ލައިފްސްޓައިލް

ސާނިއާ އާއި ޝުއައިބު ވަރި ވަނީ

އިންޑިއާގެ މަޝްހޫރު ޓެނިސް ކުޅުންތެރިޔާ ސާނިއާ މިރްޒާ އާއި ޕާކިސްތާނުގެ ކްރިކެޓްގެ ދުނިޔޭގައި ވަރަށް ވިދާ ކުޅުންތެރިޔެއް ކަމަށްވާ ޝުއައިބު މަލިކުގެ 12 އަހަރުވީ ކައިވެނީގައި މައްސަލަތައް ޖެހި ދެމަފިރިން ވަރިވެއްޖެކަމުގެ ހަބަރުތަކެއް އިންޑިއާ އާއި ޕާކިސްތާނުގެ ނޫސްތަކުން މިހާރު ގެންދަނީ ފަތުރަމުންނެވެ.

ދެ މީހުންގެ ވަރީގެ ޚަބަރަށް ސާނިއާ ވެސް ޝުއައިބު ވެސް ވަކި އެއްޗެކޭ އަދި ބުނެފައެއް ނުވެ އެވެ. ދެ މީހުންނަކީ ވެސް ސޯޝަލް މީޑިއާގައި ވަރަށް އެކްޓިވް ދެ މީހުންނަށް ވީނަމަވެސް ވަރީގެ ވާހަކައިގެ ހަގީގަތް ދެ މީހުން ކުރެ އެކަކުވެސް ހާމައެއް ނުކުރެ އެވެ.

ސާނިއާ އާއި ޝުއައިބުގެ ވަރީގެ ވާހަކަ ބޮޑަށް ވައިގައި ހިފާފައިވަނީ ސާނިއާ އިންސްޓަގްރާމްގައި ޝެއާކުރި މެސެޖަކާ ގުޅިގެންނެވެ. އެ މެސެޖުގައިވަނީ "ހަލާކުވެފައިވާ ހިތްތައް ދަނީ ކޮންތާކަށް ހެއްޔެވެ؟" ސުވާލުކޮށްފަ އެެވެ. އަދި ދަރިފުޅާއެކު ނަގާފައިވާ ފޮޓޯއެއް ޝެއާ ކުރަމުން ސާނިއާ ލިޔެފައިވާ ގޮތުގައި ހަޔާތުގެ އެންމެ އުނދަގޫ ދުވަސްތައް ހޭދަކުރަން ފަސޭހަވަނީ ދަރިފުޅުގެ ސަބަބުން ކަމަށް ބުނެފައިވެ އެވެ.

ސާނިއާ އާއި ޝުއައިބުގެ ވަރި ފައިނަލް ވެފައިވާ ކަމަށް އެ މީހުންގެ ގާތް އެކުވެރިން އެކި ނޫސްތަކަށް ދިން އިންޓަވިއުތަކުގައި ޔަގީންކޮށްދީފައި ވެއެވެ.

ޕާކިސްތާނުގެ ބައެއް ނޫސްތަކުން ބުނެފައިވާ ގޮތުގައި ސާނިއާ އަށް ޝުއައިބު ބޭވަފާތެރިވެ އެކަން ސާނިއާ އަށް ފަޅާ އެރުމުން ޝުއައިބު އާ ކައިވެނިކޮށްގެން އުޅެން ސާނިއާ ބޭނުން ނުވީ އެވެ.

ޝުއައިބު ހޯސްޓްކުރި ޕާކިސްތާނު ޓީވީ ޝޯއެއްގެ ބައިވެރިޔަކާ އޭނާއާ އޮތް ގުޅުމެއް ސާނިއާ އަށް ފަޅާ އެރީ ކަމަށް ސާނިއާގެ އެކުވެރިން ބުނެފައި ވެއެވެ.

ސާނިއާ އާއި ޝުއައިބުގެ ފިރިހެން ދަރިފުޅު އިޒްހާންގެ އުފަން ދުވަސް ދާދިފަހުން ފާހަގަކޮށްފައިވާއިރު އުފަން ދުވަހުގެ ހަފުލާއަށް ޕާކިސްތާނުގައި ހުރެފައި ޝުއައިބު ޑުބާއީ އަށް ގޮސްފައި ވެއެވެ. އުފަން ދުވަސް ފާހަގަކުރިއިރު ނަގާފައިވާ ފޮޓޯތައް ޝުއައިބު ޝެއާ ކޮށްފައި ވެއެވެ. ނަމަވެސް މީގެން އެއްވެސް ފޮޓޮއެއް ސާނިއާ ޝެއާ ކޮށްފައެއް ނުވެ އެވެ. އަދި އޭނާގެ އިންސްޓަގްރާމް އެކައުންޓުން ކުރިން ފެންނަން ހުރި ޝުއައިބު އާއެކު ނަގާފައިވާ ފޮޓޯތައް ވެސް ސާނިއާ ވަނީ ފޮހެލާފަ އެވެ. މިހާރު ސާނިއާގެ އިންސްޓަގްރާމް އެކައުންޓުގައި ޝުއައިބުގެ އެއްވެސް ފޮޓޮއެއް ނެތެވެ.

ޝުއައިބު އާއި ސާނިއާ ކައިވެންޏަށްފަހު ދިރިއުޅެމުން ދިޔައީ ޑުބާއީގަ އެވެ. އެ ދެމަފިރިންގެ އަމިއްލަ ގެއެއް ޑުބާއީގައި ހުރެ އެވެ. ސާނިއާ ޑުބާއީގައި ދިރިއުޅެމުން ދިޔަ ނަމަވެސް ޝުއައިބު އަހަރުގެ ގިނަ ދުވަސްތަކެއް ހޭދަކުރަމުން ދިޔައީ އަމިއްލަ ގައުމު ޕާކިސްތާނުގަ އެވެ.

ޝުއައިބުއާ ކައިވެނިކުރުމުގެ ކުރިން ސާނިއާ އާއި ޝާހިދު ކަޕޫރުގެ މެދުގައި ލޯބީގެ ގުޅުމެއް އޮތް ކަމުގެ ޚަބަރުތަކެއް ފެތުރުނެވެ. އަދި "ކޮފީ ވިތު ކަރަން"ގެ އެޕިސޯޑެއްގައި ސާނިއާ ވެސް ވަނީ އޭނާއާ ޝާހިދުގެ ލޯބީގެ ގުޅުމެއް އޮތް ކަމަށް އެއްބަސްވެފަ އެވެ. ނަމަވެސް ސާނިއާ އަށް އަހަރުގެ ގިނަ ދުވަސް ތަކަކު އަމިއްލަ ވަޒަނުގައި ހުންނަން ނުލިބި ޓެނިސް މުބާރާތްތަކުގައި ކުޅުމަށް ދުނިޔޭގެ އެކި ގައުމުތަކުގައި އުޅެން ޖެހުމުން އެމީހުންގެ ގުޅުން ކެނޑެން މެދުވެރިވީ ކަމަށް ސާނިއާ ބުނެފައި ވެއެވެ.