ލައިފްސްޓައިލް

ގެއްލުނު ދަރިފުޅު މަރުނުވާ ކަމަށް ގަބޫލުކުރީ މަންމަ އެކަނި

އިންޑިޔާގެ ބިހާރުގެ ބުޒާރު ޑިސްޓްރިކްޓްގައި ދިރިއުޅޭ ޗަވީ މުސާހަރް 2009 ވަނަ އަހަރު ކުއްލިއަށް ގެއްލުނެވެ. އެއް ދުވަހަކު ގެއިން ނުކުމެގެން ބޭރަށް ދިޔަ ގޮތަށް އެނބުރި ނައިސް ޗަވީ ގެއްލުމުން އޭނާގެ އާއިލާއިން އޭނާ ހޯދަން ވަރަށް މަސައްކަތް ކުރި އެވެ.

ޗަވީ ގެއްލުނުއިރު އޭނާއަށް 23 އަހަރެވެ. އޭނާ ގެއްލުނުތާ ދެ އަހަރު ވީއިރު ވެސް އެއްވެސް ޚަބަރެއް ނުވުމުން އޭނާ މަރުވީ ކަމަށް އާއިލާ އިން ނިންމި އެވެ. އަދި 2011 ގައި އާއިލާއިން ވަނީ ހިންދޫން މަރުވީމަ ކުރާ ހުރިހާ ކަމެއް ކޮށްފަ އެވެ. އަދި 2007 ގައި އޭނާ ކައިވެނިކުރި އަންހެނުން ވެސް އަލުން އެހެން މީހަކާ ކައިވެނިކޮށްފައި ވެއެވެ.

ނަމަވެސް ޗަވީ މަރުވިކަމަކަށް އޭނާގެ މަންމަ ބިރްތީ ދޭވީ ގަބޫލެއް ނުކުރެ އެވެ. ބިރްތީ ގަބޫލުކުރި ގޮތުގައި ކޮންމެވެސް ދުވަހަކުން އޭނާގެ ދަރިފުޅު އެނބުރި އަންނާނެ އެވެ. މައިވަންތަކަމުގެ ލޯތްބަކީ އެ ކަހަލަ އެއްޗެކެވެ.

ޗަވީ ގެއްލުނުތާ 13 އަހަރު ފާއިތުވީ ފަހުން ކުއްލިއަކަށް ފެނުނީ ޗަވީ އޭނާގެ ގެއަށް ވަދެގެން އައި ތަނެވެ. ޗަވީ ފެނުމުން އޭނާގެ އާއިލާގެ މީހުންގެ އިތުރުން ބުޒާރުގެ ޚިލާފަތުޕޫރު އަވަށުގެ އެންމެން ވެސް ތިބީ ހައިރާން ވެގެން ގޮސް ބަސް ހުއްޓިފަ އެވެ.

ދެލޮލުން ކަރުނަ އޮހޮރެމުންދިޔަ ހާލުގައި ބިރްތީ އޭނާގެ ދަރިފުޅަށް ވަރަށް ހޫނު މަރުހަބާއެއް ކިޔެވެ. ބިރްތީ ބުނި ގޮތުގައި އެ ދުވަހަކީ އޭނާގެ ހަޔާތުގެ އެންމެ އުފާވެރި ދުވަހެވެ. އޭނާގެ ގެއްލިފައިވާ ދަރިފުޅު އެތައް އަހަރަކަށް ފަހު އެނބުރި އައީމަ އެވެ.

ބިރްތީ ބުނި ގޮތުގައި އޭނާ އެތައް ޒަމާނަކުއްސުރެ ކުރަމުން އައި ދުއާ ކަލާންގެ އިޖާބަ ކޮށްދެއްވީ އެވެ. އެކަމާ އޭނާ ހުރީ އިންތިހާއަށް އުފާވެފަ އެވެ.

ޗަވީގެ ބޭބެ ބުނި ގޮތުގައި އޭނާ ގެއްލުމުން އެމީހުން ނުހޯދާ އެއްވެސް ތަނެއް ނޯންނާނެ އެވެ. ހޮސްޕިޓަލުތަކާއި ރެއިލްވޭ ސްޓޭޝަންތަކާއި ތިމާގެ މީހުންގެ ގެތަކަށް ދާންދެން އެމީހުންހޯދި އެވެ. އަދި ޗަވީ މަރުވީކަމަށް ނިންމީ ދެ އަހަރަށް ވުރެ ގިނަ ދުވަހު އޭނާ ހޯދާ ނުފެނުނީމަ އެވެ.

ފާއިތުވީ 13 އަހަރު ޗަވީ ހުރި ޕާކިސްތާނުގެ ކަރާޗީ ޖަލެއްގަ އެވެ. އޭނާ އެ ގައުމަށް އެތެރެވީ ގޮތެއް އަދި ޖަލަށް ލާން ޖެހުނު ގޮތެއް އަދި އެކަކަށް ވެސް ނޭނގެ އެވެ. ޕާކިސްތާނު ޖަލުން އޭނާ މިނިވަންކުރުމަށްފަހު އަމްރިތުސަރް ރެޑް ކްރޮސް އާ ހަވާލުކުރުމުން އެ ފަރާތުން ޕޮލިހުންނާ އޭނާ ހަވާލުކުރި އެވެ.