ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑު ތަޅާލައި އެތަނުގައި އެ ދަނޑު އަލުން އެޅުމަށް ސަރުކާރުން ނިންމިއިރު އެ މަސައްކަތް ފެށުމުގެ ކުރިން ރައްޔިތުންނާ މަޝްވަރާކުރާނެތޯ ބެލުމަށް ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފްއާ ސުވާލުކުރެއްވުމަށް ހުށަހަޅުއްވައިފި އެވެ.
މިނިސްޓަރާ ސުވާލުކުރެއްވުމަށް ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމް އެވެ.
މީކާއިލްގެ ސުވާލުގައި ބުނެފައިވަނީ އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ ދަށުން، ގަލޮޅު ދަނޑު އާ ދަނޑެއްގެ ގޮތުގައި ތަރައްގީކުރުމަށް ނިންމާ އެކަން އިއުލާންކޮށްފައިވާއިރު މާލޭގެ ރައްޔިތުންނާ އަދި ވަކިން ހާއްސަކޮށް އެ ސަރަހައްދުގައި ދިރިއުޅޭ ގަލޮޅުގެ ރައްޔިތުންނާ އެކަމާ ގުޅޭ އެއްވެސް މަޝްވަރާއެއް ކޮށްފައި ނުވާ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށެެވެ.
އެހެންވެ މީކާއިލް ސުވާލުކުރައްވާފައިވަނީ މިމަޝްރޫއު ކުރިއަށް ގެންދާއިރު އާންމުންނާއި މަޝްވަރާ ކުރުމަށް ގަސްދުކުރައްވާ ވަގުތެއް ސާފުކުރެއްވުމަށެވެ. މީގެއިތުރުން މާލޭގެ މެދުގައި މިދަނޑު ތަރައްގީކުރުމުގެ ބަދަލުގައި މި ދަނޑު ހުޅުމާލެއަށް ބަދަލުކޮށް މާލޭގެ ޖާގައިގެ ދަތިކަމަށް ލުޔެއް ގެންނަން ވިސްނަވާފައިވޭތޯ ވެސް ސުވާލުކުރައްވާފައިވެ އެވެ.
ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑު ތަޅާލައި އެތަނުގައި އެ ދަނޑު އަލުން އެޅުމަށް ސަރުކާރުން ނިންމިއިރު އެކަމުގައި އަމަލުކުރި ގޮތުން ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު މުހައްމަދު ސައިފް އާއި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވެސް މީގެކުރިން ކަންބޮޑުވުން ފާޅުކުރައްވާފައިވެ އެވެ.
ގަލޮޅު ދަނޑު ހުރި ތަނުގައި އާ ދަނޑެއް ތަރައްގީ ކުރުމަށް ނިންމާފައިވާ ކަމަށް ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފްގެ ސޯޝަލް މީޑިއާ އެކައުންޓްތަކުގައި މިދިޔަ އަންގާރަ ދުވަހު ވަނީ ހާމަކުރައްވާފަ އެވެ. މިނިސްޓަރު ވިދާޅުވީ އެ މަޝްރޫއު ކުރިއަށް ގެންދާނީ އިންޑިއާގެ އެލްއޯސީގެ ދަށުން ބަޖެޓުކުރެވިގެން ކުރިއަށްދާ މަސައްކަތެއްގެ ގޮތުގައި ކަމަށެވެ.
މިނިސްޓަރު ވަނީ ގަލޮޅު ދަނޑު އަލުން ތަރައްގީކުރުމުން ހުންނާނެ ގޮތުގެ ތްރީޑީ ފޮޓޯތަކެއް ވެސް އާންމުކުރައްވާފަ އެެވެ.
މިނިސްޓަރު މަހްލޫފްގެ ޓްވީޓާ ގުޅިގެން ކައުންސިލަރު ސައިފް ވިދާޅުވީ ގަލޮޅު ދަނޑު ހުރީ މާލޭގެ އެންމެ ކާރޫބާރޫ ބޮޑު މައި މަގުގައި ކަމަށްވީތީ ވިސްނަންޖެހޭ ކިތަންމެ ކަމެއް އެބަހުރި ކަމަށެވެ. އެގޮތުން ޕާކް ކުރުމަށް ހުރި ދަތިތަކާއި، މަގު ބަންދުކުރުމުން މުޅި މާލޭގެ ޓްރެފިކަށް އަރާ ލޮޅުމާއި، ގަލޮޅު ދަނޑުގެ ވަށައިގެން ހުރި ގޯތިގެދޮރާއި ވިޔަފާތަކަށް ކުރާ އަސަރު ފާހަގަކުރެއްވި އެވެ.
ސައިފް ވިދާޅުވީ ގައުމީ މައިދަނޑު އެޅުން އެންމެ އެކަށީގެންވަނީ އެ ދަނޑު މިހާރުވެސް ހުރި ތަނުގައިތޯ އެއީ ވިސްނަންޖެހޭ ކަމެއް ކަމަށެވެ. އެކަމަށް ވިސްނުމެއް ނެތި އަދި އާންމު މަޝްވަރާކުރުމެއް ވެސް ނެތި ގައުމީ، އުމްރާނީ މަޝްރޫއެއް ހިންގުމަކީ ރަނގަޅު ކަމެއް ނޫން ކަމަށާއި އަދި އެއީ ލާމަރުކަޒީ ނިޒާމު ދަންނަ ހަމައެއް ނޫން ކަމުގައިވެސް ވިދާޅުވި އެވެ.
މިނިސްޓަރު މަހްލޫފްގެ ޓްވީޓަށް ޖަވާބު ދެއްވަމުން މާލޭގެ މޭޔަރު މުއިއްޒު ވެސް ވަނީ މިނިސްޓަރަށް ސުވާލުތަކެއް ކުރިމަތިކުރައްވާފަ އެވެ. އެގޮތުން އެ މަޝްރޫއު ކުރިއަށް ގެންދަވަން ނިންމެވިއިރު މާލޭ ރައްޔިތުން ކައިރީގައި ވަކިން ހާއްސަކޮށް ގަލޮޅުގެ ރައްޔިތުން ކައިރީ އައްސަވާލެއްވިންތޯ އާއި މާލެ ސިޓީ ކައުންސިލާއި އެއްވެސް ވަރަކަށް މަޝްވަރާ ކުރެއްވިންތޯ މޭޔަރު ވަނީ އައްސަވާފަ އެވެ.
"މަތިން ތިރިޔަށް ތަރައްގީ ގެންނަ ހަމަޔަކީ ރައްޔިތުންނާއި ބީރަށްޓެހި، ނަހަމަޔެއް!" މޭޔަރު ވިދާޅުވެފައިވެ އެވެ.
ރާއްޖޭގައި ކުޅިވަރު ވަސީލަތްތައް ތަރައްގީކުރުމަށް އިންޑިއާގެ އެގްޒިމް ބޭންކުން 40 މިލިއަން ޑޮލަރުގެ ލޯނެއް ދިނުމަށް ހަމަޖައްސާފައިވާތީ އެ ލޯނުން ބައެއް މިއަހަރު ލިބޭނެ ކަމަށް ބަލައި ގަލޮޅު ދަނޑު ތަރައްގީކުރުމަށް ދައުލަތުގެ މިއަހަރުގެ ބަޖެޓުގައި 55 މިލިއަން ރުފިޔާ ހިމަނާފައިވެ އެވެ. އަދި ދަނޑުގެ މަސައްކަތް މުޅިން ނިންމާލުމަށް އަންނަ އަހަރުގެ ބަޖެޓުގައި އިތުރު 10 މިލިއަން ރުފިޔާ ހިމެނުމަށްވެސް ނިންމާފައިވެ އެވެ.