ބޮލުގެ އިސްތަށިކޮޅު ފައިބަމުން ގޮސް ގާތްގަނޑަކަށް ތަލައަށް ވެފައި ހުރި މީހެއްގެ ބޮލުން އަނެއްކާވެސް ވަރަށް ބޯކޮށް އިސްތަށި ފަޅައިފި އެވެ. އެ މީހާ ބުނާ ގޮތުގައި އަލުން އިސްތަށި ފަޅަން ފެށީ ބޯ ދޮވުން ހުއްޓާލީމަ އެވެ.
ނިކް ކޯޓްޒީ ކިޔާ މީހަކު ސޯޝަލް މިޑިއާގައި ޝެއާކޮށްފައިވާ ވީޑިއޯއެއްގައި ބުނެފައިވާ ގޮތުގައި ބޮލުން އިސްތަށި ފައިބާވަރުން ހަދާނެ ގޮތެއް ނޭނގިގެން ގިނަ ދުވަސްތަކަކު އުޅުނު ކަމަށެވެ.
އަދި އިސްތަށި ފައިބައި ހެދުން ހަޑިވާތީ ކްލާހަށް ދާއިރު ވެސް އިތުރު ގަމީހެއް ގެންދާ ކަމަށެވެ.
"އަހަންނަށް އެނގޭ އެންމެ ކްލާހެއް ނިމޭއިރު ގަމީހުގައި އޮންނާނީ ހުސް އިސްތަށިކަން. އެހެންވެ އިތުރު ގަމީހެއް ގެންދަނީ،" ނިކް ބުންޏެވެ.
ބޮލުން އެހާ ގިނައިން އިސްތަށި ފައިބާ ސަބަބު ނިކް އަމިއްލައަށް ވިސްނި އެވެ. އަދި މިއީ އޭނާ ބޭނުންކުރާ ޝޭމްޕޫގައި ހުންނަ ކެމިކަލުން ވާ ގޮތެއް ކަމަށް ނިކް އަށް ގަބޫލު ކުރެވުނެވެ. އެހެންވެ ޝޭމްޕޫ ލުން މުޅިން ހުއްޓާލީ ކަމަށާއި އަދި ޝޭމްޕޫ ނުލާތާ މަދު ހަފުތާ ތަކެއް ތެރޭ އިސްތަށިގަނޑު ވަރުގަދަވާން ފެށިތަން ފެނުނު ކަމަށް ވެސް ނިކް ބުންޏެވެ.
ނިކްގެ މި ވާހަކައަކީ ބަހުސް ކުރެވޭ މައުލޫއަކަށް ވަނީ ވެފަ އެވެ. ނިކް އަށް ތާއީދުކުރާ މީހުން ބުނަނީ އިސްތަށިގަނޑު ނުދޮވެ ގިނަ ދުވަސްވާ ވަރަކަށް ނެޗުރަލް އޮއިލް އިސްތަށިގަނޑުގައި ހުންނަލެއް އިތުރުވާނެ ކަމަށެވެ. އަދި މިކަމުގެ ސަބަބުން އިސްތަށިގަނޑު ވަރުގަދަ ވާނެ ކަމަށެވެ.
ނިކް ބުނި ގޮތުގައި އިސްތަށިގަނޑު ނުދޮންނަމޭ އޭނާ އެ ބުނަނީ ޝޭމްޕޫ ލައިގެން ނުދޮންނަ ވާހަކަ ކަމަށެވެ. ދުވާލަކު ދެ ފަހަރު ބޮލަށް ފެން އަޅާކަމަށް އޭނާ ބުންޏެވެ.