މީހަކު ނުވަތަ ކުއްޖަކު މަޝްހޫރުވާކަށް މިހާރު ވަކި ޙައްސަ ސިފަތަކެއް ހުންނާކަށް ނުޖެހެ އެވެ. ކޮންމެވެސް މީހެއްގެ ލޮލުގައި އޭނާ އަޅައިގަތުމުން ފުދެ އެވެ.
މުމްބައިގެ އެންމެ ފަގީރު ސަރަހައްދުގައި ހުންނަ ޖިފުޓިގަނޑެއްގައި ދިރިއުޅޭ 14 އަހަރުގެ މަލީޝާ ކާރްވާ އަކީ މަޝްހޫރުވުމުގެ ހުވަފެން އަބަދުވެސް ދެކެމުން އައި ކުއްޖެކެވެ. ނަމަވެސް އޭނާއަކީ އެ ހިސާބުގައި ދިރިއުޅޭ ފަދަ އެނޫންވެސް ކުދިން ކަހަލަ ކުއްޖެކެވެ. އޭނާގެ ވަކި ޙައްސަ ކަމެއް ނެތެވެ. ނަމަވެސް މިއަދު މަލީޝާގެ މި ހުވަފެން ވަނީ ހަގީގަތަކަށް ވެފަ އެވެ.
ލަގްޒަރީ ބްރޭންޑް 'ފޮރެސްޓް އެސެންޝަލްސް'ގެ އާ ކެމްޕެން "ދަ ޔުވާތީ ކަލެކްޝަން"ގެ އާ މޫނަށް ވުމުގެ ފުރުސަތު މަލީޝާ އަށް ލިބުމާ ގުޅިގެންނެވެ.
މަލީޝާގެ މޫނުގައިވާ ހާއްސަ ސިފަ ފުރަތަމަ ފާހަގަކުރެވުނީ 2020 ވަނަ އަހަރު އެމީހުން އުޅޭ ފަގީރު ހިސާބަށް ޒިޔާރަތްކުރި ހޮލީވުޑް އެކްޓަރު ރޮބާޓް ހޮފްމަން އަށެވެ. ފަހުން އޭނާ ވަނީ މަލީޝާ އަށް ފަންޑް ހޯދައިދިނުމަށް "ގޯ ފަންޑް މީ" ޕޭޖެއް ވެސް ހުޅުވާފަ އެވެ.
މަލީޝާ މަޝްހޫރުވެފައިވަނީ "ޕްރިންސަސް އޮފް ސްލަމް" (ފަގީރުން ދިރިއުޅޭ ސަރަހައްދުގެ ޕްރިންސަސް)ގެ ނަމުންނެވެ.
މަޝްހޫރު ބްރޭންޑެއްގެ މޫނަށް މަލީޝާގެ މޫނު ވެފައިވާއިރު ގިނަ އަދަދެއްގެ ބައިނަލްއަގުވާމީ އަދި އަމިއްލަ ގައުމުގެ މޮޑެލިން އެސައިންމަންޓްތައް ވެސް މަލީޝާ އަށް ލިބިފައިވެ އެވެ.
މަލީޝާ އަކީ އާދަޔާޚިލާފު ރީތި ކުއްޖެއް ނޫނެވެ. އޭނާގެ މޫނު އެހާ ބޮޑަށް މީހުންގެ ލޯތަކުގައި އަޅައިގަތީ އެ މޫނުގައިވާ މައުސޫމް ކަމާއި ސީދާސާދާ ކަމުންނެވެ.
ބައެއް މީޑިއާތަކުން ބުނެފައިވާ ގޮތުގައި ހޮލީވުޑްގެ ދެ ޕްރޮޖެކްޓެއްވެސް މިހާރު މަލީޝާ އަށް ވަނީ ލިބިފަ އެވެ.
'ފޮރެސްޓް އެސެންޝަލްސް"ގެ އާ މޫނަށް އޭނާ ވުމުން މަލީޝާ ބުނީ މިއީ މިހާތަނަށް އޭނާއަށް ލިބުނު އެންމެ ރަނގަޅު ފުރުސަތު ކަމަށެވެ.
"އަހަރެން މޮޑެލް އަކަށް ވާން ބޭނުން. އެކަމަކު އެންމެ އިސްކަމެއް ދެނީ ތައުލީމު ފުރިހަމަކުރަން،" މަލީޝާ ބުންޏެވެ.
މަލީޝާ ދާދިފަހުން ވަނީ "ލިވް ޔުއަ ފެއާރީޓޭލް" ކިޔާ ކުރު ފިލްމެއް ވެސް ކުޅެފަ އެވެ.
މި ފިލްމުގައި ދައްކަނީ ފަގީރު ހިސާބުގައި ދިރިއުޅޭ ވަރަށް ފަގީރު ފަސް ކުއްޖެއް އަލަށް ރެސްޓޯރަންޓަކަށް ގެންގޮސް ކާން ދިނުމުން އެކުދިންނަށް ކުރެވުނު ތަޖުރިބާ ތަކެވެ.