ހަބަރު

ޕޭމަންޓް ސިސްޓަމް އަންނަ އަހަރު ބޭނުން ކުރެވޭނެ: ގަވަރުނަރު

Oct 20, 2020

ރާއްޖޭގައި ކުރެވޭ މާލީ މުއާމަލާތްތަކުގެ ނިޒާމް ހަރުދަނާ ކުރުމަށް ގާއިމުކުރެވޭ ޕޭމަންޓް ސިސްޓަމް އަންނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ބޭނުންކުރެވެން ފެށޭނެކަމަށް މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރު އަލީ ހާޝިމް ވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ ފަރާތުން ދިއްދޫ ދާއިރާގެ މެންބަރު އަބްދުالله ވަހީދު ހުށަހަޅުއްވާފައިވާ ޕޭމަންޓް ސިސްޓަމާއި ޕޭމަންޓް ހިދުމަތްތަކުގެ ބިލުގައި އޮތް އެއްޗެއް ރަނގަޅަށް "އޮޅުންނުފިލާތީ" ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އެދިވަޑައިގަތުމަށް މިއަދު މަޖިލީހަށް ވަޑައިގެން ހާޝިމް ވިދާޅުވީ ހާއްސަކޮށް ކޮވިޑް-19 އިގެ ހާލަތުގައި މިފަދަ ސިސްޓަމެއްގެ ބޭނުން ވަރަށް ބޮޑަށް ހާމަވެގެން ގޮސްފައިވާ ކަމަށެވެ.

ގަވަރުނަރު ވިދާޅުވީ މިފަދަ ސިސްޓަމެއް ރާއްޖޭގައި ގާއިމުކުރުމަކީ ވަރަށް ކުރީއްސުރެ ރޭވުމެއް އަންނަ ކަމެއް ކަމަށާއި، ނަމަވެސް އެ މަސައްކަތް ލަސްވެގެން ދިއައީ، ކޮވިޑުގެ ހާލަތުގައި އެކަމާ ގުޅޭ މާހިރުން ރާއްޖެއަށް ވަޑައިގަތުމަށް މެދުވެރިވި ދަތިތަކާއެކު ކަމަށެވެ.

"އަންނަ އަހަރުގެ އޮކްޓޯބަރު މަހު ފުލީ ލައިވް ކުރެވޭނެ ކަމަށް އަޅުގަނޑުމެން އުއްމީދުކުރަނީ،" ހާޝިމް ވިދާޅުވި އެވެ.

އެ ސިސްޓަމާގުޅޭ ގޮތުން އިތުރަށް މައުލޫމާތު ދެއްވަމުން ގަވަރުނަރު ވިދާޅުވީ ބޭންކިންގ ނިޒާމުގެ ތެރޭގައި ހަރަކާތްތެރިވާ މާލީ ހިދުމަތްދޭ ހުރިހާ އިދާރާތަކެއް އެއް ސިސްޓަމަކުން ގުޅާލެވިގެންދާނެ ކަމަށާއި، އޭގެ ސަބަބުން ސަރުކާރުން ރާއްޖެ ލާމަރުކަޒު ކުރުމަށްވެސް ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.

މިސާލެއް ނަންގަވަމުން އަލީ ހާޝިމް ވިދާޅުވީ ރާއްޖޭގެ ރަށެއްގައި ކުދި ވިޔަފާރިކުރާ ފަރާތެއް ވިޔަސް، މި ސިސްޓަމާ ގުޅާލުމުން މުޅި މާލީ ނިޒާމަށް އެކްސެސްވެވޭނެ ކަމަށެވެ.

އިތުރަށް ވިދާޅުވީ މި ގާނޫނުގެ ދަށުން ގެނެވޭ ގަވައިދުތަކާއެކު ރާއްޖޭގެ މުޅި މާލީ ނިޒާމު އެއް ހަމައެއްގައި، އެއް ޕްލެޓްފޯމަކަށް ގެނެވި، އެންމެ އާދައިގެ ރައްޔިތު މީހާއަށްވެސް ހަމަހަމަ ރައްކާތެރިކަމެއް ލިބިގެންދާނެ ކަމަށެވެ.

އަދި ބައިނަގުވާމީ މިންގަނޑުތަކަށް ފަރުމާކުރެވޭ ސިސްޓަމާއެކު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދެމުންދާ މާލީ ހިދުމަތްތައް ރާއްޖެއަށް ތައާރަފްވުމުގެ މަގު ފަހިވެގެންދާނެކަމަށް ވެސް ގަވަރުނަރު ވިދާޅުވި އެވެ.

"މި ނިޒާމު އެއް ލެންގުއޭޖަކުން ވާހަކަ ދައްކާނީ. މި ސިސްޓަމް ގާއިމުވެގެން ދިއުމުން ބޭރުގެ އެކި އިންޓަނޭޝަނަލް ހިދުމަތްތައް ވެސް ލިބުމަށް ފަސޭހަވެގެންދާނެ. އަޅުގަނޑުމެން ސީދާ އިންވައިޓް ނުކުރިޔަސް، މާކެޓް ތަންދޭ މިންވަރަކުން މިބޭފުޅުން ވެސް ރާއްޖެއަށް އައިސް ހިދުމަތްދޭން، މި ސިސްޓަމާ ގުޅޭނެކަމަށް އަޅުގަނޑުމެން އުއްމީދު ކުރަނީ،" އަލީ ހާޝިމް ތަފްސީލްކޮށް ދެއްވި އެވެ.

ގަވަރުނަރު އިތުރަށް ވިދާޅުވީ މި ނިޒާމުގެ ބޭންކުތައްފަދަ މާލީ ހިދުމަތްދޭ ފަރާތްތައް އެއް ހަމައަކަށް ގެނެވެމުން، ވާދަވެރިކަން އުފެދިގެންދާނެ ކަމަށެވެ. މި ގޮތުން އުފެދޭ ވާދަވެރިކަމުގެ ތެރެއިން މިހާރު ނުލިބޭ ހިދުމަތްތައް ތައާރަފްވެގެން ދިއުމާއެކު، ހިދުމަތް ދިނުމުގެ ދާއިރާތަކުގެ އަގުތައްވެސް ދައްވެގެންދާނެ ކަމަށް ގަބޫލުކުރެއްވޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ބިލު ހުށަހަޅާ ބޭނުމެއްގެ ގޮތުގައި ބުނެފައިވަނީ، ރާއްޖޭގެ ފައިސާއިން ނުވަތަ ބޭރު ފައިސާއަކުން ނަމަވެސް ޕޭމަންޓް އިންސްޓްރަކްޝަން ތަކާއި ފައިސާ ޓްރާންސްފާތައް ފޮނުވުމާއި ލިބުން، އަދި ޕްރޮސެސްކުރުމާ ގުޅުން ހުރި އެންމެހައި ކަންކަން ހިމެނޭ ގައުމީ ޕޭމަންޓް ސިސްޓަމް ގާއިމް ކުރުމާއި، ޕޭމަންޓް ސިސްޓަމްތަކާއި ޕޭމަންޓް ހިދުމަތްތައް ރެގިއުލޭޓްކޮށް އެފަދަ ސިސްޓަމްތައް ހިންގުމާ ގުޅޭ އުސޫލުތައް ބަޔާން ކުރުން ކަމަށެވެ.

މި ބިލުގައިވާ ގޮތުން މި ކަންތައްތަކާ ބެހޭގޮތުން މަރުކަޒީ ބޭންކް އެމްއެމްއޭއަށް ލަފާދި ނުމަށް ނެޝަނަލް ޕޭމަންޓް ސިސްޓަމް ކައުންސިލެއް އުފެއްދުމަށް ވަނީ ހިމަނައިފަ އެވެ.