ވިޔަފާރި

15،000 ލޯނުގެ މުއްދަތު ފަސް ކޮށްދީފި

ކޮވިޑް-19 އާ ގުޅިގެން ފަރުދުންނަށާއި ވިޔަފާރިތަކަށް ކުރިމަތިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން 15،000 ލޯނުގެ މުއްދަތު ފަސްކޮށްދީފީ އެވެ.

އެކަން ހާމަކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް، މިރޭ ގައުމާއި މުހާތަބު ކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ވިޔަފާރިތަކަށާއި އަމިއްލަ މީހުން ބޭންކުތަކުން ނަގާފައިވާ ލޯނުތައް އަނބުރާ ދެއްކުން ހަ މަސްދުވަހަށް ފަސްކުރުމުގެ ޕްރޮގްރާމްގައި، އެޗްޑީއެފްސީ އާއި އެމްއެފްއެލްސީ އަދި އެސްޑީއެފްސީ އާއި ރާއްޖޭގައި ހިންގާ 8 ބޭންކަކުން މިހާރު ބައިވެރިވެފައިވާ ކަމަށެވެ.

އެ ބޭންކްތަކުން ނަގާފައިވާ ލޯނުތަކުގެ ތެރެއިން މިހާތަނަށް 15000 އަށްވުރެ ގިނަ ލޯނުގެ މުއްދަތު ފަސްކޮށްދީފައިވާ ކަމަށާ އޭގެ ތެރެއިން 83 އިންސައްތަ ލޯނަކީ ގައުމީ ބޭންކުން ދޫކޮށްފައިވާ ލޯންތައް ކަމަށް ރައީސް ވިދާޅުވިއެވެ. އެއީ 13199 ލޯނެވެ.

މީގެ އިތުރުންވެސް ކޮވިޑްގެ ބަލިމަޑުކަމުގެ ސަބަބުން އާންމު ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކަށް ހައްލު ހޯދާދިނުމަށް އިތުރު މަސައްކަތްތައް ކުރަމުންދާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. އެގޮތުން ކޯވިޑް-19ގެ ސަބަބުން ވަޒީފާ ގެއްލިފައިވާ މީހުންނަށްވެސް، ވަގުތީ އެހީތެރިކަމެއް ފޯރުކޮށްދިނުމަށް، ހާއްސަ ޕެކޭޖެއް ކަނޑައަޅައި އެފަދަ މީހުން ދެނެގަނެ، އެއިން ކޮންމެ މީހަކަށް، މަހެއްގެ މައްޗަށް 5000 ރުފިޔާގެ ރޭޓުން މިހާރު އަންނަނީ އެލަވަންސް ދޫކުރަމުން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.