ސަރުކާރުގެ މަޝްރޫއުތަކުގައި ބައިވެރިވާ ކުންފުނިތައް ބްލެކްލިސްޓް ކުރެވޭނެ އުސޫލެއް ހަދައިފި އެވެ.
މިފަދަ އުސޫލެއް ހަދާފައި މިވަނީ ސަރުކާރުގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ހަވާލުވާ ބައެއް ކުންފުނިތަކުން މަޝްރޫއުތައް ވަކި ހިސާބަކަށް ކުރިއަށް ގެންދިއުމަށްފަހު ތަފާތު މައްސަލަތައް ކުރިމަތިވެ މަޝްރޫއުތައް މެދުކަނޑާލުމުގެ މައްސަލަތައް އިތުރުވެފައި ވަނިކޮށެވެ.
ސަރުކާރުގެ މަޝްރޫއުތަކުގައި ބައިވެރިވާ ކުންފުނިތައް ބްލެކްލިސްޓް ކުރެވޭނެ އުސޫލެއް ހަދާފައިވާ ކަމަށް ހާމަކުރެއްވީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް އެވެ.
މިނިސްޓަރު އެ މައުލޫމާތު ހާމަކުރެއްވީ އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން އަހްމަދު މަޖިލީހުގައި ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ހަސަން ވިދާޅުވީ އިނގުރައިދޫ ދާއިރާގައި ހިމެނޭ ރ. އިންނަމާދޫގައި އެސްޖޭ ކޮންސްޓްރަކްޝަން ކުންފުނިން ނަރުދަމާ އެޅުމުގެ މަސައްކަތް ކުރާތާ ހަތަރު އަހަރު ވެއްޖެ ކަމަށެވެ. މަސައްކަތް ނުނިމި އެހާ ގިނަ ދުވަސް ވެގެން ދިޔައިރު މިއަދު އެރަށުގައި ތިބީވެސް އެސްޖޭގެ ދެތިން މުވައްޒަފުން ކަމަށާއި މަސައްކަތް ނުނިމި ދިގުލައިގެންދާތީ އިންނަމާދޫގެ ސުލްހަމަސަލަސްކަން ގެއްލެމުންދާ ކަމަށެވެ. އެހެންކަމުން އެފަދަ ކުންފުނިތައް ބްލެކްލިސްޓް ކުރެވޭނެ އުސޫލެއް ނެތްތޯ މެންބަރު ވަނީ އައްސަވާފަ އެވެ.
ޖަވާބުގައި މިނިސްޓަރު ވިދާޅުވީ ބައެއް ކުންފުނިތަކުން މެދުކަނޑާލާފައި ހުރި މަޝްރޫއުތަކެއް އެބަހުރި ކަމަށެވެ. އެފަދަ ކުންފުނިތައް ބްލެކްލިސްޓް ކުރުމުގެ އުސޫލެއް ފިނޭންސް މިނިސްޓްރީން މިހާރު އެކުލަވާލާފައިވާ ކަމަށެވެ.
"އެހެންވީމާ މިނިސްޓްރީ އޮފް ފައިނޭންސުން ޓެންޑާ ޕްރޮސެސް ތެރޭގައި ބަޔަކު ޕާފޯމް ނުކޮށް އޮތިއްޔާ އެ ބަޔަކަށް މަސައްކަތެއް ހަވާލުކުރުމާ ނުކުރުމުގެ އިހްތިޔާރު އިންނަނީ ޓެންޑަރުގައި." މިނިސްޓަރު ވިދާޅުވި އެވެ.
ކުންފުނިތައް ބްލެކް ލިސްޓް ކުރުމުގެ އުސޫލެއް ހެދި ނަމަވެސް އެ އުސޫލު ފިނޭންސް މިނިސްޓްރީން އަދި ހާމަކޮށްފައެއް ނުވެ އެވެ.