ލައިފްސްޓައިލް

އިމްތިހާނުން ފޭލްވުމުން ކިޑްނެޕްވީ ކަމަށް ހަދައިފި

އިންޑިއާގެ މަދްޔަ ޕްރަދޭޝްގައި ދިރިއުޅޭ 17 އަހަރުގެ އަންހެން ކުއްޖަކު އިމްތިހާނުން ފޭލްވުމުން މައިންބަފައިން ކައިރީގައި މީހަކު އޭނާ ކިޑްނެޕް ކުރީ ކަމަށް ބުނެ އޮޅުވާލައިފި އެވެ.

އަހަރަކު އެއްފަހަރު ބާއްވާ އަންޑަގްރެޖުއޭޓް އިމްތިހާނުން ފޭލްވުމުން މައިންބަފައިން ވަރަށް ރުޅިއަންނާނެކަން އަންހެން ކުއްޖާއަށް އެނގެ އެވެ. އެހެންވެ އެ ވާހަކަ ބުނަން ބިރުން ގެއަށް ނުދާންވެގެން އެހެން ރަށަކަށް ފިލައިގެން ދިޔައީ ކަމަށް ފުލުހުން ބުނެފައި ވެއެވެ.

އިންދޯރުގެ ކޮލެޖެއްގައި ބެޗްލާ އޮފް އާޓްސް (ބީއޭ)ގެ ރޮނގުން ކިޔަވަމުންދިޔަ ކުއްޖާ އެހެން ރަށެއްގައި ފިލައިގެން އުޅެނިކޮށް ފުލުހުން ވަނީ އެ ކުއްޖާ ހޯދައި މައިންބަފައިންނާ ހަވާލުކޮށްފަ އެވެ.

މި ކުއްޖާ ދިރިއުޅެނީ އިންދޯރުގަ އެވެ. ކުއްޖާ ފެނިފައިވަނީ އެ ރަށާ 50 މޭލު ދުރުގައި އޮތް އުޖައިން ކިޔާ ރަށަކުންނެވެ.

މީހަކު ގަދަކަމުން ކުއްޖާ ކިޑްނެޕްކޮށްފައިވާ ކަމަށް ބުނެ މިދިޔަ ހުކުރު ދުވަހުގެ ރޭ ފުލުހުންނަށް މައްސަލަ ހުށަހެޅީ ކުއްޖާގެ ބައްޕަ އެވެ. ފުލުހުން ކައިރީ ކުއްޖާ ބައްޕަ ބުނި ގޮތުގައި ނުދަންނަ ނަންބަރަކުން ކުއްޖާ އޭނާއަށް ގުޅައި މީހަކު އޭނާ ކިޑްނެޕްކޮށްގެން އުޅޭކަމަށް ބުނެފައިވާ ކަމަށެވެ.

ކުއްޖާ ބައްޕަގެ ކައިރީގައި ކުއްޖާ ބުނީ ގެއަށް އަންނަން އީ-ރިކްޝާ އަކަށް އެރިތަނާ އެމީހާ ފަޅު ހިސާބަކަށް ރިކްޝާގައި ކުއްޖާ ގެންގޮސް ކިޑްނެޕް ކުރީ ކަމަށެވެ.

ކުއްޖާގެ ބައްޕަ ކުރި ޝަކުވާއާ ގުޅިގެން ފުލުހުން އެ ސަރަހައްދުގެ ސީސީޓީވީ ކެމެރާތަކުން ޗެކް ކުރުމުން ކުއްޖާ ހަދަނީ ދޮގުކަން ޔަގީން ކުރެވުނީ އެވެ. އަދި އުޖައިންގެ ރެސްޓޯރެންޓެއްގައި ކުއްޖާ އިންދާ ނަގާފައިވާ ފޮޓޯތަކެއް ފުލުހުންނަށް ލިބުމުން ކުއްޖާ ހުރީ އެ ރަށުގައިކަން އެނގުނީ އެވެ.

ފުލުހުން ގޮސް ކުއްޖާ ހޯދައި އެ ކުއްޖާގެ ދަބަސް ޗެކްކުރިއިރު އިންދޯރުން އުޖައިން އަށް ދަތުރުކުރާ ބަސް ޓިކެޓެއް ކުއްޖާގެ ދަބަހުން ފެނިފައިވެ އެވެ. އަދި ކުއްޖާ އުޖައިން އަށް ގޮސްފައިވަނީ އަމިއްލައަށް ކަން ޔަގީން ކުރެވުނެވެ.

ފުލުހުންގެ އަންހެން އޮފިޝަލަކު ކުއްޖާއަށް ކައުންސެލިން ދިނުމަށްފަހު މައިންބަފައިންނާ ވަނީ ހަވާލުކޮށްފަ އެވެ.