ފޮރިން މިނިސްޓްރީ

އެއްބަސްވުންތައް އެކުލަވާލަންވީ ގޮތް ކިޔައިދީފި

Apr 14, 2022

އެއްބަސްވުންތައް ހެދުމުގައި ބަލަންވީ ކަންކަމާ ގުޅޭ މައުލޫމާތު ދިނުމަށް ފޮރިން ސާވިސް އިންސްޓިޓިއުޓް އޮފް މޯލްޑިވްސް (ފޮސިމް) އިން ތަމްރީން ސެޝަނެއް ބާއްވައިފި އެވެ.

މި ސެޝަންގައި މައިގަނޑު ގޮތެއްގައި މައުލޫމާތު ހިއްސާކުރީ އެއްބަސްވުމެއް ހަދާއިރު މަޝްވަރާތައް ކުރިއަށް ގެންދާނެ ގޮތުގެ އުކުޅުތަކާއި އެއްބަސްވުމެއް އެކުލަވާލުމުގައި ސަމާލުކަން ދޭންވީ ކަންކަމާއި އަދި ސޮއިކުރުމުގެ މަރުހަލާތައް ކުރިއަށް ގެންދާނެ ގޮތާ ގުޅޭގޮތުންނެވެ.

ސެޝަންގައި ބައިވެރިވީ މިނިސްޓްރީ އޮފް ފިނޭންސާއި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން އަދި މޯލްޑިވްސް ޕޮލިސް ސާވިސްގެ ކަމާ ގުޅޭ ބޭފުޅުންނެވެ.

ފޮރިން މިނިސްޓްރީގައި އިއްޔެ ކުރިއަށް ގެންދިޔަ މި ސެޝަން އަކީ ފޮސިމްގެ ސްޓޭކް ހޮލްޑާ އެވެއާނެސް ޕްރޮގްރާމްގެ ދަށުން ހިންގުނު ސެޝަން އެކެވެ.

ސްޓޭކްހޯލްޑާ އެވެއާނެސް ޕްރޮގްރާމަކީ ފޮރިން މިނިސްޓްރީއަށް ތަޖުރިބާއާއި ކަމާ ގުޅުން ހުރި ދާއިރާތަކުން ލިބިފައިވާ ހުނަރުތައް ދައުލަތުގެ އެހެން މިނިސްޓްރީތަކާ އަދި އިދާރާތަކާ ހިއްސާކުރުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.


އިއްޔެގެ ސެޝަން ނަންގަވައިދެއްވީ ފޮރިން މިނިސްޓްރީގެ ޗީފް އޮފް ޕްރޮޓޮކޯލް އައިޝަތު ޝާން ޝާކިރާއި އެޑިޝަނަލް ސެކްރެޓަރީ އަހްމަދު ޝިއާން އަދި ލީގަލް ކައުންސެލް މުހައްމަދު އަސީލް ހަސަން އެވެ.

ފޮރިން ސާވިސް އިންސްޓިޓިއުޓް އޮފް މޯލްޑިވްސް އަކީ މިދިޔަ ނޮވެމްބަރު 14 ވަނަ ދުވަހު އަމަލުކުރަން ފެށި ދިވެހިރާއްޖޭގެ ފޮރިން ސާވިސްގެ ގާނޫނުގެ ދަށުން އުފައްދާފައިވާ އިންސްޓިޓިއުޓެކެވެ.