ލައިފްސްޓައިލް

ސާނިއާ-ޝުއައިބު ވަކިކުރާކަށް ނޫޅެން: އައިޝާ އުމަރު

އިންޑިޔާގެ މަޝްހޫރު ޓެނިސް ތަރި ސާނިއާ މިރުޒާ އާއި އޭނަގެ ފިރިމީހާ އަދި ޕާކިސްތާނުގެ މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ ޝުއައިބު މަލިކުގެ 11 އަހަރުވީ ކައިވެނީގައި މައްސަލަތައް ޖެހި ދެ ތަރިން ވަކިވާން ނިންމައިފިކަމުގެ ޚަބަރުތަކެއް ފާއިތުވީ މަހެއްހާ ދުވަހުން ފެށިގެން ދަނީ ފެތުރެމުންނެވެ.

ޝުއައިބު ކައިރިން ވަރިވާން ސާނިއާ ނިންމި ސަބަބެއް ކަމަށް ނޫސްތަކުން ބުނެފައިވަނީ ޕާކިސްތާނު މޮޑެލް އަދި ބަތަލާ އައިޝާ އުމަރާއި ޝުއައިބުގެ މެދުގައި ލޯބީގެ ގުޅުމެއް އުފެދި ސާނިއާ އަށް ޝުއައިބު ބޭވަފާތެރި ވީކަން ފަޅާ އަރައިގެންނެވެ.

ނަމަވެސް މި ވާހަކަތައް އައިޝާ ވަނީ ދޮގުކޮށްފަ އެވެ. އިންސްޓަގްރާމްގައި އައިޝާގެ ފޭނަކު އޭނާ ކުރެން ޝުއައިބު އާ ކައިވެނިކުރަންތޯ ތި އުޅެނީ ކުރި ސުވާލުގެ ޖަވާބު އައިޝާ ދީފައި ވެއެވެ. އައިޝާ ބުނެފައިވަނީ ޝުއައިބު އޭނާގެ އަންހެނުންނާއެކު ވަރަށް އުފާވެރި ޒަވާޖީ ހަޔާތެއް އުޅެމުންދާ ކަމަށާއި ޝުއައިބު އާ ކައިވެނިކުރަން އޭނާ އެއްގޮތަކަށް ވެސް ޚިޔާލުވެސް ކޮށްފައި ނުވާ ކަމަށެވެ.

"އަހަރެން އެ ދެމަފިރިންނަށް (ސާނިއާ އާއި ޝުއައިބު އަށް) ވަރަށް އިހްތިރާމްކުރަން. ޝުއައިބު އާއި އަހަރެންނަކީ އެކުވެރިން. މިފަދަ ގުޅުންތައް ވެސް ދުނިޔޭގައި އޮވޭ،" އައިޝާ ބުނެފައި ވެއެވެ.

ނަމަވެސް ދުނިޔޭގެ މީޑިއާތަކުން ޝުއައިބު އާއި ސާނިއާގެ ގާތް އެކުވެރިއެއް ބުނިކަމަށް ބުނެ ރިޕޯޓުކޮށްފައިވާ ގޮތުގައި މި ދެ ފަންނާނުންގެ ވަރީގެ މައްސަލަ މިހާރު ވަނީ މުޅިން ނިމިފަ އެވެ. އެކަން ރަސްމީކޮށް އިއުލާން ނުކޮށް ތިބީ އެމީހުން އެކުގައި ސޮއިކޮށްފައިވާ އެކި ޕްރޮޖެކްޓްތަކުގެ ސަބަބުން އެކަން އަދި ކުރެވެން ނެތީމަ ކަމަށެވެ.

ދާދިފަހުން ސާނިއާ އާއި ޝުއައިބު ވަނީ އެ ދެ މީހުން ބައިވެރިވާ ޝޯއެއް ކަމަށްވާ "ދަ މިރްޒާ މަލިކް ޝޯ" ލޯންޗުކޮށްފަ އެވެ. އަދި މި ޝޯގެ ޝޫޓީންގްގައި ދެ މީހުން އުޅެނިކޮށް ވެސް ފެނިފައި ވެއެވެ.

ޝުއައިބު އާއި ސާނިއާ އަށް 2018ގައި ފިރިހެން ދަރިއަކު ލިބިފައި ވެއެވެ. މި ދެ ތަރިންގެ ވަރީގެ ޚަބަރުތައް ފަތުރާ ނޫސްތަކުން ބުނެފައިވަނީ ހަތަރު އަހަރުގެ އިޒްހާން މިރްޒާ މަލިކުގެ ކަސްޓަޑީގެ މައްސަލައިގައި ވެސް އަދި ދެ ފަރާތަށް އެއްބަސްވުމަކަށް ނާދެވޭ ކަމަށެވެ.