ރޯދަ މަސް

ރޯދަ މަހު މުދާ އުފުލޭނެ ވަގުތުތަކެއް ކަނޑައަޅައިފި

ރޯދަ މަހު މާލެ ސަރަހައްދުގައި ވިޔަފާރި ބޭނުންތަކަށް މުދާ އުފުލޭނެ ވަގުތުތަކެއް ކަނޑައަޅައިފި އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ރޯދަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ރޯދަ މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް އަދި ޝައްވާލް މަހުގެ އެއްވަނަ ދުވަހުން ފެށިގެން ހަތްވަނަ ދުވަހުގެ ނިޔަލަށް މުދާ އުފުލޭނީ ވަކި ގަޑިތަކެއްގައި ކަމަށެވެ. އެގޮތުން މިމުއްދަތުގައި ބަރު އުޅަނދާއި ހުރިހާ ބާވަތެއްގެ މުދާ އުފުލާ އުޅަނދުތަކުގައި މުދާ އުފުލޭނީ ހެނދުނު 9:30 އިން ހަވީރު 4:30 އަށް އަދި ރޭގަނޑު 8:00 އިން ހެނދުނު 6:00 އަށެވެ.

ރޯދަ މަހުގެ 20 ވަނަ ދުވަހުން ފެށިގެން ރޯދަ މަހުގެ ނިޔަލަށް ބަރު އުޅަނދާއި ހުރިހާ ބާވަތެއްގެ މުދާ އުފުލާ އުޅަނދުތަކުގައި މުދާ އުފުލޭނީ ހެނދުނު 6:00 އިން ހަވީރު 4:30 އަށް އަދި ރޭގަނޑު 8:00 އިން ފަތިހު 6:00 އަށެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ އެންގުމާ ހިލާފުވާ މީހުން 750 ރުފިޔާ އިން ޖޫރިމަނާކުރާނެ ކަމަށެވެ.

"ވުމާއެކު ހުރިހާ ފަރާތްތަކުންވެސް މިދެންނެވި ގޮތަށް އަމަލުކުރުމަށް އަންގާ އިއުލާނުކުރީމެވެ." މިނިސްޓްރީގެ އިއުލާންގައިވެ އެވެ.