އާސަންދަ އިން މިހާރު ނުލިބޭ ސިއްހީ ހިދުމަތްތައް ލިބޭނެ ގޮތެއް ހަމަޖެއްސުމަށް އެކަމާ ގުޅޭ ސިޔާސަތު ދިރާސާކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ހެލްތު މިނިސްޓަރު އަހްމަދު ނަސީމް ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ނަސީމް ވިދާޅުވީ އާސަންދައިގެ ސިޔާސަތަށް ބަދަލެއް ގެނައުމަށްޓަކައި އާސަންދަ ކުންފުންޏާ އެކު ސަރުކާރުން މަޝްވަރާތަކެއް ކުރިއަށް ގެންދަވާނެ ކަމަށެވެ. އަދި އެކަމުގައި ސަރުކާރުގެ ނިންމުންތައް ހިމެނޭ ގޮތަށް ރިޕޯޓެއް އެކުލަވާލުމަށްފަހު މަޖިލީހަށް ފޮނުއްވާނެ ކަމުގަ އެވެ.
މިނިސްޓަރު ވިދާޅުވީ އާސަންދަ އިން އެހީތެރިކަން ލިބެންޖެހޭ މުހިއްމު ކަންކަމުގައި އެހީ ނުލިބި އެބަހުރި ކަމަށެވެ. އަދި އެފަދަ ކަންކަމުގައި އެހީ ނުލިބޭތީ އެކަމާ އެތައް ބަޔަކު ސުވާލުކުރާ ކަން އެނގިވަޑައިގަންނަވާ ކަމަށެވެ.
"އަޅުގަނޑު ބަލާފައި އިރާދަކުރެއްވިއްޔާ އެކަންތަކަށް އެންމެ ރަނގަޅު ހައްލެއް މިވަގުތަށް ގެނެވެން އޮތް އެންމެ ރަނގަޅު ހައްލެއް ގެނައުމަށް އަޅުގަނޑު މަސައްކަތް ކުރާނަން. ކުއްލިއަކަށް ހުރިހާ ކަމެއް ނުއެއް ނިމެނޭ. އެކަންވެސް ގަބޫލުކުރަން ވާނެ،" މިނިސްޓަރު ވިދާޅުވި އެވެ.
ނަސީމް ވިދާޅުވީ އެކި ބަލިތަކަށް ފަރުވާ ދިނުމަށް އާސަންދަ އިން 1.2 ބިލިއަން ރުފިޔާ އަހަރަކު މިހާރު އެވްރެޖުކޮށް ހަރަދުކުރާ ކަމަށެވެ. އާސަންދަ އިން ހިދުމަތް ހޯދުމުގައި އެތައް މައްސަލަތަކެއް ހުރި ކަމަށް ސަރުކާރުން ގަބޫލުކުރާ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ. އަދި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އާސަންދަ އިން ކަންކަން ކުރެވެމުންދާ ކަމަށް ނުސީދާ ގޮތަކަށް އެއްބަސްވެވަޑައިގެންނެވި އެވެ.
"އެކަމަކު އަޅުގަނޑުމެން ޖެހޭނީ އެކަން ހިނގާ މިންވަރު ދެނެގަންނަން އެނގޭތޯ. ދެން އެހެންވީމާ އާސަންދަ ތަރުތީބު ކުރެވިފައި ހުންނަ ގޮތުން ވާގޮތަކީ އަޅުގަނޑުމެން އިސްލާހު ކުރަންޖެހޭ ކަންކަން އެބަހުރި. އެހެންވީމާ އެކަންކަން އަޅުގަނޑުމެން ކުރަމުން ގެންދާނަން އެނގޭތޯ އިއްޒަތްތެރި މެންބަރު. ޔަގީންކުރައްވާ އަޅުގަނޑު ވައްކަމަކަށް ތާއީދެއް ނުކުރާނަން،" މިނިސްޓަރު ވިދާޅުވި އެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގަތީ އެމަނިކުފާނުގެ ވެރިކަމުގައި ބޭސް ފަރުވާ އަށް ސަލާން ޖަހަން ނުޖެހޭނެ ކަަމަށް ވައުދުވެވަޑައިގެންނެވެ. އެކަމަކު ބައެއް ބަލިތަކަށް ފަރުވާ ހޯދުމަށް އާސަންދަ ނުލިބިގެން ސޯޝަލްމީޑިއާގައި އެތައް ބަޔަކު ދަނީ އާންމުންގެ އެހީއަށް އެދެމުންނެވެ.
އާސަންދަ ހިދުމަތުގެ ތެރޭގައި ކޮރަޕްޝަންގެ އަމަލުތަކެއް ހިމެނޭ ކަމަށް ދޭހަވާ ގޮތަށް ހެލްތު މިނިސްޓަރު ވާހަކަދެއްކެވިއިރު އާސަންދަ ކުންފުނީގެ 2020 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓްގައި އެ ކުންފުނިން ހަރަދުތައް ކޮށްފައިވަނީ މާލިއްޔަތު ގާނޫނާއި ގަވައިދާ އެއްގޮތަށް ކަމަށް ބުނެފައިވެ އެވެ.