މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލޭވިއޭޝަން

ޑްރޯން ދުއްވުމުގެ އުސޫލުތައް ހަރުކަށިކުރަނީ

Apr 6, 2022

ޑްރޯން ދުއްވުމާ ގުޅޭ އުސޫލުތައް އިސްލާހުކޮށް ހަރުކަށި ކުރާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން މިހެން ބުނެފައި މިވަނީ ޑްރޯނެއް ބޭނުންކޮށްގެން ހުޅުމާލޭގެ މަތިން ދުއްވާފައި ދިޔަ ސީޕްލޭނެއް ވީޑިއޯކޮށް ސޯޝަލްމީޑިއާގައި އާންމުކުރުމާ ގުޅިގެން އެކަމުގެ ސީރިއަސްކަން ފާހަގަކޮށް ބައެއް ބޭފުޅުން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގެ އޮފިޝަލަކު މިއަދު އަވަސް އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ވީޑިއޯގެ މައްސަލަ މިނިސްޓްރީގެ ސަމާލު ކަމަށް އައިސްފައިވާ ކަމަށެވެ. އެހެންކަމުން އެކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް މިނިސްޓްރީން އަޅަމުން ގެންދާނެ ކަމަށެވެ.

އޭނާ ވިދާޅުވީ ޑްރޯން އެރުވުމާ ގުޅޭ އުސޫލުތަކަކީ މިހާރު ވެސް ހަރުކަށި އުސޫލުތަކެއް ކަމަށެވެ. ނަމަވެސް އުސޫލުތައް އިތުރަށް އިސްލާހު ކުރަންޖެހޭނަމަ އެކަމެއް ބަލައި، ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

"ހަގީގަތަކީ މިހާރުވެސް ޑްރޯން އަކީ އެހެން ކޮންމެ ކޮންމެ ތާކު އެރުވޭނެ އެއްޗެއް ނޫން. މީގައި ވަރަށް މުހިއްމު ފަރުދީ ޒިންމާ ވެސް. ކޮންމެ މީހަކަށްވެސް އެނގެންޖެހޭ ވީޑިއޯގައި ތި ފެންނަ ގޮތަށް ޑްރޯން އެރުވުމަކީ ނުރައްކާ ކަމެއްކަން. މިނިސްޓްރީން އެފަދަ ކަމަކަށް ފުުރުސަތު ދޭކަށް ބޭނުމެއް ނޫން،" އޭނާ ވިދާޅުވި އެވެ.

މާލޭގައި ޑްރޯން އެރުވުމުގެ ހުއްދަ އޮންނަނީ ހަމައެކަނި ރަސްފަންނު ސަރަހައްދުގަ އެވެ. ހުޅުމާލޭގައި އެ ހުއްދަ އޮންނަނީ ސެންޓްރަލް ޕާކާއި ފޭސް ދޭއްގެ އުތުރު ސަރަހައްދުގަ އެވެ.

ސޯޝަލްމީޑިއާގައި މީހަކު ޕޯސްޓް ކޮށްފައިވާ ވީޑިއޯއެއްގައި ފެންނަނީ ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އާއި މަންޓާ އެއާގެ ބޯޓެއް ޖައްސަން ދަނިކޮށް އެ ބޯޓުތަކާ ވަރަށް ކައިރިން ނަގާފައިވާ މަންޒަރުތަކެކެެވެ. މައްސަލަ ސީރިއަސްވުމުން އެ މީހާ ފަހުން ވަނީ އެ ވީޑިއޯ ޑިލީޓްކޮށްފަ އެެވެ.

ދަތުރުކުރަމުންދާ ބޯޓެއްގެ ކައިރިން އެގޮތަށް ޑްރޯން ދުއްވުމަކީ އެ ޑްރޯންއެއް އޮންނަ ތަނެއް ޕައިލެޓަށް ނޭނގި ޑްރޯންގައި ބޯޓު ޖެހި ނުރައްކާތެރި ހާދިސާއެއް ހިނގުމުގެ ފުރުސަތު ބޮޑު ކަމެއް ކަމަށް ތަޖުރިބާކާރުން ވިދާޅުވެ އެވެ.