ބޮލީވުޑް

ފިލްމުފެއާގެ އެންމެ ގިނަ ނޮމިނޭޝަންސް "ގަންގޫބާއީ" އަށް

ފިލްމްފެއާ އެވޯޑްސް 2023އަށް ނޮމިނޭޓް ވެފައިވާ ފިލްމުތަކާއި ތަރިން އިއުލާން ކޮށްފި އެވެ.

ސަލްމާން ޚާނާއި އަޔޫޝްމާން ކުރާނާ ހޯސްޓް ކުރަން ހަމަޖެހިފައިވާ މިފަހަރުގެ ފިލްމުފެއާ އެވޯޑްސް އޮންނާނީ މިހިނގާ އެޕްރީލް މަހުގެ 27 ވަނަ ދުވަހުގެރޭ މުމްބައިގެ ޖިއޯ ވޯލްޑް ކޮންވެންޝަން ސެންޓަރުގަ އެވެ.

ފިލްމުފެއާ އެވޯޑަކީ އިންޑިއާގައި އުފައްދާ ފިލްމުތަކަށް ދޭ އެވޯޑުތަކުގެ ތެރެއިން އެންމެ ގިނަ ޒަމާންވީ ވަރަށް ގަދަރުވެރި އެވޯޑެކެވެ.

މިފަހަރުގެ ނޮމިނޭޝަންސް އިއުލާން ކުރިއިރު އެންމެ ގިނަ ނޮމިނޭޝަންސް ލިބިފައިވަނީ ސަންޖޭ ލީލާ ބާންސާލީގެ "ގަންގޫބާއީ ކަޓިއާވަޅީ" އަށެވެ. ގާތްގަނޑަކަށް ހުރިހާ ކެޓަގަރީއަކުން ކަހަލަ ގޮތަކަށް މި ފިލްމަށް ނޮމިނޭޝަންސް ލިބިފައިވެ އެވެ. މީގެތެރޭގައި އެންމެ މޮޅު ފިލްމު، އެންމެ މޮޅު ބަތަލާ، އެންމެ މޮޅު ޑައިރެކްޓަރު ފަދަ އެވޯޑުތަކުގެ ނޮމިނޭޝަންސް ހިމެނެ އެވެ.

އެންމެ މޮޅު ފިލްމުގެ ކެޓަގަރީން ނޮމިނޭޓް ވެފައިވަނީ "ބަދާއީ ދޯ"، "ބޫލް ބުލައްޔާ 2"، ބްރަމަސްތުރަ ޕާޓް ވަން: ޝިވާ"، "ގަންގޫބާއީ ކަތިއާވަޅީ"، "ދަ ކަޝްމީރު ފައިލްސް" އަދި "އޫންޗާއީ" އެވެ.

އެންމެ މޮޅު ޑައިރެކްޓަރުގެ ކެޓަގަރީން ނޮމިނޭޓް ވެފައިވަނީ ޑައިރެކްޓަރު އަނީޒް ބަޒްމީ (ބޫލް ބުލައްޔާ 2)، އަޔާން މުކަރުޖީ (ބްރަމަސްތުރަ)، ހަރްޝްވަރްދަން ކުލްކަރްނީ (ބަދާއީ ދޯ)، ސަންޖޭ ލީލާ ބާންސާލީ (ގަންގޫބާއީ)، ސޫރަޖް ބަރްޖަތިޔާ (އޫންޗާއީ) އަދި ވިވެން ރަންޖަން އަގްނިހޯތުރީ (ދަ ކަޝްމީރު ފައިލްސް) އެވެ.

ކްރިޓިކްސް ބެސްޓް ފިލްމަށް ނޮމިނޭޓް ވެފައިވަނީ "ބަދާއީ ދޯ" އާއި "ބީޅިޔާ"، "ޖޫންޑް"، "ރޮކެޓަރީ: ދަ ނަމްބީ އިފެކްޓް" އަދި "ވަދް" އެވެ.

ބެސްޓް އެކްޓަރުގެ ނޮމިނޭޓްސްގައި ހިމެނެނީ އަޖޭ ދޭވްގަން (ޑްރިޝަމް 2)، އަމީތާބް ބައްޗަން (އޫންޗާއީ)، އަނޫޕަމް ކޭރް (ދަ ކަޝްމީރު ފައިލްސް)، ރިތިކް ރޯޝަން (ވިކްރަމް ވެދާ)، ކާރްތިކް އާރްޔަން (ބޫލް ބުލައްޔާ 2) އަދި ރާޖްކުމާރު ރާއީ (ބަދާއީ ދޯ) އެވެ.

އެންމެ މޮޅު ބަތަލާގެ ކެޓަގަރީން ނޮމިނޭޓް ވެފައިވަނީ އާލިއާ ބަޓް (ގަންގޫބާއީ)، ބޫމީ ޕެޑްނޭކަރް (ބަދާއީ ދޯ)، ޖާންވީ ކަޕޫރު (މިލީ)، ކަރީނާ ކަޕޫރު ޚާން (ލާލް ސިންގް ޗައްޑާ)، ތައްބޫ (ބޫލް ބުލައްޔާ 2) އެވެ. މީގެ ތެރެއިން ތައްބޫ އާއި ބޫމީ ވަނީ އެންމެ މޮޅު ބަތަލާގެ ކްރިޓީކްސް އެވޯޑަށް ވެސް ނޮމިނޭޓް ވެފަ އެވެ. މި އެވޯޑަށް ދެން ނޮމިނޭޓް ވެފައިވަނީ ކާޖޮލް (ސަލާމް ވެންކީ) އާއި ތާޕްސީ ޕަންނޫ (ޝާބާސް މީތޫ) އަދި ނީތާ ގުޕްތާ (ވަދް) އެވެ.