އެމްއެމްއޭ

ޕޭމަންޓް ސިސްޓަމުން 128 މިލިއަން ރުފިޔާގެ މުއާމަލާތްކޮށްފި

މަރުކަޒީ ބޭންކް -- މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އިފްތިތާހުކުރި މޯލްޑިވްސް އިންސްޓަންޓް ޕޭމަންޓް ސިސްޓަމް -- "ފަވަރަ" މެދުވެރިކޮށް 128.42 މިލިއަން ރުފިޔާގެ މުއާމަލާތްކޮށްފި އެވެ.

އެމްއެމްއޭ އިން ބުނި ގޮތުގައި އާދިއްތަ ދުވަހުގެ ނިޔަލަށް ފަވަރަ މެދުވެރިކޮށް 29،773 މުއާމަލާތް ވަނީ ކޮށްފަ އެވެ.

ފަވަރަ އިފްތިތާހުކުރީ މިދިޔަ މަހުގެ 26 ވަނަ ދުވަހު އެވެ. ފަވަރަ މެދުވެރިކޮށް ފުރަތަމަ ދެ ދުވަހުވެސް 10.6 މިލިއަން ރުފިޔާގެ މުއާމަލާތްކޮށްފައިވެ އެވެ.

ފަވަރައިގެ ސަބަބުން އެއް ބޭންކް އެކައުންޓުން އަނެއް ބޭންކް އެކައުންޓް ކުރާ މުއާމަލާތް ވަގުތުން ވަގުތަށް ޕްރޮސެސްވެ ފައިސާ އެކައުންޓަށް ޖަމާވާނެ އެވެ.

މި ވަގުތު ސިސްޓަމްގައި ބައިވެރިވެ ހިދުމަތް ދެނީ ބޭންކް އޮފް މޯލްޑިވްސް -- ބީއެމްއެލް، މޯލްޑިވްސް އިސްލާމިކް ބޭންކް -- އެމްއައިބީ އަދި ސްޓޭޓް ބޭންކް އޮފް އިންޑިއާ -- އެސްބީއައި އެވެ.

އެމްއެމްއޭ އިން ބުނީ ފަވަރައިގެ ސަބަބުން ފައިސާގެ މުއާމަލާތްތައް ފަސޭހަވެ ރައްކާތެރިކަމާއެކު ފައިސާގެ މުއާމަލާތްތައް ކުރެވޭނެ ކަމަށެވެ.

މީގެ އިތުރުން ބޭންކް އެކައުންޓެއް ނެތް މީހަކަށްވެސް ފައިސާގެ މުއާމަލާތް ކުރުމުގެ މަގު ފަހިވެގެންދާނެ ކަމަށް އެމްއެމްއޭ އިން ބުނެ އެވެ.

އެގޮތުން ފަވަރަ ސިސްޓަމްގައި ބައިވެރިވާ މީހެއްގެ ޑިޖިޓަލް ވޮލެޓް ނިޒާމު ބޭނުންކޮށްގެން ބޭންކު އެކައުންޓުތަކަށް ވެސް ފައިސާ ފޮނުވައި އަދި އެ ބޭންކުތައް މެދުވެރިކޮށް ފޮނުވާ ފައިސާ ލިބިގަނެ، ވިޔަފާރިތަކަށާއި އެކިއެކި ހިދުމަތްތަކަށް ފައިސާ ދެއްކުން ފަދަ ކަންތައްތައް ފަސޭހަކަމާއެކު ކުރެވޭނެ ކަމަށް މަރުކަޒީ ބޭންކުން ބުނެ އެވެ.