާ ވަރަށް އެއްޗެއް ނުލިބޭކަން އޭނާއަށް ވިސްނޭ. އެހެންވެ މައިންބަފައިންނަށް އެހީތެރިވުމުގެ ގޮތުން ކޮއްކޮގެ ޒިންމާ އާ ހަވާލުވާން މަނިންގްސިލިއު އަމިއްލައަށް ނިންމީ. އެހެންވެ ކޮއްކޮ ގޮވައިގެން ސްކޫލަށް ގޮސް ކްލާސް ރޫމުގައި ވެސް ކޮއްކޮ ގޮވައިގެން އިންނަނީ،" ސްޓޫޑަންޓް އެސޯސިއޭޝަނުން ބުނެފައި ވެއެވެ. މަނިންގްސިލިއުގެ ތައުލީމަށް އެ އެސޯސިއޭޝަނުން ވެސް ޚަރަދުކުރާނެކަމަށް އެފަރާތުން ބުނެފައި ވެއެވެ.

އެ އެސޯސިއޭޝަންގެ ބަޔާނުގައި ބުނެފައިވަނީ ދަރިވަރުންނަށާއި ކުޑަ ކުދިންނަށް މަނިންގްސިލިއު އެ ދެއްކީ ވަރަށް ފުރިހަމަ މިސާލެކެވެ. ދުނިޔޭގައި ބަނޑުހައިހޫނުކަން އާއްމުވެފައިވާއިރު އަދި ފުރުސަތުތައް މަދުއިރު ކޮންމެ މީހަކަށް އެމީހެއްގެ ހުވަފެން ހަގީގަތަކަށް ހަދަން މަސައްކަތްކުރާނެ ފުރުސަތެއް ނުލިބޭނެ އެވެ. މި ހާލަތުގައި ދިރިއުޅޭ ހުރިހާ ކުދިންނަށް މަނިންގްސިލިއުގެ ހިތްވަރުން ހިތްވަރު ލިބިގަނެވޭނެކަމަށް ވެސް އެފަރާތުން ބުނެފައި ވެއެވެ.