އާލިއާ ބަޓް

އާލިއާގެ އޭޑީއެޗްޑީ ހުންނަކަން އެނގިއްޖެ، ހަމަހިމޭންވަނީ ދަރިފުޅާއެކު

ބޮލީވުޑް އެކްޓްރެސް އާލިއާ ބަޓްގެ އެޓެންޝަން ޑެފިސިޓް ހައިޕާއެކްޓިވިޓީ ޑިސްއޯޑާ (އޭޑީއެޗްޑީ) ހުންނާތީ އޭނާއަށް ހަމަހިމޭންކަން ލިބެނީ ދަރިފުޅު ރާހާއާއެކު ހޭދަކުރާ ވަގުތުގައި ކަމަށް ބުނެފި އެވެ.

މިފަހުން ދިން އިންޓަވިއުއެއްގައި އާލިއާ ބުނީ އޭޑީއެޗްޑީ ހުންނަކަން އެނގުނީ ދާދި ފަހުން އޭނާ ހެދި ސައިކޮލޮޖިކަލް ޓެސްޓަކުން ކަމަށެވެ. އަދި އެ ސްޕެކްޓްރަމްގައި އޭނާ އިންނަނީ ވަރަށް މަތީގަ ކަމަށެވެ.

އޭޑީއެޗްޑީއަކީ އާންމު އުޅުމަށް ބަދަލު ގެނުވާ ބައްޔެކެވެ. މި ބަލީގެ ސަބަބުން ގިނަ ވަގުތު އެއް ކަމަކަށް ސަމާލުކަން ދީގެން އިންނަން އުނދަގޫވެ، ކުއްލި ހިޔާލުތަކުގެ މައްޗަށް އަމުލުކުރެވެ އެވެ. އަދި ހަމަޖެހިގެން އެއްތަނެއްގައި އިންނަންވެސް އެ ބަލި ހުންނަ މީހުންނަށް އުނދަގޫވެ އެވެ.

އާލިއާ ބުނީ އެންމެ ތުއްތު އިރުއްސުރެ ވާހަކައެއްގެ ތެރެއިން ނުވަތަ ކަމެއް ކުރަން އިންނަ ވަގުތު އެހެން ކަމަކަށް ގެއްލިގެން އިނދެވޭ ކަމަށެވެ. އަދި އޭނާގެ ރައްޓެހިން ގާތުގައި އޭޑީއެޗްޑީ ހުންނަ ވާހަކަ ހިއްސާކުރުމުން އެމީހުންނަށް އަބަދު ވެސް އެނގެޔޭ ބުނާކަމަށް އާލިއާ ބުންޏެވެ.

"އެކަމަކު އަހަރެން ދުވަހަކުވެސް ހިތަކަށް ނާރާ،" އާލިއާ ބުންޏެވެ.

އޭނާ ބުނީ ހަމަހިމޭން ކަމާއެކު އެނާއަށް ތަނެއްގައި އިނދެވެނީ ވަރަށް މަދު ހާލަތެއްގައި ކަމަށެވެ. އަދި އޭނާގެ އަންހެން ދަރިފުޅު ރާހާއާއެކު ހޭދަކުރާ ވަގުތުގައި އޭނާއަށް އެކަމަށް ހުސްވެގެން ހަމަޖެހިގެން އިނދެވޭ ކަމަށްވެސް ބުންޏެވެ.

އާލިއާ ބުނި ގޮތުގައި ފިލްމެއް ޝޫޓުކުރާއިރުވެސް އޭނާއަށް ސީދާ އެކަމަށް ސަމާލުކަންދީގެން ހުރެވެ އެވެ.