އެމްއެމްއޭ

އިތުރު ދެ ބޭންކަކުން އިންސްޓަންޓް ޕޭމަންޓް ސިސްޓަމްގެ ހިދުމަތް ފަށައިފި

މަރުކަޒީ ބޭންކް -- މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އިފްތިތާހުކުރި މޯލްޑިވްސް އިންސްޓަންޓް ޕޭމަންޓް ސިސްޓަމް -- "ފަވަރަ" ގައި އިތުރު ދެ ބޭންކަކުން ބައިވެރިވެއްޖެ އެވެ.

ފަވަރަ ސިސްޓަމްގައި އަލަށް ބައިވެރިވީ ބޭންކް އޮފް ސިލޯން (ބީއޯސީ) އަދި މޮރިޝަސް ކޮމާޝަލް ބޭންކް (އެމްސީބީ) އެވެ.

އެމްއެމްއޭ އިން ބުނި ގޮތުގައި އެ ބޭންކުތަކުން ވަނީ ފަވަރަ އާއި ގުޅުމަށް ވާންޖެހޭ އެންމެފަހުގެ ތައްޔާރީތައް ފުރިހަމަކޮށް ޕައިލަޓް ޓެސްޓިން ނިންމާފަ އެވެ. މިއަދުން ފެށިގެން މި ދެ ބޭންކުގެ ކަސްޓަމަރުންނަށް ފަވަރަ ޓްރާންސްފާ، ފަވަރަ ރިކުއެސްޓް، ފަވަރަ އައިޑީ އަދި ފަވަރަ ރީކޯލް ހިމެނޭހެން، ފަވަރަގެ ހުރިހާ ހިދުމަތްތައް ލިބިގެންދާނެކަން އެމްއެމްއޭއިން ފާހަގަކުރެ އެވެ.

ފަވަރަ ސިސްޓަމްގައި އަލަށް ބައިވެރިވި ދެ ބޭންކާއެކު މިހާރު ޖުމްލަ ފަސް ބޭންކަކުން މި ހިދުމަތް ލިބެ އެވެ.

އެގޮތުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި މޯލްޑިވްސް އިސްލާމިކް ބޭންކް އަދި ސްޓޭޓް ބޭންކް އޮފް އިންޑިއާ މެދުވެރިކޮށް ފަވަރަގެ ހިދުމަތް މިހާރު ލިބިގެންދާނެ އެވެ.

އިންސްޓަންޓް ޕޭމަންޓް ސިސްޓަމުން ކުރެވޭ ކަންކަން

  • އެކައުންޓް ވެރިފިކޭޝަން
  • އިންސްޓަންޓް ޕޭމަންޓްސް
  • ރިކުއެސްޓް ޓު ޕޭ
  • ސްމާޓް އެޑްރެސިން

ފިންލޭންޑްގެ ޓީޓޯއެވްރީއާ ހަވާލުކޮށްގެން ހަދާފައިވާ ޕޭމަންޓް ސިސްޓަމު ގާއިމުކުރުމުން މޯބައިލް ފޯނު ނުވަތަ އެހެން ޑިވައިސްތައްވެސް ބޭނުންކޮށްގެން ވަގުތުން ވަގުތަށް ޕޭމަންޓް ހެދުމުގެ ފުރުސަތު ލިބޭނެ އެވެ. އަދި އޮންލައިންކޮށް އެއް އެކައުންޓުން އަނެއް އެކައުންޓަށް ފައިސާ ފޮނުވަން ކޮންމެ ފަހަރު އެކައުންޓް ނަންބަރު ޖެހުމުގެ ބަދަލުގައި ހާއްސަ ކޯޑެއް -- އައިޑީ ކާޑު ނަންބަރު، އީމެއިލް އެޑްރެސް ނުވަތަ މޯބައިލް ނަންބަރާއި ވިޔަފާރި ރަޖިސްޓްރީ ނަންބަރު ބޭނުންކޮށްގެން ވެސް ފައިސާގެ މުއާމަލާތްތައް ހިންގޭނެ އެވެ.