އެމްއެމްއޭ

ރާއްޖޭގައި 2024 އިން ފެށިގެން ޗެކް ބޭނުން ކުރުން ހުއްޓާލަނީ

Apr 7, 2022

މާލީ ދާއިރާ ޑިޖިޓަލް ކުރަން މިހާރު ކުރިއަށް ގެންދާ މަސައްކަތްތަކާއެކު ކުރިއަށް އޮތް ދެ އަހަރުތެރޭގައި ރާއްޖޭގައި ޗެކުން މުއާމަލާތް ކުރުން އެއްކޮށް ހުއްޓާލެވޭނެ ކަމަށް ބޭންކް ތަކުން ބުނެފި އެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އިސް ނަގައިގެން ރާއްޖޭގެ ބައެއް ބޭންކްތަކާއެކު މިއަދު ބޭއްވި ބައްދަލުވުމުގައި މަރުކަޒީ ބޭންކުގެ އެމްއެމްއޭގެ އެސިސްޓެންޓް އެގްޒެކެޓިވް ޑިރެކްޓަރު ހައްވާ ލަތީފާ ވިދާޅުވީ ރާއްޖޭގައި އެންމެ އާއްމުކޮށް ޗެކް ބޭނުން ކުރަނީ ކޯޕަރޭޓް ކަސްޓަމަރުން ކަމަށާ، ޗެކް ބޭނުން ކުރާ ސަބަބަކީ މާލީ ރިކޯޑް ބަލަހައްޓަން ކަމަށް ބެލެވޭ ކަމަށެވެ.

ޗެކުން ނެގޭ މަތީ އަދަދު ކަނޑައެޅުން

އޭނާ ވިދާޅުވީ މިކަމަށް ބާރު އަޅަން ގެންނަ ބަދަލުގެ ތެރެއިން ޗެކުން ފައިސާ ނެގޭ ވަރު 50،000ރ. އަށް މަދުކޮށް، ޑޮލަރުން ނަމަ 3،000 ޑޮލަރަށް ލިމިޓް ކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ޗެކުން ފައިސާ ނަގާ ނަމަ އިތުރު ފީއެއް ނެގުމަށް
ވެސް ކަނޑައަޅާފައިވާ ކަމަށް ހައްވާ ވިދާޅުވި އެވެ.

ރާއްޖޭގައި ޗެކުން ކުރާ އެންމެ ގިނަ މުއާމަލާތް ހިންގާ ބޭންކް ކަމަށްވާ ބީއެމްއެލްގެ ރީޓެއިލް އެންޑް އެސްއެމްއީ ބޭންކިންގެ ޑިރެކްޓަރު މޫސާ ނިމާލް ވިގޮތުގައި ޗެކް ބޭނުން ކުރަން ހުއްޓާލަން މާލީ އިދާރާތަކުން މަސައްކަތް ކުރާ އެންމެ ބޮޑު އެއް
ސަބަބަކީ އެއީ އެންމެ ރަނގަޅު ވަސީލަތަކަށް ނުވާތީ އެވެ.

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ޑެޕިއުޓީ ސީއީއޯ އަހުމަދު ރިޒާ ވިދާޅުވީ ދެ އަހަރުގެ މަސައްކަތުން ރާއްޖޭގައި ޗެކް ބޭނުން ކުރުން 50 ޕަސެންޓް ހުއްޓާލެވި ބާކީއޮތް ބައި ކުރިއަށްއޮތް ދުވަސްތަކުގައި ހުއްޓާލާނެ ކަމަށެވެ.

"އަޅުގަނޑުމެން މިހާރު މަސައްކަތް ކުރަން މި ޖެހެނީ 40 ޕަސަންޓު މަދުކުރަން. އިރާދުކުރެއްވިއްޔާ 2024 ގައި ޗެކް ބޭނުން ކުރުން ހުއްޓާލެވޭނެ،" ރިޒާ ވިދާޅުވި އެވެ.