ކައުންސިލްތަކަށް ހާއްސަ ކޮށްގެން އިކޮނޮމިކް މިނިސްޓްރީގައި ކޯލް ސެންޓަރެއް ގާއިމުކޮށްފި އެވެ.
އިކޮނޮމިކް މިނިސްޓްރީން އެ ސެންޓަރެއް ގާއިމުކުރީ އެ މިނިސްޓްރީން ދޭ ހިދުމަތްތަކާ ގުޅިގެން، ކައުންސިލްތަކުން ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތަށް އިތުރަށް ހަރުދަނާ ކުރުމުގެ ބޭނުމުގައި ކަމަށެވެ.
ކޯލް ސެންޓަރުގެ ސަބަބުން ލޯކަލް ކައުންސިލްތަކާއި މިނިސްޓްރީ އާއި ދެމެދު މުއާމަލާތު ކުރުމުގައި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.
އިކޮނޮމިކް މިނިސްޓްރީން އިތުރަށް ބުނީ ކޯލް ސެންޓަރު މެދުވެރިކޮށް މިނިސްޓްރީން ދެމުންގެންދާ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ހިދުމަތްތަކާއި ބިދޭސީންނާ ގުޅިގެން ދެމުންގެންދާ ހިދުމަތްތަކާއި ބެހޭ މައުލޫމާތު ހިއްސާކުރުމުގައި ވެސް ލުއިތަކެއް ލިބޭނެ ކަމަށެވެ.
ކޯލް ސެންޓަރުގެ ކައުންސިލްތަކަށް ހާއްސަ ނަންބަރުތައް
- 3335007
- 3335770
- 3335773
- 3335776
ލޯކަލް ކައުންސިލް ތަކުން ރަށްރަށުގައި ދެމުން ގެންދާ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ސަރުކާރުގެ އިދާރާތަކުން ނަގަންޖެހޭ ހުއްދަތައް ލިބުން ލަސްވުމާއި ކަމާ ގުޅޭ މައުލޫމާތު ހޯދުމަށް ދަތިވާ ކަމުގެ ޝަކުވާ އަކީ ކައުންސިލްތަކުން އަބަދުވެސް ކުރަމުންދާ ޝަކުވާ އެކެވެ.
މިސަރުކާރު ވެރިކަމާ ހަވާލުވެ ކައުންސިލްތަކަށް ބޮޑެތި ބާރުތަކެއް ދިން ނަމަވެސް ސަރުކާރުގެ ތެރެއިން ބައެއް ކަންކަން ކުރުމުގައި އަދިވެސް ބައެއް ދަތިތައް ހުރި ކަމަށްވެސް ބައެއް ކައުންސިލްތަކުން ބުނެ އެވެ.