ރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރު އަންނަ ހަފްތާގައި އިންޑިއާއަށް ވަޑައިގަންނަވާނެ ކަމަށް އެ ގައުމުގެ ނޫސްތަކުން ބުނެފި އެވެ.
އިންޑިއާގެ ނޫސްތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ޒަމީރު އިންޑިއާގެ ވެރިރަށް ނިއުދިއްލީއަށް ރަސްމީ ދަތުރުފުޅެއްގައި ވަޑައިގަންނަވާނީ މިމަހުގެ ނުވަވަނަ ދުވަހު އެވެ.
މިއީ ރަައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ރަސްމީ ދަތުރުފުޅެއްގައި ފޮރިން މިނިސްޓަރު ޒަމީރު އިންޑިއާއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅަށް ވެގެންދާނެ އެވެ.
ޒަމީރުގެ ދަތުރުފުޅުގެ ބޭނުމާ ގުޅޭގޮތުން އިންޑިއާގެ ނޫސްތަކުގައި ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ރައީސް މުއިއްޒުގެ ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާ ގުޅިގެން އަވަށްޓެރި އިންޑިއާ އާއި މިހާރުގެ ސަރުކާރުގެ ގުޅުން އެހާ ރަނގަޅެއް ނޫނެވެ.
ރާއްޖޭގެ ރައީސުން މީގެކުރިން މަގާމުގެ ހުވާކުރެއްވުމަށްފަހު އާންމު ގޮތެއްގައި ފުރަމާނަ ދަތުރުފުޅެއްގައި ފުރަތަަމަ ވަޑައިގަންނަވަނީވެސް އިންޑިއާ އަށެވެ. އެކަމަކު ރައީސް މުއިއްޒު ފުރަމާނަ ދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގަތީ ޗައިނާ އަށެވެ.
މިނިސްޓަރު ޒަމީރުގެ ދަތުރުފުޅާ ގުޅޭގޮތުން ފޮރިން މިނިސްޓްރީން އަދި ވަކި އެއްޗެއް ނުބުނެ އެވެ.