މުހައްމަދު އަސްލަމް

ފްލެޓް ލިބުނު 31 ޕަސަންޓަށް ވުރެ ގިނަ މީހުން ގަވައިދުން ކުލި ނުދައްކާ: އަސްލަމް

Oct 1, 2022

ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުން ފްލެޓް ލިބިފައިވާ މީހުންގެ ތެރެއިން 31 ޕަސަންޓަށް ވުރެ ގިނަ އަދަދެއްގފެ މީހުން ގަވައިދުން ކުއްލި ދައްކަމުން ނުދާ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އެތަނުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހެދި ފްލެޓްތަކުގެ ތަޅުދަނޑި ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު އަސްލަމް ވިދާޅުވީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫތަކުގެ ތެރެއިން ފްލެޓް ލިބިފައިވާ މީހުންގެ ތެރެއިން 31 ޕަސަންޓާއި 41 ޕަސަންޓާ ދެމެދުގެ އަދަދެއްގެ މީހުން ގަވައިދުން ކުލި ނުދައްކާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ފްލެޓްތަކަށް ގަވައިދުން ފައިސާ ނުދައްކާނަމަ އެފަދަ މަޝްރޫއުތައް ހިންގުމަށް ސަރުކާރަށް ވަރަށް ބޮޑެތި ދަތިތައް އުދަނގޫތައް ކުރިމަތިވާނެ ކަމަށެވެ. އެހެންވެ އެމްއޭސީއެލްގެ މުވައްޒަފުންނަށް މިނިސްޓަރު އިލްތިމާސް ކުރެއްވީ ލިބުނު ފްލެޓަށް ގަވައިދުން ފައިސާ ދެއްކުމަށެވެ.

އަސްލަމް ވިދާޅުވީ 2000 ވަނަ އަހަރާ ހަމައަށް ސަރުކާރުން ހަރަދުކޮށްގެން އަޅާފައިވާ ގާތްގަނޑަކަށް 100 އެއްހާ ފްލެޓް ކަމަށެވެ. އެކަމަކު މިއަދު އެތައް ހާހަކުން ސަރުކާރުން ފްލެޓް އަޅަމުންދާއިރު ފްލެޓްތަކަށް ގަވައިދުން ފައިސާ ނުދައްކާނަމަ ދާއިމީ ގޮތަކަށް އެފަދަަ މަޝްރޫއުތައް ސަރުކާރުން ކުރިއަށް ނުގެންދެވޭނެ ކަމަށވެެ.

"މިދެންނެވި ގޮތަށް ފައިސާ ނުދައްކާނަމަ ސަރުކާރުން އެކަމުގައި ދެކޮޅު ޖައްސާނެ ގޮތެއް ނުވިސްނޭ،" މިނިސްޓަރު ވިދާޅުވި އެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ދަށުން ދޫކޮށްފައިވާ ފްލެޓްތަކަށް ބައެއް މީހުން ގަވައިދުން ފައިސާ ދައްކަމުން ނުދާ ކަމަށް އަސްލަމް ވިދާޅުވި ނަމަވެސް އެފަދަ މީހުންގެ އަތުން ފްލެޓް އަތުލުމުގެ ގޮތުން ފިޔަވަޅުތަކެއް އެޅިގެން ކަމެއް އެނގިފައެއް ނުދެ އެވެ.