ލައިފްސްޓައިލް

ލަކަނޫގެ ފުރަތަމަ ޓެސްޓް ޓިއުބް ބޭބީއަށް ދަރިއެއް ލިބިއްޖެ

އިންޑިޔާގެ ލަކަނޫގެ ފުރަތަމަ ޓެސްޓް ޓިއުބު ބޭބީ ޕްރާތުނާއަށް މިހާރު 23 އަހަރު ފުރިއްޖެ އެވެ. އަދި ޕްރާތުނާ އަށް ދާދިފަހުން ވަނީ ދަރިއަކު ވެސް ލިބިފަ އެވެ.

ޓައިމްސް އޮފް އިންޑިއާގައިވާ ޚަބަރެއްގައިވާ ގޮތުން ޕްރާތުނާ އަށް ލިބުނީ އަންހެން ކުއްޖެކެވެ. ޕްރާތުނާ 1998 ގައި އުފަންވީ ވެސް އޭނާ މިހާރު ވިހައިގެން އޮތް ހޮސްޕިޓަލުގަ އެވެ. އޭގެ ފަހުން ހޮސްޕިޓަލުގައި އޮންނަ ކޮންމެ ޕްރޮގްރާމަކަށް ވެސް ޕްރާތުނާ އަށް ދައުވަތު ދީގެން ގެންދެ އެވެ. އަދި މިއީ އޭނާ ވަރަށް އުފާވާ ކަމެއް ކަމަށް ޕްރާތުނާ ބުންޏެވެ.

ޕްރާތުނާ ބުނި ގޮތުގައި އޭނާ އަކީ އައިވީއެފް ބޭބީއެއްކަން އެނގުނީ ސްކޫލުގައި ކިޔެވި ދުވަސްވަރު މައިންބަފައިން އޭނާ ކައިރީ އެވާހަކަ ބުނީމަ އެވެ.

"އަހަރެން އުފަންވީ ޑރ. ގީތާ ކަންނާގެ މަސައްކަތުން. އެހެންވެ އަހަރެންގެ މަންމަ އާއި ބައްޕަ ވަރަށް ގިނައިން އަހަރެން ޑޮކްޓަރު ކައިރިއަށް ގޮވައިގެން ދޭ. ޓެސްޓް ޓިއުބް ބޭބީއެއް ކަމަކު އަހަރެން އުފަންވީ ފަހުން އުޅެމުންދަނި އެހެން ކުދިން ވެސް އުޅޭ ކަހަލަ އާދައިގެ ދިރިއުޅުމެއް. އެއްވެސް ތަފާތެއް ނެތް،" ޕްރާތުނާ ބުންޏެވެ.

ޕްރާތުނާ ބުނި ގޮތުގައި އޭނާގެ މައިންބަފައިންނަކީ ވަރަށް ބޮޑަށް ތަރައްގީ ވެފައިވާ ބައެކެވެ. އެހެންވެ އެންމެން ވެސް އޭނާ ގަބޫލު ކުރޭތޯ މައިންބަފައިންނަށް ކުރެވުނުހާ މަސައްކަތެއް ކުރެ އެވެ. އަދި އޭނާއާ ކުރިން ބައްދަލުނުވާ މީހުން ވެސް ބައްދަލުވުމުން އޭނާއަކީ ހަމަ އެހެން ކުދިން ކަހަލަ އާދައިގެ ކުއްޖެއްކަން އެމީހުންނަށް ވެސް އިހްސާސްވާ ކަމަށް ޕްރާތުނާ ބުންޏެވެ.

އައިވީއެފް ހަދައިގެން ޕްރާތުނާ އަށް ބަލިވެ އިންއިރު އޭނާގެ މަންމަ މާލްތީގެ އުމުރު އުޅެނީ 40 އަހަރަށް ވުރެ މަތީގަ އެވެ. ނަމަވެސް ބަލިވެ އިނދެ ވިހެއުމުގައި އެއްވެސް މައްސަލައެއް މާލްތީއަށް ދިމަލެއް ނުވެ އެވެ.

މާލްތީގެ އައިވީއެފް ހަދައިގެން ޑރ. ގީތާ ބުނި ގޮތުގައި އައިވީއެފް ހެދުމާ ގުޅޭ ގޮތުން ބައެއް މީހުންނަށް ވަރަށް ގިނަ އޮޅުންތައް އަރާފައި ވެއެވެ. އަދި އައިވީއެފް ހަދައިގެން ލިބޭ ކުދިން ބޮޑުވެގެން އެ މީހުންނަށް ދަރިން ނުލިބޭނެކަމަށް ވެސް ވަރަށް ގިނަ މީހުން ހީކުރެ އެވެ. ނަމަވެސް އެއީ ހަގީގަތެއް ނޫން ކަމަށާއި ޕްރާތުނާ އަކީ އޭގެ މިސާލެއް ކަމަށް ޑރ. ގީތާ ބުންޏެވެ.