ބޮލީވުޑް

ކެންސަރު ޖެހުމުން ވަރަށް ރޮވުނު: ސަންޖޫ

ކެންސަރު ޖެހުމުން އޭނާއަށް ކުރި އަސަރުން އެތައް ގަޑިއިރެއް ވަންދެން ހުއްޓާ ނުލާ ރޮވުނު ކަމަށް ސަންޖޭ ދަތު ބުނެފި އެވެ. ދާދިފަހުން އިންޑިއާ ނޫހަކަށް ދިން އިންޓަވިއު އެއްގައި ސަންޖޫ ބުނީ އޭނާ ކައިރީ އެ ވާހަކަ ބުނީ ދައްތަ ޕްރިޔާ ކަމަށެވެ. އެއީ ކޮވިޑް-19 ލޮކްޑައުން ތެރޭގައި ކަމަށާއި އެ ވާހަކަ ބުނުމުން އެތައް ގަޑިއިރެއް ވަންދެން އޭނާއަށް ހިފެހެއްޓުމެއްނެތި ރޮވުނުކަމަށް ވެސް ސަންޖޫ ބުންޏެވެ.

އޭނާ ބުނި ގޮތުގައި އެންމެ ބޮޑަށް ދެރަވީ އާއިލާއަށް ވެދާނެ ގޮތަކާ މެދު ވިސްނާފަ އެވެ.

ނަމަވެސް ހިތްވަރާއެކު ބައްޔާ ހަނގުރާމަކޮށް ސަންޖޫ މިހާރު ވަނީ ކެންސަރުން މުޅިން ފަސޭހަވެ އޭނާގެ ސިއްހަތު ވެސް ބަލި ނުޖެހޭ އިރަށް ވުރެ ވެސް ރަނގަޅުވެފަ އެވެ. ސަންޖޫ ބުނި ގޮތުގައި ކީމޯތެރަޕީގެ ސައިޑް އިފެކްޓްސް ތަކާ ގުޅޭ ގޮތުން ވެސް ޑޮކްޓަރުން އޭނާއަށް ވަރަށް އިންޒާރު ދިނެވެ. ނަމަވެސް އެކަމާ ބިރު ނުގަނެ ކެރިގެން އެ ފަރުވާ ވެސް ނެގި އެވެ.

އޮގަސްޓް 2020 ގައި ސަންޖޫ އަށް ކެންސަރު ޖެހިފައިވާކަން އެނގުނުއިރު ވެސް ކެންސަރު ހުރީ ހަތަރު ވަނަ ސްޓޭޖުގަ އެވެ.

"އެއީ ލޮކްޑައުން ތެރޭ ދުވަހެއް. އާދައިގެ މަތިން އަހަރެން ސިޑިން އެރި ތަނާ ނޭވާލާން އުނދަގޫވާ ގޮތްވީ. އަހަރެން ގޮސް އަވަހަށް ފެންވަރާލީ. ނަމަވެސް ލުއިވުމުގެ ބަދަލުގައި އިތުރަށް ނޭވާ ލާން އުނދަގޫވީ. ދެން އަވަހަށް ޑޮކްޓަރަށް ގުޅީ. ޑޮކްޓަރުގެ އިރުޝާދާ އެއްގޮތަށް އެކްސްރޭ ނެގިއިރު ފުއްޕާމޭގެ ދެބައިކުޅަ އެއްބަޔަށް ވުރެ ބޮޑު ބައިގައި ހުރީ ފެން ހެދިފައި. ދެން ޑޮކްޓަރުން އެ ފެންތައް ނެގީ. އޭރު އެންމެން ވެސް ހީކުރީ ޓީބީ ކަމަށް. ނަމަވެސް ވީ ކެންސަރަށް،" ސަންޖޫ ކިޔައިދީފައި ވެއެވެ.

ސަންޖޫ ބުނި ގޮތުގައި ކެންސަރު ހުރިކަން އެނގުނު ވަގުތު އަނބިމީހާ އާއި ދަރިންގެ ޚިޔާލުތައް އޭނާ ވަށާލި އެވެ. އެހާ ވަރަށް ރޮވުނީ އޭނާ ނެތް ދުވަހަކުން އެމީހުންނަށް ވާނެ ގޮތެއް ނޭނގޭތީ އެވެ.

ކޮންމެއަކަސް ވަރަށް ގިނަގުނަ ފަރުވާ އިން އަދި ހިތްވަރާއެކު ތަހައްމަލުކުރި ވޭނުގެ ފޮނި ނަތީޖާ ސަންޖޫ އަށް ލިބި އޭނާ ވަނީ ކެންސަރު ބަލިން މުޅިން ފަސޭހަ ވެފަ އެވެ.

ސަންޖޫގެ އެންމެ ފަހު ފިލްމު ކޭޖީއެފް ޗެޕްޓާ 2 ރިލިޒް ކޮށްފައިވާއިރު ބޮކްސް އޮފީސް ރެކޯޑްތައް މި ފިލްމު ވަނީ މުގުރަން ފަށާފަ އެވެ. އޭޕްރީލް 14 ވަނަ ދުވަހު ރިލީޒްކުރި މި ފިލްމަށް ފުރަތަމަ ދުވަހުން 134.5 ކްރޯޑު ލިބިފައި ވެއެވެ. މިއީ "ބަހޫބަލީ 2"ގެ ރެކޯޑަށް ވުރެ ވެސް މަތީ އަދަދެކެވެ.