ޕޭޕާލް މެދުވެރިކޮށް ފައިސާ ބަލައިގަތުމުގެ ހިދުުމަތް ރާއްޖެއަށް ނުލިބޭތީ ޝަކުވާ ބޮޑުވެފައިވާއިރު، އެ ހިދުމަތް ރާއްޖެއަށް ގެންނަން ރަސްމީކޮށް އެދިފައިވާނެ ކަމަށް މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަލީ ހާޝިމް ވިދާޅުވެއްޖެ އެވެ.
ސަރުކާރުގެ ފަރާތުން ދިއްދޫ ދާއިރާގެ މެންބަރު އަބްދުالله ވަހީދު ހުށަހަޅުއްވާފައިވާ ޕޭމަންޓް ސިސްޓަމާއި ޕޭމަންޓް ހިދުމަތްތަކުގެ ބިލުގައި އޮތް އެއްޗެއް ރަނގަޅަށް "އޮޅުންނުފިލާތީ" ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އެދިވަޑައިގަތުމަށް މިއަދު މަޖިލީހަށް ވަޑައިގެން ވާހަކަ ދައްކަވަމުން ހާޝިމް ވިދާޅުވީ ރާއްޖޭގައި ގާއިމްްކުރަން އުޅެނީ އައިއެސްއޯ 222 ގެ މިންގަނޑަށް ފެތޭ ނިޒާމެއް ކަމަށާއި އެ ސިސްޓަމާއެކު ޕޭޕާލް ފަދަ ބައިނަލްއަގުވާމީ މާލީ ހިދުމަތްތައް ރާއްޖެއަށް ތައާރަފްވެގެން ދިއުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.
ޕޭޕާލް ހިދުމަތް ނުލިބޭތީ އޮތް ޝަކުވާތަކަށް އިޝާރަތް ކުރައްވައި ގަވަރުނަރު ވިދާޅުވީ އެ ހިދުމަތް ރާއްޖެއަށް ގެނައުމަކީ ޕޭޕާލްގެ ނިންމުމެއް ކަމަށާއި އެ ހިދުމަތް ރާއްޖެއަށް ގެންނަން މިހާރު ވެސްް އެދިފައިވާ ކަމަށެވެ.
ނަމަވެސް، ޕޭމަންޓް ސިސްޓަމެއް ގާއިމުވެގެން ދިއުމާއެކު، ޕޭޕާލްވެސް ރާއްޖެ އައުމަށް އެއްވެސް ހުރަހެއް ނޯންނާނެކަން އަލީ ހާޝިމް ފާހަގަކުރެއްވި އެވެ.
"އަޅުގަނޑުމެން ވެސް މަޑުމަޑުން ޕްރެޝާ އެބަ ބިލްޑް ކުރަން. އެކަމަކު އެ ޑިސިޝަން އަކީ އެ ބޭފުޅުންގެ ޑިސިޝަނެކޭ، އަޅުގަނޑުމެންގެ ޑިސިޝަނެއް ނޫނޭ. އަޅުގަނޑުމެންގެ ޑިސިޝަނަކަށް ވާނީ އަޅުގަނޑުމެންގެ ސިސްޓަމްތައް މިއޮތީ ތައްޔާރަށޭ މިހާރު ތިޔަ ބޭފުޅުން ގުޅާލުން،" އޭނާ ވިދާޅުވި އެވެ.
ގަވަރުނަރު ވިދާޅުވީ މިފަދަ ސިސްޓަމެއް ރާއްޖޭގައި ގާއިމުކުރުމަކީ ވަރަށް ކުރީއްސުރެ ރޭވުމެއް އަންނަ ކަމެއް ކަމަށެވެ. ނަމަވެސް އެ މަސައްކަތް ލަސްވެގެން ދިއައީ، ކޮވިޑުގެ ހާލަތުގައި އެކަމާ ގުޅޭ މާހިރުން ރާއްޖެއަށް ވަޑައިގަތުމަށް މެދުވެރިވި ދަތިތަކާއެކު ކަމަށެވެ.
"އަންނަ އަހަރުގެ އޮކްޓޯބަރު މަހު ފުލީ ލައިވް ކުރެވޭނެ ކަމަށް އަޅުގަނޑުމެން އުއްމީދު ކުރަނީ،" ހާޝިމް ވިދާޅުވި އެވެ.