އެމްއެމްއޭ

މި މަހު 15ގެ ނިޔަލަށް ބޭންކްތައް ހުޅުވާނީ ދެ ދުވަހު

ކޮވިޑް 19ގެ ހާލަތު ގޯސްވުމާ ގުޅިގެން ބޭންކްތަކުން ހިދުމަތްދޭ ގޮތާއި ދުވަސްތަކަށް ބަދަލު ގެނެސްފި އެވެ.

މަރުކަޒީ ބޭންކް އެމްއެމްއޭ އިން މިއަދު ބުނީ މާދަމާ އިން ފެށިގެން މި މަހުގެ 15 ގެ ނިޔަލަށް ޒަރޫރީ ބޭނުން ތަކަށް ބޭންކްތައް ހުޅުވާނީ ހަފްތާގެ ދެ ދުވަހު ކަމަށެވެ.

އެގޮތުން އެމްއެމްއޭ އާއި ބޭންކްތައް ހުޅުވާލައިގެން ހިދުމަތް ދިނުމަށް މިހާރު ނިންމާފައިވަނީ ހޯމަ އަދި ބުދަ ދުވަހު އެވެ.

ގެނެވުނު ބަދަލާ އެކު ބޭންކްތައް ހުޅުވާ ހިދުމަތް ދިނުމަށް ހަމަޖައްސާފައިވަނީ ހެނދުނު 9:30 އިން މެންދުރު 12:00 އަށެވެ.

އެމްއެމްއޭ އިން އާއްމުންނަށް ހިދުމަތް ދިނުމާއި ތަކެތި ބަލައިގަތުމަށް ހަމަޖެހިފައި ވަނީ ވެސް ބޭންކްތަކުން ހިދުމަތް ދޭ ވަގުތުތަކުގަ އެވެ.

ކޮވިޑް-19 ގެ ހާލަތު ގޯސްވެފައި ވާތީ އެޗްޕީއޭ އިން އަޅާފައިވާ ފިޔަވަޅުތައް ހަރުކަށި ކުރުމާއި ގުޅިގެން މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް މާލެ ސަރަހައްދުގެ އޮފީސްތަކުން ހިދުމަތް ދިނުމަށް ވެސް މިހާރު ހަމަޖައްސާފައިވަނީ އޮންލައިން ކޮށެވެ.