އެމްއެމްއޭ

އިންސްޓަންޓް ޕޭމަންޓް ސިސްޓަމްގައި އިތުރު ދެ ބޭންކް ބައިވެރިވެއްޖެ

މަރުކަޒީ ބޭންކް -- މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އިފްތިތާހުކުރި މޯލްޑިވްސް އިންސްޓަންޓް ޕޭމަންޓް ސިސްޓަމް -- "ފަވަރަ" ގައި އިތުރު ދެ ބޭންކުން ބައިވެރިވެއްޖެ އެވެ.

ފަވަރަގައި ބައިވެރިވެފައިވަނީ ބޭންކް އޮފް ސިލޯނާއި މޮރިޝަސް ކޮމާޝަލް ބޭންކެވެ. ފަވަރައިގައި ބައިވެރިވުމުގެ އެއްބަސްވުމުގައި އެ ދެ ބޭންކުން އިއްޔެ ވަނީ އެމްއެމްއާއެކު ސޮއިކޮށްފަ އެވެ.

އެއް ބޭންކް އެކައުންޓުން އަނެއް ބޭންކް އެކައުންޓް ކުރާ މުއާމަލާތް ވަގުތުން ވަގުތަށް ޕްރޮސެސްވެ ފައިސާ އެކައުންޓަށް ޖަމާ ކުރެވޭ ފަވަރަ އިފްތިތާހު ކުރީ މިއަހަރުގެ އޮގަސްޓް މަހު އެވެ.

މި ސިސްޓަމްގައި މިހާތަނަށް ބައިވެރިވެފައިވަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އަދި ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްއައިބީ) އެވެ.

އިންސްޓަންޓް ޕޭމަންޓް ސިސްޓަމުން ކުރެވޭ ކަންކަން

  • އެކައުންޓް ވެރިފިކޭޝަން
  • އިންސްޓަންޓް ޕޭމަންޓްސް
  • ރިކުއެސްޓް ޓު ޕޭ
  • ސްމާޓް އެޑްރެސިން

ފިންލޭންޑްގެ ޓީޓޯއެވްރީއާ ހަވާލުކޮށްގެން ހަދާފައިވާ ޕޭމަންޓް ސިސްޓަމު ގާއިމުކުރުމުން މޯބައިލް ފޯނު ނުވަތަ އެހެން ޑިވައިސްތައްވެސް ބޭނުންކޮށްގެން ވަގުތުން ވަގުތަށް ޕޭމަންޓް ހެދުމުގެ ފުރުސަތު ލިބޭނެ އެވެ. އަދި އޮންލައިންކޮށް އެއް އެކައުންޓުން އަނެއް އެކައުންޓަށް ފައިސާ ފޮނުވަން ކޮންމެ ފަހަރު އެކައުންޓް ނަންބަރު ޖެހުމުގެ ބަދަލުގައި ހާއްސަ ކޯޑެއް -- އައިޑީ ކާޑު ނަންބަރު، އީމެއިލް އެޑްރެސް ނުވަތަ މޯބައިލް ނަންބަރާއި ވިޔަފާރި ރަޖިސްޓްރީ ނަންބަރު ބޭނުންކޮށްގެން ވެސް ފައިސާގެ މުއާމަލާތްތައް ހިންގޭނެ އެވެ.