ބޭންކުތަކުން ދޫކުރާ ލޯނުތަކުގެ އިންޓަރެސްޓް ބޮޑުވަނީ، އެ ލޯނަށް ދޭ ރަހުނު ވިއްކައިގެން އެ ފައިސާ އަނބުރާ ހޯދުމުގައި ހުރި ދަތިތަކުގެ ސަބަބުން ބޭންކުތަކަށް އޮންނަ ރިސްކު ބޮޑުވުމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުށަހަޅުއްވާފައިވާ އިފްލާސްވުމާއި އިފްލާސް ކުރުމުގެ ބިލުގެ އިބުތިދާއީ ބަހުސަށް ހުޅުވާލުމުގެ ކުރިން ނަޝީދު ވިދާޅުވީ ބޭންކްރަޕްސީގެ ގާނޫނަކީ ރާއްޖެއަށް މިވަގުތު ވަރަށް ބޭނުންވެފައި އޮތް ގާނޫނެއް ކަމަށެވެ.
ބިލުގައި މައިގަނޑު ގޮތެއްގައި އިފްލާސް ކުރުމަށް ހުށަހަޅާފައި ވަނީ ވަކިވަކި ޝަހުސުންނާއި ސޯލް ޕްރޮޕްރައިޓަރުން ނަމަވެސް، ކޯޓަކުން ކަނޑައަޅައިފިނަމަ، މި ގާނޫނުގެ ހަމަތަކުގެ ތެރެއިން ކުންފުންޏެއް ވެސް އިފްލާސް ކުރެވިދާނެ ކަމަށް ބަޔާން ކޮށްފައިވާ ކަމަށް ނަޝީދު ފާހަގަ ކުރެއްވި އެވެ.
އެ ނުކުތާއަށް އިޝާރާތް ކުރައްވާ ނަޝީދު ވިދާޅުވީ ރާއްޖޭގެ ބޭންކުތަކުގައި ހުރި އެކައުންޓުތަކުގެ ގާތްގަނޑަކަށް 20 ޕަސަންޓަކީ ނަން ޕަފޯމިން އެކައުންޓުތައް ކަމަށެވެ.
"އާއްމުކޮށް ބޭންކުތަކުގައި ހަތް ޕަސަންޓަށް ވުރެ މި އަދަދު އިތުރުވުމަކީ ކަންބޮޑުވާކަމެއް،" އެ މަނިކުފާނު ވިދާޅުވި އެވެ.
އިތުރަށް ވިދާޅުވީ ރާއްޖޭގެ ލޯނުތަކަށް ދީފައިވާ ރަހުނު ވިއްކައިގެން ދަރަނި އަނބުރާ ނުހޯދޭ ކަމުގެ ޝަކުވާ ކޮމާޝަލް ބޭންކުތަކުން އެމަނިކުފާނާ ވެސް ހިއްސާ ކުރަމުން ގެންދާ ކަމަށެވެ.
"އެ ބޭންކުތަކަށް ދަރާފައިވާ ދަރަނި އަނބުރާ ހޯދަން ރަހުނު ވިއްކާ ނުލެވި. އެ ދަރަނީގެ ފައިސާ އަނބުރާ ނުހޯދުނީމާ، ދެން ބޭންކުގެ ނިޒާމަށް ލިބިގެންދާ ގެއްލުމާއި އޭގެ ސަބަބުން ބޭންކުގެ އިންޓަރެސްޓް ރޭޓަށް ވެގެންދާ ގޮތް. ބޮޑު އިންޓަރެސްޓް ރޭޓެއް ބޭންކުން ނަގަން މިޖެހެނީ ރިސްކު ބޮޑުވާތީވެ،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވި ގޮތުގައި މި ވަގުތު ވެސް 70 އެއްހާ ރަށުގައި ރިސޯޓު ތަރައްގީ ކުރުމުގެ މަސައްކަތް ފެށުމަށް ފަހު ހުއްޓިފައިވާއިރު، އެއިން ކޮންމެ ރަށެއްގައި ވެސް ކޮންމެ ވެސް ބޭންކަކާ ގުޅޭ ދަރަންޏެއް އޮންނާނެ ކަމަށެވެ.
"ބޭންކުތަކަށް މި ރަހުނުތައް ވިއްކޭގޮތް މެދުވެރިވެއްޖެނަމަ، ވަރަށް ސާފުކޮށް އެބަ އެނގޭ ވަރަށް ގިނަ އަދަދެއްގެ ފައިސާ ރާއްޖޭގެ މާލީ ނިޒާމަށް ވެއްދެން އެބައޮތްކަން،" އެމަނިކުފާނު ފާހަގަކުރެއްވި އެވެ.