އެމްއެމްއޭ

ފަވަރަ މެދުވެރިކޮށް 15 ބިލިއަން ރުފިޔާ ޓްރާންސްފާކޮށްފި

މަރުކަޒީ ބޭންކް -- މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އިފްތިތާހުކުރި މޯލްޑިވްސް އިންސްޓަންޓް ޕޭމަންޓް ސިސްޓަމް -- "ފަވަރަ" މެދުވެރިކޮށް ފާއިތުވި އެއް އަހަރު ދުވަހުގެ ތެރޭގައި 15 ބިލިއަން ރުފިޔާ ޓްރާންސްފާކޮށްފި އެވެ.

އެއް ބޭންކުން އަނެއް ބޭންކަށް ވަގުތުން ފައިސާ ފޮނުވޭ ފަވަރަ ހިދުމަތް އިފްތިތާހުކުރީ މިދިޔަ އަހަރުގެ އޮގަސްޓް 26 ވަނަ ދުވަހު އެވެ.

ފަވަރަ އިން ހާމަކުރި ގޮތުގައި ފައިސާ ޓްރާންސްފާ ކުރުމަށް ފާއިތުވި އެއް އަހަރުގެ ތެރޭގައި ފަސް މިލިއަން ޓްރާންސެކްޝަން ހިންގާފައިވެ އެވެ.

މީގެ އިތުރުން ފަވަރަ ރިކުއެސްޓަށް 7،000 ރިކުއެސްޓް ލިބިފައިވާ ކަމަށާއި އެއީ 16 މިލިއަން ރުފިޔާގެ ރިކުއެސްޓް ކަމަށް ފަވަރަ އިން ބުނެ އެވެ.

ފަވަރަ ހިދުމަތް ފެށީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އަދި ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްއައިބީ) އާއެކު އެވެ. ފަވަރަ ހިދުމަތުގައި ބޭންކް އޮފް ސިލޯން (ބީއޯސީ) އަދި މޮރިޝަސް ކޮމާޝަލް ބޭންކް (އެމްސީބީ) ވެސް ބައިވެރިވެ އެވެ.

އިންސްޓަންޓް ޕޭމަންޓް ސިސްޓަމުން ކުރެވޭ ކަންކަން

  • އެކައުންޓް ވެރިފިކޭޝަން
  • އިންސްޓަންޓް ޕޭމަންޓްސް
  • ރިކުއެސްޓް ޓު ޕޭ
  • ސްމާޓް އެޑްރެސިން

ފިންލޭންޑްގެ ޓީޓޯއެވްރީއާ ހަވާލުކޮށްގެން ހަދާފައިވާ ޕޭމަންޓް ސިސްޓަމު ގާއިމުކުރުމުން މޯބައިލް ފޯނު ނުވަތަ އެހެން ޑިވައިސްތައްވެސް ބޭނުންކޮށްގެން ވަގުތުން ވަގުތަށް ޕޭމަންޓް ހެދުމުގެ ފުރުސަތު ލިބޭނެ އެވެ. އަދި އޮންލައިންކޮށް އެއް އެކައުންޓުން އަނެއް އެކައުންޓަށް ފައިސާ ފޮނުވަން ކޮންމެ ފަހަރު އެކައުންޓް ނަންބަރު ޖެހުމުގެ ބަދަލުގައި ހާއްސަ ކޯޑެއް -- އައިޑީ ކާޑު ނަންބަރު، އީމެއިލް އެޑްރެސް ނުވަތަ މޯބައިލް ނަންބަރާއި ވިޔަފާރި ރަޖިސްޓްރީ ނަންބަރު ބޭނުންކޮށްގެން ވެސް ފައިސާގެ މުއާމަލާތްތައް ހިންގޭނެ އެވެ.